ކޮމިޓީ އެލަވަންސާ ދެކޮޅު އެއްވުމުގެ ތެރޭ އަލްހާން އެލަވަންސަށް ތާއީދުކުރާ ކަމަށް ވިދާޅުވުމުން އެއްވުން ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަަވަންސް ދިނުމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް މަދަނީ ޖަމިއްޔާތަކުން މިއަދު ސުނާމީ ބިނާ ކައިރީ ބޭއްވި އެއްވުމުގައި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ކޮމިޓީ އެލަވަންސް ނަންގަވާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމުން އެއްވެ ތިބި މީހުންނާއި އަލްހާނާ ދެމެދު ދެބަސްވުން އުފެދި، މައްސަލަ ހޫނުވެއްޖެ އެވެ.

މެމްބަރުންގެ 20،000ރ.ގެ ކޮމިޓީ އެލަވަންސް ބާތިލުކުރަން ގޮވާލައި މަދަނީ ޖަމިއްޔާތަކުން މިއަދު ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުންދަނިކޮށް އެ ސަރަހައްދަށް އަލްހާން ވަޑައިގަތީ އޭނާގެ ދެ އަހަރުގެ ދަރިފުޅާ އެކު އެވެ. އަލްހާން ސައިކަލުގައި ގޮސް، މަޑުކުރެއްވުމުން އެލަވަންސާ ދެކޮޅު ލީފްލެޓްތައް ބަހަމުންދިޔަ ދެ އަންހެން ކުއްޖަކު ވަނީ އަލްހާނާ ވެސް ލީފްލެޓެއް ހަވާލުކޮށްފަ އެވެ. އަދި މައިކް ކައިރިއަށް ގޮސް އޭގެ ތެރެއިން އަންހެން ކުއްޖަކު ބުނީ "އިއްޒަތެރި މެމްބަރު ވިދާޅުވީ އެލަވަންސަށް ތާއީދު ކުރަމޭ، ތިޔަށްވުރެ ޓެކްސް ބިލުތަކާ އުޅުނިއްޔާ މާ ރަނގަޅޭ" ކަމަށެވެ.

އެހެން ބުނިއިރު، ސައިކަލް ޕާކު ކުރެއްވުމަށްފަހު އަލްހާން ހުންނެވީ ރާޅުގަނޑުގައި ހަދައިފަ ހުރި ބާސްކެޓް ބޯޅަ ކޯޓް ކައިރީ އެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ދަރިފުޅު ގޮވައިގެން އެއްވެ ތިބި މީހުން ކައިރިއަށް ގޮސް، އަލްހާން މައިކް ހޯއްދަވައިގެން ވާހަކަ ދައްކަވަން ފެއްޓެވި އެވެ.

އަލްހާން ވިދާޅުވީ، އޭނާގެ ކުޑަދަރިފުޅު ގޮވައިގެން ހަވީރު ހިތްހަމަޖައްސާލަން އެ ސަރަހައްދަށް ވަޑައިގަތުމުން މަދަނީ ޖަމިއްޔާތުގެ ބޭފުޅުން އޭނާ އާ "ހަޑިހުތުރު" ބަހުން މުހާތަބުކޮށް ކަންތައް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށާއި އެއީ މަދަނީ ޖަމިއްޔާތަކުން އަމަލުކުރަންވީ ގޮތެއް ނޫން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އަދި ކޮމިޓީ އެލަވަންސް ނަގަން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކޮމިޓީ އެލަވަންސަށް ތާއީދުކުރަން. އަޅުގަނޑުގެ ޕާޓީން ވެސް މިކަމަކާ ދެކޮޅެއް ނަހަދާ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން އެގޮތަށް ވިދާޅުވުމުން، އެއްވުމުގެ ތިބި ބައެއް މީހުން ވަނީ "ތީ ރައްޔިތުންގެ ލޭބޮނީ" ކަމަށް ވިދާޅުވެ، އަލްހާން ވަށާލައި، އޭނާ އާދިމާއަށް އެއްޗެހި ގޮވައިފަ އެވެ. އަދި ދެފާރުގެ މެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ބަދަލުކުރަމުން ދިޔަ އެވެ. އޭރުވެސް އޭނާގެ ދަރިފުޅު ކައިރީގައި ހުއްޓެވެ. ނަމަވެސް، އިތުރަށް މަސްލަހަތު ގޯސްވުމުން އެ ސަރަހައްދު ދޫކޮށް އަލްހާން ވަނީ ވަޑައިގެންފަ އެވެ.

މަދަނީ ޖަމިއްޔާގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލުން ވިދާޅުވީ، އަލްހާންގެ ދަރިފުޅާއެކު ހުއްޓައި އެގޮތަށް ކަންތައް ހޫނުވެގެން ދިއުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް، އެފަދަ އެއްވުމެއްގެ ތެރެއަށް ދަރިފުޅު ގޮވައިގެން ވަޑައިގަތުމުގެ ކުރިން ވިސްނަވަން ވާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

ކޮމިޓީ އެލަވަންސާ ދެކޮޅަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެ އެވެ.

މިހާތަނަށް މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު ވަނީ އެލަވަންސް ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ލިޔުމާ ގުޅޭ ވީޑއޯ:

http://www.youtube.com/watch?v=cHlcam3g-pc&feature=share
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު