ފުލުހުން ޖިނާއީ ތަހުގީގުތައް ހިންގުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ބަޔާން ކުރާ ގަވައިދު އެކުލަވާލައި އެ ގަވައިދަށް އަމަލު ކުރަން ފަށައިފި އެވެ.
ޖިނާއީ ތަހުގީގުތައް ހިންގުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނު ތަސްދީގު ކުރުމުގެ ތިން މަސް ތެރޭގައި ޖިނާއީ ތަހުގީގު ހިންގުމާ ގުޅޭ ގަވާއިދު އެކުލަވާލައި އަމަލު ކުރަން ޖެހޭ ކަމަށެވެ.
މި ގަވާއިދުގައި ވަނީ ޖިނާއީ ތަހުގީގަށް މީހުން ފުލުހަށް ހާޒިރު ކުރުމާއި، މީހުން ހައްޔަރު ކުރުމާއި، ފުލުހުންގެ ބަންދުގައި މީހުން ބެހެއްޓުމާއި، ފުލުހުން ތަންތަން ބަލާ ފާސް ކުރުމާ ގުޅޭ ގޮތުން އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ފުލުހުންގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސުޕްރީމް ކޯޓުވެސް ތަހުގީގު ހިންގުމާ ގުޅޭ ގަވައިދު ހަދަން ޖެހެއެވެ. މި ތިން ތަނުންވެސް ވެސް ވަނީ މީގެ ކުރިން ތަހުގީގު ހިންގުމާ ގުޅޭ ގަވާއިދު އެކުލަވާލައި އަމަލު ކުރަން ފަށައިފައެވެ.
ފުލުހުން ޖިނާއީ ތަހުގީގު ހިންގުމުގެ ގަވައިދެއް އެކުލަވާލައި އަމަލު ކުރަން ފަށާފައިވާއިރު މި ގަވާއިދު ހަދާފައި މިވަނީ މި ގަވައިދު ހަދަން ގާނޫނު ލާޒިމު ކުރާ މުއްދަތު ފަހަނައަޅާފައިވާތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ.