އެގްރިމެންޓަށް އަމަލުކުރަން ނުފަށައިފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ނެކްސްބިޒް އިން ދީފި

ޑީޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ އެކު ސޮއިކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެގްރިމެންޓަށް އިމިގްރޭޝަނުން އަމަލު ކުރަމުން ނުދާތީ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކުންފުނިން ދީފި އެވެ.

ނެކްސްބިޒް އިން މިމަހުގެ 19 ވަނަ ދުވަހު އިމިގްރޭޝަން ކޮންޓްރޯލަރު އަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ސިޓީގައި ބުނަނީ، އެކުންފުންޏާ އެކު ޕްރޮޖެކްޓް ކުރިއަށްގެންދަން ކެބިނެޓުން ނިންމާފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އެއްވެސް ޖަވާބެއް އިމިގްރޭޝަންގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ އެޕޮއިންޓްމަންޓެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް، އެގްރިމެންޓުގައިވާ ގޮތަށް ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްފައި ކަމަށާއި އެތަކެތި ރާއްޖެ އެތެރެކުރުމަށް ޑިއުޓީވެސް ދައްކާފައިވާ ކަމަށް ނެކްސްބިޒް އިން ބުނެ އެވެ. އޭގެ ތެރޭގައި ބައޯ މެޓްރިކް ފޭޝަލް އަދި ފިންގާ ޕްރިންޓް ހާޑްވެއާ އާއި ބޯޑާ ކޮންޓްރޯލް މެޝިންތަކާއި ސާވާ ހިމެނެ އެވެ.

އަދި އެކުންފުނިން ޕްރޮޖެކްޓު ކުރިއަށްގެންދަން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ އިރު އިމިގްރޭޝަނުން އެގްރިމެންޓަށް "އަމަލުނުކޮށް، އެއްވެސް ނިންމުމެއް ނުނިންމައި، އަޅާނުލައި" ތިބުމުގެ ސަބަބުން އެކުންފުންޏަށް ދަނީ ކޮންމެ ދުވަހަކު ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން ކަމަށް ވެސް ނެކްސްބިޒް ކުންފުނިން ފޮނުވި ސިޓީގައިވެ އެވެ.

އެހެންކަމުން، އިމިގްރޭޝަނުން ޕްރޮޖެކްޓް ތަންފީޒު ނުކުރާ ކަމުގައިވާ ނަމަ ނުވަތަ މިމަހުގެ 31ގެ ކުރިން އެގްރިމެންޓަށް އަމަލުކުރަން ނުފަށައިފި ނަމަ، އެކަން ހަމަޖެއްސުމަށްޓަކައި އިމިގްރޭޝަނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ނެކްސްބިޒް އިން ބުނެފައިވެ އެވެ. އަދި އިމިގްރޭޝަންގެ އަމަލުތަކުގެ ސަބަބުން އެކުންފުންޏަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ނެކްސްބިޒްގެ ސިޓީއާ ގުޅޭ ގޮތުން ކޮންޓްރޯލަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް އޮފީހަށް ވެސް ކޮޕީ ފޮނުވާފައިވާ އެސިޓީއާ ގުޅޭ ގޮތުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ މައްސަލައެއް ކަމަށާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު، ނެކްސްބިޒް އިން ދީފައިވާ މުއްދަތުގެ ތެރޭ އެކުންފުންޏަށް ސަރުކާރުން ޖަވާބެއް ދޭނެ ކަމަށެވެ.

"އެކަމާ ބެހޭ މަޝްވަރާތައް މިނިސްޓްރީތަކުގެ މެދުގައި ކޮށްފައި އެކަށީގެންވާ ޖަވާބެއް ދެއްވާނެ،" ޒުހެއިރު ވިދާޅުވި އެވެ.

ކޮންޓްރޯލަރަކަށް އިލްޔާސް ހުސެއިން އިބްރާހިމް ހުންނެވިއިރު، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ޓެންޑާއަކުން ނެކްސްބިޒްއާ އެ ޕްރޮޖެކްޓް ހަވާލުކޮށް، އެގްރިމެންޓުގައި ސޮއިކުރީ އޮކްޓޯބަރު 17، 2010 ގައި އެވެ. އެ މަސައްކަތާ ނެކްސްބިޒް އިން ހަވާލުވީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް، ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމަސައްކަތް ވަނީ ހުއްޓުވައިފަ އެވެ. އަލުން މަސައްކަތް ފެށީ ކެބިނެޓުން އިސްލާހުކޮށްގެން އެޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ނިންމުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު