ފާސްކުރި ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވަނީ ގަވާއިދާ ހިލާފަށް: ކަސްޓަމަސް

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓު ---

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާސިމް އިބްރާހިމްގެ ހަތަރު ރިސޯޓް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓް، ސަން އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް އެތެރެކޮށްފައިވާ ބަނގުރަލަކީ ބޮންޑެޑް ވެއާ ހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ ކަމަށެވެ. އަދި އެ ރިސޯޓް ތަކަށް އެ އެތެރެކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަސްޓަމްސްގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކަސްޓަމްސްއިން ބުނީ އެ ހަތަރު ރިސޯޓަކީ، މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށެވެ.

ބަނގުރަލަކީ ހަމައެކަނި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރާ އެއްޗަކަށްވެފައި އެތަކެތި ދޫކުރެވޭއިރު ވަކި ތަނަކަށް ގެންދިއުމަށް އިގްރާރުވުމަށްފަހު ހަމައެކަނި އެތަނެއްގައި ބޭނުންކުރުމަށް ދޫކުރެވޭ އެއްޗަކަށް ވީނަމަވެސް އެ ހަތަރު ރިސޯޓުން ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ބަނގުރާ ބޭނުންކުރަމުންދާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ފާއިތުވި ދެރޭގައި ކަސްޓަމްސްގެ އޮފިޝަރުން އެ ރިސޯޓް ތަކަށް އަރައި، ހުރިހާ ރިސޯޓެއްގައި ހުރި ބަންގުރަލާއި އޫރުމަސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިލާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް