ވިޕްލައިނާ ހިލާފްވި، މެންބަރު ޝިޔާން އާއި ޖާބިރުގެ މައްސަލަ ބަލަނީ

މަޖިލީހުގެ ނައިބު ރައީސްއަކަށް އަޙްމަދު ސަލީމް ހޮވުމަށް އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފުވި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ، ޕާޓީއަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވީ މެންބަރު ސަލީމްގެ އިތުރުން ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެދުގައި ބޭއްވި އިންތިޚާބު ކާމިޔާކުރެއްވީ ސަލީމެވެ.

އެއާއެކު ސަލީމް މަޖިލީހުގެ ނައިބު ރައީސް އަކަށް ގެނައުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނެވެ.

ވިޕްލައިނާ އެއްގޮތަށް މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން އެމްޑީޕީން ހުށަހަޅާފައި ވަނިކޮށް އެ ޕާޓީގެ މެންބަރު ޝިޔާން ވަނީ ޖާބިރުގެ ނަން ހުށަހަޅުއްވާފައެވެ. އަދި ޖާބިރުގެ ނަމަށް ގައްދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަޙްމަދު ޒާހިރު ތާއީދު ކުރެއްވިއެވެ.

އެއާއެކު ރޭ އޮތް މަޖިލީހުގެ ނައިބު ރައީސް ކަމުގެ އިންތިޚާބުގައި ވާދަކުރެއްވީ ސަލީމާއި ޖާބިރެވެ. ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކޮށް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ ސަލީމެވެ.

އެ ވޯޓުގައި 74 މެންބަރުން ބައިވެރިވިއެވެ. ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 51 ވޯޓެވެ. ޖާބިރަށް 23 ވޯޓު ލިބިވަޑައިގަތެވެ.

ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ޖާބިރާއި ޝިޔާންގެ މައްސަލަ ޕާޓީއަށް ހުށަހަޅަން ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ނިންމާފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު ބޭއްވި 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްއަކަށް އޭރު ހުންނެވި އީވާ އަބްދުﷲ ވަނީ، އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ދަނިކޮށް އިސްތިއުފާ ދެއްވާފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަ ވެސް ކުރިއަށް ގެންދިޔަ ނުދީ އެތައް ދުވަހެއްގައި ހިފެހެއްޓުމަށް ފަހު ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު އެ މަގާމަށް އިންތިޚާބުކުރެއްވީ މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.

comment ކޮމެންޓް