ކަސްރަތުކުރާ ފަރާތްތަކަށް ދި ހެމާގެ ހާއްސަ ޖިމް މެނޫއެއް

ހެމާ އިން ތައާރަފް ކުރި ޖިމް މެނޫ--

ކަސްރަތު ކުރާ މީހުންނަށް ހާއްސަކޮށްގެން، ރާއްޖޭގެ އެންމެ ބޮޑު ޖިމް، "ދި ހެމާ"އިން ހާއްސަ 'ޖިމް މެނޫ'އެއް ތައާރަފްކޮށްފިއެވެ.

އެ މެނޫ ތައާރަފްކޮށް، މިހާރު ވަނީ އޮކްސިޖަން ކެފޭގެ މެނޫ ތަކުގެ ތެރޭގައި ހިމަނާފައެވެ. މިއީ ރާއްޖޭގައި ރެސްޓޯރެންޓެއްގެ މެނޫއަށް މިފަދަ ގޮތަކަށް ޖިމް މެނޫއެއް ހިމެނި ފުރަތަމަ ފަހަރެވެ.

އަލަށް ތައާރަފް ކުރެވުނު ޖިމް މެނޫއާ ގުޅޭ ގޮތުން ދި ހެމާގެ ޗެއާމަން އަހްމަދު މުއާޒް (މުއާ) ވިދާޅުވީ، އެ މެނޫއަކީ ވަރަށް ގިނަ ދުވަސް ވަންދެން ދިރާސާ ކުރުމަށް ފަހު އެކުލަވާލި މެނޫއެއް ކަަމަށެވެ.

"އަބަދުވެސް ޖިމްއަށް އަންނަ ބޭފުޅުންނަށް ވަރަށް ދަތިވޭ ކެއުމުގެ ކަންކަން ވަކި ގޮތަކަށް ބަހައްޓަން. ކޮންމެ މީހަކީވެސް ބިޒީ މީހެއް. އެހެންވެ އަޅުގަނޑުމެންގެ އިންސްޓްރަކްޓަރުން ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ހާއްސަ މެނޫއެއް މި އެކުލަވައިލީ. މި މެނޫގައި ހުންނާނެ ކަސްރަތު ކުރާ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކާނާ،" މުއާ ވިދާޅުވިއެވެ.

މުއާ ވިދާޅުވީ، އެ މެނޫ އެކުލަވައިލުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެންމެ ފަހުގެ ދެ މިސްޓަރ މޯލްޑިސް ކަަމަށްވާ މުހައްމަދު ޔާމީން (ޔާމްބެ) އާއި އަމްދު ރަޝީދު ( ރަޗޭ) ކަމަށެވެ.

" މީގަ އެންމެ އިސްކޮށް މި މަސައްކަތުގައި އުޅުނީ ރަޗޭއާ ޔާމްބެ. އެ ދެމީހުންގެ އިރުޝާދާ އެއްގޮތައް މެނޫ އެކުލަވާލާފައިވާނީ. އެހެންވީމަ ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުމަށް ކޮންމެ ބޭފުޅަކުވެސް މި މެނޫ އިހްތިޔާރު ކުރުމަކީ މުހިންމު ކަމެއް. ހާއްސަކޮށް ޖިމަށް ދާ ޒުވާނުން،" މުއާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން އޮކްސިޖަންގައި އެ މެނޫގައި ހުރި ކާއެއްޗެހި ކަސްޓަމަރުންނަށް ދެމުންދާއިރު މުއާ ވިދާޅުވީ އޮކްސިޖަން އިން އެފަދަ ބޮޑު ކަމަކަށް އިސްނެގީތީ ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްނުގައި އިތުރު ރެސްޓޯރެންޓް ތަކުގައިވެސް ދި ހެމާގެ ޖިމްމެނޫ ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

comment ކޮމެންޓް