ހައި ވޮލްޓޭޖް ކޭބަލް އެޅުން ކުރިޔަށް ގެންދަން އޭސީސީން ސްޓެލްކޯއަށް އަންގައިފި

މިއަދުގެ ޖަލްސާގައި ޒުހޫރު ވާހަކަ ދައްކަވަނީ: އިންޖިނިއަރިން ދާއިރާގައި ފުރިހަމަ ތަޖުރިބާ ހުރިކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް- ޗައިނާ ފްރެންޑްޝިޕް ބްރިޖާ އެކު، މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސްޓެލްކޯއަށް އަންގައިފި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އޭސީސީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ، ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސްޓެލްކޯ އަށް އަންގައިފަ އެވެ.

މޯލްޑިވްސް- ޗައިނާ ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް އަޅާ މާލެ-ހުޅުމާލެ ޕަވާ އިންޓަކަނެކްޝަން ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިން ހަވާލުކޮށްފައި އޮތީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ ލިމިޑެޓް (ސީއެންއީއީސީ) އަށެވެ.

ނަމަވެސް އެ މަސައްކަތް ހަވާލުކުރިތާ 17 ދުވަސް ފަހުން އެކަން އަނބުރާ ގެންގޮސް، އެ މަސައްކަތް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަވާލު ކުރީ ސްޓެލްކޯ އަށެވެ. މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރު އަޣުލަބިއްޔަތު އޮންނަ ކުންފުންޏަކަށް ބީލަމަކާ ނުލައި ހަވާލުކުރެވޭނެ އެވެ.

ސްޓެލްކޯއާ އެ މަސައްކަތް ހަވާލުކުރުމުން، ސްޓެލްކޯ އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށެވެ.

އެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، އޭސީސީ އަށް މައްސަލައެއް ހުށަހެޅުމުން އޭސީސީން ވަނީ އެކަމާ ބެހޭ ލިޔެކިޔުންތައް ހިއްސާކުރުމަށް ސްޓެލްކޯ އަށް މި މަހުގެ ކުރީކޮޅު އަމުރުކޮށްފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން، އެ ޕްރޮޖެކްޓްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓަލަން ސްޓެލްކޯއަށް ފިނޭންސުން އެންގި އެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޒުހޫރު މިއަދު ވިދާޅުވީ ސްޓެލްކޯއިން ނިންމީ ޓެންޑަރު ބޯޑުން މި މަސައްކަތް ކުރުމަށް ދެ ފަހަރެއްގެ މަތިން އިންޓަނޭޝަނަލް ޓެންޑާއަކަށް އިއުލާނުކުރުމުން ވެސް އެކަމަށް ކުރިމަތިލީ ކުރިން ވެސް ކުރިމަތިލީ ދެ ކުންފުނިން ކަމަށެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ ޑޮންފަންއިން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުށަހެޅި ބިޑެއް. ޓެންޑާ ބޯޑުން އިވެލުއޭޓުކުރުމުން އަޅުގަނޑުމެން ވެސް ފީޑްބެކް ދިނިން. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ފިނޭންސުން ސިޓީއެއް ފޮނުވި، ސްޓެލްކޯ އިން ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދިއުމަށް،

އެއް އަހަރު ދުވަސްވެފައިވާ ޕްރޮޖެކްޓަކާ އަޅުގަނޑުމެން ހަވާލުވީ އިންޓަނޭޝަނަލް ޓެންޑަރއަކާ، ގިނަ އިވެލުއޭޝަންތަކަކަށް ފަހު. ސްޓެލްކޯއާ ހަވާލުކުރުމުން އިތުރަށް ސްޓެލްކޯއިން ޓެންޑާއަށް އިއުލާނުކުރުމުގެ ބޭނުމެއް ނެތް. އެހެންވީމަ ފިނޭންސުން އިއުލާނުކުރި ޕްރޮޖެކްޓަކަށް ވެފައި، އަދި ޕްރޮޖެކްޓް ނުފެށި ލަސްވެފައި ވާތީ، އަޅުގަނޑުމެންގެ ބޯޑުންނާއި މެނޭޖްމެންޓުން ނިންމީ އެ ޓެންޑާއަކީ ކެންސަލް ކުރެވިފައިވާ އެއްޗެއް ނޫންކަމަށް ވާތީ ސްޓެލްކޯއިން އެގޮތަށް ކުރިޔަށް ގެންދިއުމަށް،" ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ޑޮންފެންއިން ހުށަހެޅީ ސީއެންއީސީ އިން ހުށަހެޅި އަގަށް ވުރެ 12 މިލިޔަން ޑޮލަރު ހެޔޮ އަގަކަށް ވެފައި، އަގު އަދާކުރުމަށް ޑޮންފެންއިން ހުށަހެޅީ ސީއެންއީސީއަށް ވުރެ ދެ އަހަރު ވެސް އިތުރު މުއްދަތެއް ކަމަށެވެ.

"ޑޮންފެންއަކީ މިއަދު ސްޓެލްކޯއާ އެކު މަސައްކަތް ކުރާ، އަދި އަލަށް އަޅާ ޕަވަހައުސްގެ މަސައްކަތް ކުރަމުންދާ ފަރާތަށް ވުމުން، މި ކޭބަލްގެ އެންމެ މުހިންމު ރޯލެއް އެއްފަރާތުން އަދާކުރަން ޖެހޭ އެއް ފަރާތަކީ ޑޮންފެން ކަމަށް ވެފައި، މި ހުރިހާ ގޮތަކުން ބެލި އިރު ސަރުކާރަށާއި ސްޓެލްކޯ އަށް އެންމެ ފައިދާހުރި ގޮތަކީ ޑޮންފެންއަށް ހަވާލުކުރުން ކަމަށް ސްޓެލްކޯއަށް ފެނުމުން އެފަރާތާ ޕްރޮޖެކްޓް އެވޯޑުކުރީ،" ޒުހޫރު ވިދާޅުވި އެވެ.

comment ކޮމެންޓް