ރުފިޔާގެ އާ ޝިޕްމަންޓެއް ޗާޕްކޮށްގެން އެތެރެކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް ރުފިޔާގެ އާ ޝިޕްމަންޓެއް ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އާ ޝިޕްމަންޓެއް ނެރެފައި ވަނީ ދައުރުކުރުމަށް ނެރެފައިވާ ފަސް ރުފިޔާގެ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށެވެ.

އެ ފައިސާ ޗާޕްކޮށްގެން ގެނެސް "ދައުލަތުގެ ހަޒާނާގައި ރައްކާކުރެވި"ފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ވެސް ބުންޏެވެ.

އަލަށް ޗާޕްކޮށްގެން ގެނައި ރުފިޔާގައި ހިމެނެނީ ކިހާ ފައިސާ އެއް ކަމެއް އެމްއެމްއޭ އަކުން ނުބުނެ އެވެ. ނަމަވެސް ސަން އަށް އެންގިފައިވާ ގޮތުގައި އަންގާރަ ދުވަހު އައި އެމިރޭޓްސްގެ ފްލައިޓަކުން 40 ފޮށިގަނޑެއްގައި 2.4 ޓަންގެ ފައިސާ ގެނެސްފައިވެ އެވެ.

އަންގާރަ ދުވަހު އެތެރެ ކުރި ޝިޕްމަންޓާ ބެހޭ ގޮތުން އެމްއެމްއޭ އިން މިއަދު ތިން ލައިންގެ ސްޓޭޓްމަންޓެއް ނެރުނީ މީޑިއާ އިން ސުވާލުތައް އުފައްދަން ފެށުމުންނެވެ.

އެމްއެމްއޭ އިން ފައިސާ ޖަހައިގެން އަލުން އެތެރެ މިކުރީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިން އުނިކުރި ބައި ދޫކުރަން ޖެހޭ ހާލަތަކަށް ހިނގައްޖެ ނަމަ، އަލުން ފައިސާ ޖަހަން ޖެހިދާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާފައި ވަނިކޮށެވެ.

"ކޯޓުން އެގޮތަށް ނިންމަވައިފިއްޔާ އަޅުގަނޑުމެން ދެން ދާނަން މަޖިލީހަށް، އެފައިސާ އިތުރުކޮށް ދެއްވާތޯ، ދެން ސަރުކާރުން ޖެހޭނީ އިތުރު ފައިސާ ޖަހަން، އޭރުން ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އަރައިގެން ދާނެ،" ރައީސް މިދިޔަ މަހުގެ ކުރީކޮޅު ވިދާޅުވި އެވެ.

ކުރިން 12.85 ރުފިޔާ އަށް ވިއްކި ޑޮލަރު މި އެޕްރީލް މަހުގެ ކުރީ ކޮޅު 15.42 ރުފިޔާ އަށް ބަދަލުކުރި ހިސާބުން ރުފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މިހާރު ބާޒާރުން ޑޮލަރު ގަންނަން ލިބެނީ 17ރުފިޔާ އާއި 18ރުފިޔާ އާ ދެމެދުގެ އަގުތަކުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު