މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައފި

ކ. މާފުށި

ކ. މާފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން މުއްދަތެއް ނެތްގޮތަށް ގޭގައި މަޑުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އެ އޮތޯރިޓީން ބާތިލުކޮށް އަލުން އޮފީހަށް ނުކުތުމުގެ ހުއްދަ ދީފިއެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައިސާ ނަޝީދާ އާދަމް "ސަން" އަށް ވިދާޅުވީ މުއްދަތެއް ނެތްގޮތަށް ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރަން އެލްޖީއޭ އިން އިއްޔެ އެންގި އެންގުން މިއަދު ބާތިލް ކޮށް އެކަން އަންގާފައިވާ ކަމަށެވެ.

ނަޝީދާ ވިދާޅުވީ ސަސްޕެންޝަން އުވާލިކަން އެންގީ މިއަދު އަތޮޅު ކައުންސިލުން ކަމަށެވެ. ނަމަވެސް އަދިވެސް ގޭގައި މަޑުކުރަން އެންގީ ކީއްވެ ކަމެއް ސާފުނުވާ ކަމަށް ވިދާޅުވިއެވެ.

އިއްޔެ އެ ރަށު ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރަން އެންގީ ކައުންސިލަރުންގެ މޮބައިލް ފޯނަށް ފޮނުވި މެސެޖަކުންނެވެ.

ކ. އަތޮޅު ކައުންސިލާއި އެލްޖީއޭ ގުޅިގެން، އެ ކައުންސިލަރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ އެ މައްސަލަ ބަލައި ވަކިގޮތެއް އަންގަންދެން ހުރިހާ ކައުންސިލަރުން ގޭގައި މަޑުކުރުމަށް އެ މެސެޖުގައި ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް