ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޔާމީން ވެސް މަގާމުން ވަކިކޮށްފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި ޔާމީން --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

މޯލްޑިވަސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެ މަގާމުން ވަކިކޮށްފިއެވެ.

ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބޭފުޅުން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަނުކޮށް ވަކިކުރަމުން ގެންދަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. އެ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު 'ސަން' އަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ބޯޑުން ޔާމީން ވަކިކޮށްފައިވަނީ މިއަދު ކަމަށާއި ޔާމީން އިތުރުން އެ ބޯޑުގެ ޑިރެކްޓަރެއްގެ މަގާމްގައި ހުންނެވި ފަރުހާދު ދާއުދު ވެސް މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަންގެ ބޯޑުން ޔާމީނާއި ފަރުހާދު ވަކިކުރުމުން ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ މިދިޔަ އަހަރު ފަހުކޮޅު އެ ބޯޑަށް އައްޔަނު ކުރެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލްގާރީ އަލީ ވަހީދާއި އަބްދުﷲ ފާރޫގު ހަސަންގެ އިތުރުން ޗެއާޕާސަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދުއެވެ.

ރިޔާސީ ގަރާރަކުން 2013 ވަނަ އަހަރު އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނަކީ ރާއްޖެއިން މީހުން ހައްޖައް ގެންދިއުމަށް އުފައްދާފައިވާ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފައިވާއިރު މިއަދު ވަނީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ފުވާދު ގާސިމް ވެސް އެ މަގާމުން ވަކިކޮށްފައެވެ. އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން އަހްމަދު ސަލީމް (މާޒް ސަލީމް) ވެސް މިއަދު ވަނީ ވަކިކޮށްފި އެވެ.

comment ކޮމެންޓް