ސީރިއާގައި ހިފެހެއްޓި ޖަޕާނުގެ ނޫސްވެރިޔާ ދޫކޮށްލައިފި

ސީރިއާގައި ހިފެހެއްޓި ޖަޕާނުގެ ނޫސްވެރިޔާ ޖުމްޕެއި ޔަސުދާ -- ފޮޓޯ: ރޮއިޓާސް

ޓޮކިޔޯ (އޮކްޓޯބަރު 24): ސީރިއާގައި ތިން އަހަރުވަންދެން ހިފެހެއްޓި ޖަޕާނުގެ ފްރީލޭންސް ނޫސްވެރިޔާ ދޫކޮށްލާފައިވާ ކަމަށް ޖަޕާން ސަރުކާރުން ބުނެފި އެވެ.

ޖަޕާނުގެ ޗީފް ކެބިނެޓު ސެކްރެޓަރީ ޔޮޝިހިދޭ ސުގާ ވިދާޅުވި ގޮތުގައި ނޫސްވެރިޔާ ޖުމްޕެއި ޔަސުދާ ކަމަށް ބެލެވޭ މީހަކު ތުރުކީއަށް ދިޔަ ކަން ގަތަރުން ވަނީ ހާމަކޮށްފަ އެވެ.

ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސުގާ ވިދާޅުވި ގޮތުގައި ޔަސުދާ ހުރި ކަމަށް މައުލޫމާތު ލިބިފައި ވަނީ، ސީރިއާއާ ތުރުކީއާ ގުޅޭ ބޯޑަރު ކައިރީ އޮންނަ ތުރުކީގެ އަންތަކުޔާގައި އެވެ. އޭނާ ހުރީ އެސިޓީގެ އިމިގްރޭޝަން ފެސިލިޓީއެއްގަ އެވެ.

"ލިބިފައިވާ މައުލޫމާތަށް ބަލައި، ވަރަށް ބޮޑަށް ބެލެވޭ އެއީ ޔަސުދާ ކަމަށް،" ސުގާ ވިދާޅުވި އެވެ.

ޔަސުދާ ގެއްލުނީ ސީރިއާގެ ހަނގުރާމައާ ބެހޭ ގޮތުން ރިޕޯޓު ކުރުމަށް ޖޫން 2015ގައި ތުރުކީން ސީރިއާއަށް ދިޔަ ފަހުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ހިފެހެއްޓީ އަލްގައިދާއާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ ހަޔާތް ތަހްރީރު އަލް ޝާމްއިންނެވެ.

މީގެ ކުރިން އަލް ނުސްރާ ފްރޮންޓް ކިޔާ އެޖަމާއަތަކީ ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިދުލިބު ކޮންޓްރޯލު ކުރަމުންދާ ޖަމާއަތެވެ. އަދި އެޖަމާއަތުން ވަނީ ޔަސުދާ ދޫކޮށްލާނީ 10 މިލިއަން ޑޮލަރު ދިނުމުން ކަމަށް ބުނެފަ އެވެ.

ނަމަވެސް ޖަޕާން ސަރުކާރުން ވަނީ އެޖަމާއަތަށް ފައިސާ ދޭން ދެކޮޅު ހަދައިފަ އެވެ.

މީގެ ފަސް މަސް ކުރިން، ޖަޕާނުގެ ޓީވީ ޗެނަލަކުން ވަނީ ޔަސުދާ ފެންނަ ވީޑިއޯއެއް ދައްކާފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރެކޯޑުކޮށްފައިވާ ކަމަށް ބެލެވޭ އެވީޑިއޯގައި ޔަސުދާ ވަނީ އޭނާގެ އާއިލާގެ ހާލު ރަނގަޅު ކަމަށް އުއްމީދު ކުރާ ކަމަށާއި އާއިލާ ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ގަތަރުން ވަނީ ސީރިއާގެ އިދިކޮޅު ޖަމާއަތްތަކުން ހިފަހައްޓާ މީހުން މިނިވަން ކުރުމުގައި މީގެ ކުރިންވެސް އެހެން ގައުމުތަކަށް އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި އަލް ނުސްރާ ފްރޮންޓުން 2014 ވަނަ އަހަރު ދޫކޮށްލި އެމެރިކާގެ ނޫސްވެރިޔާ ޕީޓާ ތިއޯ ކާޓިސް ހިމެނެ އެވެ.

comment ކޮމެންޓް