ދެ ކޮރެޔާއިން އެއް ޓީމެއްގެ ގޮތުގައި އޮލިމްޕިކްސްއަށް ދިއުމަށް އެއްބަސްވެއްޖެ

އޮލިމްޕިކްސްގައި ދެކުނު ކޮރެޔާގެ އެތުލީޓުންތަކެއް --- ފޮޓޯ/ ގެޓީ

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާ އެއްޓީމެއްގެ ގޮތުގައި ފިނި މޫސުމުގެ އޮލިމްޕިކްސްއަށް ދިއުމަށް ދެ ކޮރެޔާއިން އެއްބަސްވެއްޖެއެވެ.

ސައުތު ކޮރެޔާގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފިނިމޫސުމުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދެ ކޮރެޔާވެސް ހިނގާނީ ދެ ގައުމު ރަމްޒުކޮށްދޭ ހާއްސަ ދިދައެއް ހިފައިގެން ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ. ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ ކެރޮޔާގެ ދެމެދުގައި އެ އެއްބަސްވުމަށް އައިސްފައިވަނީ ދެ ކޮރެޔާގެ ދެމެދުގައި ފިނި މޫސުމުގެ އޮލިމްޕިކްސްއާ ގުޅޭގޮތުން ކުރިއަށްދާ ވާހަކަތަކުގައެވެ.

ދެގައުމު ރަމްޒު ކޮށްދޭ ދިދައެއް، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ދެ ކޮރެޔާއިންވެސް އެއްބަސްވުމަށް އައިސްފައިވާއިރު، އެ އޮލިމްޕިކްސްގައި ވާދަކުރާ އައިސް ހޮކީ ޓީމުގައިވެސް ދެ ގައުމުގެ ކުޅުންތެރިން ހިމެނުމަށް ދެ ކޮރިޔާއިންވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުންވެސް ދެކުނު ކޮރެޔާގައި އޮންނަ އޮލިމްޕިކްސްއަށް އުތުރު ކޮރެޔާގެ ހާއްސަ ވަފުދެއް ފޮނުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ވަފުދުގައި ހިމެނޭނީ ޖުމްލަ 550 މީހުންނެވެ. މީގެ ތެރޭގައި 200 ޗިއާލީޑަރުންނާ، 150 ފަންނާނުންގެ އިތުރުން ކޮރެޔާ ޚާއްސަ މާޝަލް އާޓްސް ހުނަރެއް ކަމަށްވާ ޓައިކްވޮންޑޯ ހުނަރު ދައްކާލާނެ 30 މީހުން ހިމެނެއެވެ. މި ވަފުދު ދެކުނު ކޮރިޔާއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ދެ ކޮރެޔާ ރަމްޒުކޮށްދޭ ޓީމެއް އޮލިމްޕިކްސްގައި ފެންނާނެކަން ޔަގީންވަނީ ދެ ކޮރެޔާގެ ނިންމުން އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީން ބަލައިގަތުމުންނެވެ.

comment ކޮމެންޓް