ޝުކުރުވެރިވާން ދަރިންނަށް ދަސްކޮށްދޭން ޖެހޭ

އެންމެ ކުޑައިރުއްސުރެ ދަރިންގެ ގައިގައި ރީތި އާދަތައް ހަރުލެއްވުމަކީ މުހިއްމު ކަމެކެވެ. ބޮޑުވަމުން އަންނަ އިރު މި އާދަތަކުގެ ބޭނުން އެކުދިން ހިފާނެއެވެ. އެހެން މީހުންގެ ލޯބި ލިބިގެން ބޮޑުވާކުއްޖެއްގެ ގޮތުގައި ކުއްޖާ ވެގެންދާނެއެވެ.

މިފަދަ އާދަތައް ކުއްޖާގެ ކިބައިގައި އަށަގެންނެވޭނީ ކައިރީ ތިބޭ އެހެން މީހުންވެސް ކުއްޖާއަށް އެ މިސާލު ދައްކައިގެންނެވެ. އާންމުކޮށް ކުޑަކުދިންނަކީ މައިންބަފައިންގެ އަމަލުތައް، ނޫނީ ކައިރީ އުޅޭ މީހުންގެ އަމަލުތައް ނަކަލު ކުރާ ބައެކެވެ.

ކުއްޖާ ކުޅެ ނިންމާފައި، ކުޅެން ބޭނުންކުރާ އެއްޗެހި އެއްކޮށް، އެ ހުންނަ ތަނަށް ލުމަށް ބާރު އަޅައި، އެކަން ފުރިހަމަ ކުރުމުން ޝުކުރު އަދާކުރާށެވެ. އެފަދަ ކުދިކުދި އަމަލުތަކުގެ ސަބަބުން އެހެން މީހުން ކޮށްދޭ ކަންތަކަށް ޝުކުރުވެރިވާން ކުއްޖާއަށް ދަސްވާނެއެވެ.

ދިރިއުޅުމުގެ ކޮންމެ ކަމެއް ޝުކުރުވެރިކަމާއެކު ބަލައިގަންނަން ކުއްޖާއަށް ދަސްކޮށްދޭށެވެ. މުށްބާރުކުރުމެއް ނެތި އެހެން މީހުންނަށް އެހީވުމުގެ މުހިއްމުކަމާއި، އެހެންމީހުންގެ ފަރާތުން އެހީތެރިކަމެއް ލިބިއްޖެ ނަމަ އެކަން ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރަންވެސް ކުއްޖާއަށް ހަނދާންކޮށްދީ އެކަން ކުއްޖާގެ ކަށީގައި ހަރުލައްވަން މަސައްކަތްކުރާށެވެ.

"ޝުކުރިއްޔާ" އޭ ބުނަން ޖެހޭ ބައެއް ފަހަރުތަކުގައި އެކަން ހަނދާންކޮށްދިން ނަމަވެސް އެ ބަސް ނުބުނެ ތިބޭ ކުދިން ތިބެދާނެއެވެ. އެވަގުތު ކުއްޖާއަށް ޕްރެޝަރުކުރުމުގެ ބަދަލުގައި ޝުކުރު އަދާކުރުމަކީ ކީހާ މުހިއްމު އަދި ރިވެތި އާދައެއްކަން ފަހުން ހަނދާންކޮށްދޭށެވެ. ބޮޑުވަމުން އަންނަ އިރު އެ އާދަ ކުއްޖާގެ ކަށީގައި ހިފާނެއެވެ.

comment ކޮމެންޓް