އަދީބަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ދެން، އިހުމާލެއް ނުވަން: އަޒްލީން

އަދީބު ކަރެކްޝަނުގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ -- ސަންފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ލިބެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމުގައި އިހުމާލު ނުވާ ކަމަށާއި ދުވާލަކު ގަޑިއެއްގެ އިރު ފުޓުބޯޅަ ކުޅުމުގެ ފުރުސަތުވެސް ދޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އަދީބަށް ބޭސްފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސްއިން އިހުމާލުވަމުންދާ ކަމަށް ބުނެ އެމައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައިވެސް އަދި އެހެން ކަމެއްގައިވެސް އިހުމާލުވެފައި ނުވާނެ ކަމަށެވެ.

"ދެން އަދީބުގެ މައްސަލައިގައި އަޅުގަނޑަށް ހިއެއް ނުވޭ ވަކި ތަފާތުކޮށް އަދީބާ މެދު ކަންތައް ކުރާހެނެއް. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން އަދީބު ހަމަ ކޮންމެ ދުވާލަކު އެއްފަހަރު އެއްގަޑިއިރަށް ނުކުމެވަޑައިގެން ފުޓްބޯޅަވެސް ކުޅުއްވާ ހައްދަވާ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ ޖަލުގައި ހުރި ކޮންމެ މީހަކު ބަލިވި ނަމަވެސް އެމީހަކަށް ދައުލަތުން ދެން ޖެހޭ ފަރުވާ ދެމުންދާ ކަމަށެވެ.

އަދީބު ދައުލަތާ ދެކޮޅަށް ކަމެއް ކުރިތޯ ނޫންތޯ ނުބަލައި ޖަލުގައި ހުންނަ ކޮންމެ މީހަކަށް އިންސާނެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފަރުވާ ދެމުންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

"އަދީބަށް ލިބެންޖެހޭ ބޭސްފަރުވާގައި. އަޅުގަނޑުމެންގެ ދިވެހިރާއްޖޭން ލިބެންޖެހޭ ހުރިހާ ފަރުވާއެއް ދެމުން އެދަނީ. އެހެންވީމަ އެއީ ކަނޑައެޅިގެން އަނެއްކާވެސް ފިތުނަ އުފައްދަން ދައްކާ ވާހަކައެއް،" އަޒްލީން ވިދާޅުވިއެވެ.

އެއްވެސް ގައުމެއްގައި އެގައުމެއްގެ ޖަލުތަކުގައި ތިބޭ މީހުން ބަލިވީމަ ގައުމުން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ އުސޫލެއް ނޯންނާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. ހާއްސަކޮށް އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ އެތައް ބައިވަރު ފައިސާއެއް ދުވަހަކުވެސް ނުލިބޭނެ ކަމުގެ އިހުސާސް ދިވެހި ރައްޔިތުންނަށް ކުރެވޭނެ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

މިހާރު 25 ބުރިއަށް ގާއިމްކުރާ ދަރުމަވަންތަ ހޮސްޕިޓަލު ނިމުމުން ލޮލުގެ ފަރުވާވެސް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި އެ ފަރުވާ ދެވެން ފެށުމުން އަދީބު ވިޔަސް އަދި އެހެން މީހެއްވިޔަސް އިސްތިސްނާ ނުވާ ގޮތަށް ބޭސްފަރުވާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަޒުލީން ވިދާޅުވީ ޖަލުގައި ތިބި އެންމެނާ މެދުވެސް ސަރުކާރުން ކަންތައްކުރައްވަނީ ވަރަށް އޯގާތެރިކޮށް ކަމަށެވެ.

comment ކޮމެންޓް