ދަރިވަރުންގެ އަޚްލާގު ރަނގަޅުކުރުމަށް ސްކޫލްތަކުގައި ޚާއްސަ ޕްރޮގްރާމްތަކެއް ފަށަނީ

މާލޭގެ ސްކޫލެއްގެ ކްލާސްރޫމްގައި ދަރިވަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހުލާގީ މައްސަލަތަކުގައި، ކުދިންގެ އުޅުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ހާއްސަ ޕްރޮގްރާމްތަކެއް މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މާލޭގެ ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ހުސްވި ހަފްތާގައި ދިން ހަމަލާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި އެ މިނިސްޓްރީން ބުނެފައިވަނީ ކުދިންގެ އަހުލާގު ރަނގަޅު ކުރުމުގެ ގޮތުން ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ގެންގުޅު ޕޮލިސީތަކާއި ބޭރުގެ ސްކޫލްތަކުގައި ކުދިންގެ ކިބައިގައި ރަނގަޅު އަހުލާގު ދަމަހައްޓަން ގެންގުޅޭ ގޮތްތައް ދިރާސާކުރުމަށް ފަހުގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ޕޮލިސީ ތައްންފީޒު ކުރުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ވީޑިއޯއާއި އެހެނިހެންވެސް ބައެއް މަސައްކަތްތަށް މިހާރު ކުރަމުންދާ ކަމަށާއި މި އަހަރުގެ މާޗު މަހު ސްކޫލްތަކުގައި އެ އާ ޕޮލިސީ ތަންފީޒުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، އާ ޕޮލިސީއާއެކު ކުދިންގެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ސުކޫލުތަކަށް އަންގައި އެ ޕޮލިސީގެ ދަށުން ސްކޫލްތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ކުދިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ތަމްރީންތަކެއް ވެސް ދޭނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސްކޫލްތަކުގައި އަހުލާގީ މައްސަލަތައް ހުންނަ ކުދިންނަށް ވެސް ވަކި ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ނިމިދިޔަ ހަފްތާގައި މާލޭގެ ދެ ސްކޫލެއްގައި ތައުލީމު ހާސިލްކުރަމުންދާ ދެ ދަރިވަރަކަށް ހަމާލާދީފައިވާއިރު ފުލުހުންނާއި އެޑިޔުކޭޝަނުން ބުނެފައިވަނީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް