މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ޑރ. މުހައްމަދު ޝައިނީ

އެޑްރެސް: ހ. ރޯޒްބީމް، މާލެ

ކުރިމަތިލާ ދާއިރާ: ހެންްވޭރު އުތުރު ދައިރާ

ކެނޑިޑޭޓު ނަމްބަރު: 2

ޤާބިލިއްޔަތު

ޑރ. މުހައްމަދު ޝައިނީ ވަނީ ތައިލެންޑް، ޔޫކޭ، ކެނެޑާ އަދި ނޯވޭއިން ކަނޑާއި ކަނޑުތަކާ ގުޅުންހުރި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އެންމެ މަތީ ފާސްތައް ހޯއްދަވާފައެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ ނޯވޭއިންނެވެ. އަދި ޕީއެޗްޑީ ދިރާސާގެ ބައެއް، ޔޫއެސްގައި ހެއްދެވިއެވެ. ހޯއްދަވަމުން ދިޔަ އިލްމީ ކާމިޔާބުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ލަގަބު ތިން ފަހަރަށް ލިބިވަޑައިގަތެވެ. އުމުރުން 16 ވަރަކަށް އަހަރުގައި ސަރުކާރަށް ވެދެވަޑައިގެން، 27 އަހަރު ދުވަހު މެދުކެނޑުމެއްނެތި ހިދުމަތް ކުރެއްވިއެވެ. ލިބެމުން ދިޔަ ތައުލީމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިސް މަގާމުތައް ފުރުއްވައި، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވިއެވެ.

ކުރިމަތިލަނީ ކީއްވެ؟

ޝައިނީއަކީ ގައުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ނޯވޭގެ ޔުނިވާސިޓީއެއްގައި ޕްރޮފެސަރެއްގެ މަގާމު ފަހިވެފައި ވަނިކޮށްވެސް ޝައިނީ ޚިޔާރުކުރެއްވީ ދައުލަތަށް ހިދުމަތްކުރުމުގައި ރާއްޖޭގައި ދެމިހުންނެވުމަށެވެ. ޝައިނީ ކިޔަވާވިދާޅުވާން ބޭރުގައި ހުންނެވި ދުވަސްވަރު ދިރާސާތައް ހެއްދެވީ ރާއްޖެއަށް ދިމާވާ މައްސަލަތަކުގެ މައްޗަށެވެ. އަދި އެކަންކަމަށް މޮޅު ހައްލުތައް އޭނާ ހޯއްދެވިއެވެ. މިހާރު ބޭނުންކުރާ މަސްދޯނިފަހަރުގެ ފަރުމާއާއި، ކަނދުފަތިތަކުގެ މޫރިންގްގެ ޑިޒައިނަކީ ޝައިނީގެ ދިރާސާތަކުގެ ނަތީޖާއެވެ. ސުނާމީއަށްފަހު ރަށްރަށުގައި އަޅާ ނަރުދަމާ ހޮޅިތައް އަޅަނީ، ކެނެޑާގައި ޝައިނީ ހެއްދެވި ދިރާސާއަކަށް ބިނާކޮށެވެ. ގައުމަށް 27 އަހަރު ދުވަހު ހުއްޓުމެއް ނެތި ހިދުމަތްކޮށްދެއްވި ޝައިނީ މަޖިލީހަށް ކުރިމަތިލެއްވީ ކުރިއަށް އޮތް ތަނުގައިވެސް ގައުމާއި ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެ މަގަކީ އެއީކަމަށް ގަބޫލުކުރައްވާތީއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ޝައިނީއަކީ 27 އަހަރު ދައުލަތަށް ހިދުމަތްކޮށްފައިވާ ލީޑަރެކެވެ. އޭނާ އެންމެ ފުރަތަމަ ހިދުމަތްކުރަން ފެއްޓެވީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ފިޝަރީޒް ދާއިރާއަށް ބަދަލުވެ، ސިވިލް ސާވިސްގެ އެކި މަގާމުތައް ފުރުއްވިއެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމާއި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުގެ އެޑްވައިޒަރުކަންވެސް އަދާކުރައްވައި، ޑރ. ޝައިނީ 2013 ވަނަ އަހަރުން ފެށިގެން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވި ހިނދު ސަރުކާރުގެ ފަރާތުން އޯލް ޕާޓީ ޓޯކްސް ލީޑުކުރައްވައި، ޝައިނީ އޭނާގެ ސިޔާސީ ޝަހުސިއްޔަތުގެ ވަރުގަދަކަން ސާބިތުކޮށްދެއްވިއެވެ. އަދި ރައީސް ޔާމީނުގެ ދައުރުގައި ދިވެހި ސަރުކާރުން ބޭރު ގައުމުތަކަށް މަޝްވަރާތަކަށް އެންމެ ގިނައިން ފޮނުވި މަންދޫބަކީވެސް ޑރ. ޝައިނީއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ޝައިނީ ގަބޫލުކުރައްވަނީ އެއާޕޯޓާއި ނަރުދަމާ އެޅުންފަދަ ކަންކަމަކީ މަޖިލީހަށް ކުރިމަތިލާ މީހުން ވާންޖެހޭ ވައުދުތަކެއް ނޫން ކަމަށާއި އެއީ ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަން ފަދަ މައްސަލަތައް ހައްލުކުރުމަށާއި ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޝައިނީ ވައުދުވެއެވެ. ސަރުކާރު ޖަވާބުދާރީކުރުވާނެކަމުގެ ޔަގީންކަން ދެއްވައެވެ. އަދި މަޖިލިސް މެމްބަރަކީ ދާއިރާގެ ރައްޔިތުންނާއި ސަރުކާރާ ގުޅުވައިދޭ، އަދި ސަރުކާރު ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދޭ ފަރާތް ކަމުން، ރައްޔިތުންނާ އަބަދުވެސް ބައްދަލުވެ ހިޔާލު ބަދަލުކުރުމަށްޓަކައި ދާއިރާގެ އޮފީހެއް ހުޅުވައިގެން އެތަނުގައި ނުވަތަ ގޭގެއަށް ޒިޔާރަތްކޮށްގެން ބައްދަލުކުރެވޭ ގޮތް ހެދުމަކީ ޑރ. ޝައިނީގެ އެންމެ ބޮޑު އެއް ވައުދެވެ.