ހެދި ގޮނޑުދޮށުގައި ހުރި ތިން ރެސްޓޯރެންޓެއް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފި

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގެ އޭރިއަލް ފޮޓޯއެއް. މި ސަރަހައްދު ތަރައްގީކުރުމަށް އެތާނގައި ހުރި ތިން ރެސްޓޯރެންޓެއް ހުސްކުރަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި -- ފްލިކަރ ފޮޓޯ: އަހްމަދު ޒާހިރު

މާލޭ ސިޓީގެ އިރުމަތީ ފަރާތުގައި އޮންނަ ހެދި ގޮނޑުދޮށް (އާޓިފިޝަލް ބީޗް) ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާތީ އެ ތަނުގައި ހުރި ރެސްޓޯރެންޓްތައް ހުސްކުރަން ހައުސިން މިނިސްޓްރީން އެ ތަންތަނަށް ނޯޓިސް ފޮނުވައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރިޓަޔަޑް ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ސޮއިކުރައްވައި އެ ރެސްޓޯރެންޓް ތަކަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ "ސަން"އަށްވެސް ލިބިފައެވެ.

އިއްޔެ ފޮނުވި އެ ސިޓީގައި ވަނީ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިން ހުސްކޮށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ހެދިގޮނޑުދޮށުގައި މިހާރުވެސް ހިންގަމުން އަންނަނީ އާންމުންގެ މެދުގައި މަޝްހޫރު ތިން ރެސްޓޯރެންޓެކެވެ. އެގޮތުން އެ ތަނުގައި ސަބްމެރިންއަށް ހާއްސަ "ޑައިން-މޯރ" އާއި ޒުވާނުންގެ މެދުގައި މަގްބޫލު "ބްރޭކް ވޯޓާރ" އަދި "ބުލޫ ބޭ ރެސްޓޯރެންޓް" ދަނީ ހިންގަމުންނެވެ.

އެ ތަނުން ރެސްޓޯރެންޓެއްގެ ވެރިއަކު ރޭ "ސަން"އަށް ވިދާޅުވީ، ހައުސިން މިނިސްޓްރީން ކުއްލިއަކަށް ބިން ހުސްކުރަން އެދުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށާއި މިހާރު މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީއާ ވާހަކަދައްކައިގެން އެކަން ހައްލު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް