ބަލާ ފާސްކުރަނީ ހަމަ އެކަނި ގާސިމްގެ ރިސޯޓުތަކެއް ނޫން: ކަސްޓަމްސް

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓު ---

ބަލާފާސް ކުރަނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތައް ނޫން ކަމަށާއި އެހެން ބައެއް ރިސޯޓުތައްވެސް ބަލާ ފާސްކުރަމުން ދާ ކަަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ގާސިމްގެ ބައެއް ރިސޯޓުތައްކަަށް ކަސްޓަމްސް އާއި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެރި އެވެ. އޭގެ ތެރޭގައި ގާސިމްގެ ޕެރަޑައިސް އާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ފަން އައިލެންޑް ރިސޯޓު ހިމެނެ އެވެ.

ކަސްޓަމްސްގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ކަސްޓަމްސްގެ ބައެއް ޝިޕްމެޓްތަކާ ގުޅިގެން ބައެއް ރިސޯޓުތައް ބަލާ ފާސް ކުރަމުން ދާ ކަމަށެވެ.

" ބަލާފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދަނީ،" އޮފިޝަލު ވިދާޅުވި އެވެ.

ބަލާފާސްކުރަނީ ޖުމްލަ ކިތައް ރިސޯޓުކަމެއް އަދި އެހެންވެސް ތަފްސީލެއް ކަސްޓަމްސްއިން ނުދެ އެވެ. ވިދާޅުވީ އޮޕަރޭޝަން ނިމުމުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ގާސިމްގެ ރިސޯޓެއް ކަމަށްވާ ހޮލިޑޭ އައިލެންޑް ރިސޯޓް ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފައެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން ހޮލިޑޭ އައިލެންޑް ރިސޯޓު ބަލާފާސްކުރަން ހުއްދަދީފައިވަނީ ބޮންޑެޑް ވެއަރ ހައުސްއިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓް އަދި އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓު ނޫން އެރިސޯޓާ ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

comment ކޮމެންޓް