ވިލާގެ ހަތަރު ރިސޯޓެއްގައި ހުރި އޫރުމަހާއި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް!

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓު ---

ވިލާ ހޮޓެލްސް އިން ހިންގާ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރަލާއި އޫރުމަސް ކަސްޓަމްސް ގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭގެ ވަގުތެއްގައި ގާސިމްގެ ބައެއް ރިސޯޓުތައްކަަށް ކަސްޓަމްސް އާއި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަރައި ވަނީ ބަލާ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ގާސިމްގެ ޕެރަޑައިސް އާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ފަން އައިލެންޑް ރިސޯޓު ހިމެނެއެވެ. އަދި މިހާރު އެ ރިސޯޓުތަކުގައި ހުރި ބަނގުރަލާއި އޫރުމަސްތައް ގެންދިޔުމުގެ މަސައްކަތް ކަސްޓަމްސް އިން އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިލާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ރޯޔަލް އައިލެންޑް ފިޔަވައި ދެން ހުރި ހުރިހާ ރިސޯޓެއްގައި ހުރި ބަންގުރަލާއި އޫރުމަސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އެކަން ކުރަނީ ގަވައިދާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެން މި އައީ އެއްބާރުލުން ދެމުން. އެންމެ ފަހުން މި ބުނަނީ މިވަގުތު ހުރި ހުރިހާ ބަނގުރަލަކާއި އޫރުމަހުގެ ސްޓޮކް އެބޭފުޅުންނާއި ހަވާލުކުރަން،" ގައިސަރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރަނީ މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން އެ ކުންފުނީގެ ހަތަރު ރިސޯޓަށް އެތެރެކޮށްފައިވާ އޫރުމަހާއި ބަނގުރަލެވެ.

ގައިސަރު ވިދާޅުވީ މިވަގުތު ކަސްޓަމްސް އިން ފާސްކުރަމުންދާ ހަތަރު ރިސޯޓުގައިވެސް 1500 އަށް ވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ބިރުވެރިކަމާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސް ގެ އޮފިސަރުން މިހާރު ދަނީ ފަން އައިލެންޑް ރިސޯޓުގައި ހުރި ރަލާއި އޫރުމަސް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ވިލާ ހޮޓެލްސްގެ ހަތަރު ރިސޯޓެއްގައި ހުރި ރަލާއި އޫރުމަސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދާ މައްސަލައާ ގުޅޭ ގޮތުން ކަސްޓަމްސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް