ވެންޓިލޭޓަރުތަކުގެ ފައިސާ ވަން ތަން އެނގޭ، ދައުވާ ކުރެވޭނެ: އޭސީސީ

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ވަދެފައިވާ އެކައުންޓު އެނގޭ ކަމަށާއި، މައްސަލައިގައި ދައުވާކުރެވޭނެ ހުރިހާ އުންސުރެއް ފުރިހަމަވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ ދެ ފަހަރެއްގެ މަތިން ޕީޖީ އަށް ލިބުނުއިރުވެސް އެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލަ ދިރާސާކުރި އިރު ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ފައިސާ ވަތް ތަނެއް އަދި ހޯދިފައެއް ނެތްކަމަށް ޕީޖީ މިއަދު ވިދާޅުވި އެވެ.

ޕީޖީގެ ވާހަކަތަކަށް ރައްދު ދެއްވައި، އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ ވެންޓިލޭޓަރު ކޭސްގައި ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކަމަށެވެ. އަދި އެ ކުށަކީ އޭސީސީން އަލަށް ތަހުގީގުކޮށް، އަލަށް ދައުވާކުރަން ފޮނުވި ކުށެއް ނޫން ކަމަށާއި އެ ކުށް ހިމެނޭ އެތައް މައްސަލައެއް އޭސީސީން ތަހުގީގުކޮށް، ޕީީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވާފައި ވާނެ ކަމަށެވެ.

"ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ސަބަބުން މަންފާ ލިބެން ނުޖެހޭ ބަޔަކަށް މަންފާ ލިބިއްޖޭ. އެހެންވީމަ މި ކުށުގެ ދައުވާ ކޮށްދޭށޭ އަޅުގަނޑުމެން މި ބުނީ. މީގަ އަޅުގަނޑުމެންނަށް ސާފުވާން އެބަ އޮތް ދުބާއީގެ މި ދެންނެވި ކުންފުންޏަށް ފައިސާ ގޮސް އެބަހުރި ކަން މިކަންކަން މިހެން ހުރީމާ،" އަނޫލާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވީ ޕީޖީ އޮފީހުގެ ވިސްނުމަކީ މަނީ ޓްރެއިލް ނުވަތަ ފައިސާ ދަތުރުކޮށްފައި ހުރި ގޮތް ހޯދުން ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފަކަށް އެ ފައިސާ ލިބިފައިވޭތޯ ނުވަތަ އެހެން މީހެއްގެ ޖީބަށް އެ ފައިސާ ވަދެފައިވޭތޯ ތަހުގީގުކޮށްފައި ނެތުމުން ނުވަތަ ތަހުގީގަށް އަދި ހޯދިފައި ނުވާތީ ކުށުގެ ދައުވާ ނުކުރުވޭނެ ކަމަށް ޕީޖީގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ.

"އެހެން ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫން. ނާޖައިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެއް ދައުލަތުގެ މުވައްޒަފެއްގެ މައްޗަށް އުފުލާއިރު، އެމީހަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ އޭނާއާ ގުޅުން ހުރި އެހެން މީހަކަށް ފައިދާއެއް ލިބިފަ އޮތް ކަމަށް ސާބިތުކޮށްދޭކަށް ނުޖެހޭ. އޭނަ އެ ކުރި ކަންތަކުގެ ސަބަބުން މިސާލަކަށް މި ކޭސްގަ ދުބާއީގެ ކުންފުންޏަށް ލާރި ދެވިފަ ހުރުހުން އެ ހިސާބުން އެ އޮތީ އެ ކުށް ފުރިހަމަ ވެފަ،" އަނޫލާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވީ އެހެން މީހަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރާއިރު، ދައުލަތުގެ މުވައްޒަފަކަށް ފައިދާވެފަ އޮންނަންވާނެ ކަމަށް ކުށުގެ އުންސުރުތަކުގެ ތެރޭގައި ނެތް ކަމަށެވެ. ނަމަވެސް އެކަން ވެސް ހޯދިފައިވާނަމަ ތަހުގީގު އިތުރަށް ފުރިހަމަވެ، އެ ފައިސާ ހޯދަން ވެސް ފަސޭހަވާނެ ކަމަށެވެ.

"އެހެން ނަމަވެސް ދައުވާ ކުރުމަކަށް އޮތް ހުރަހެއް ނޫނޭ އެ ނުހޯދި އޮތުމަކީ،" އޭނާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވީ މީގެކުރިން، ދައުލަތުގެ މުވައްޒަފަކު ދޫކުރާ ލިޔުމެއްގެ ސަބަބުން، އެހެންމީހަކަށް މަންފާއެއް ހޯދަން މަގުފަހިވެދާނެތީ ވެސް ދައުވާ އުފުލާފައި އެބަހުރި ކަމަށާއި އެހެންކަމުން މަނީ ޓްރެއިލް ނުހޯދިގެން، ކްރައިމް ޓްރޭސް ނުކުރެވިގެން ދައުވާ ނުކުރެވޭނޭ ބުނާ ބުނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭސީސީން މިއަދު ބުނީ އެ ފައިސާ ވަދެފައިވާ އެކައުންޓް އެނގޭ ކަމަށާއި، އުންސުރުތައް ވެސް ފުރިހަމަވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި "މަނީ ޓްރެއިލް" މުހިންމު ނޫން ކަމަށާއި ދައުވާ ކުރެވޭނެ ކަމަށެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވި އެވެ.

ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

ފަހުން އެ މައްސަލަ ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

comment ކޮމެންޓް