ދެ ދަރިވަރަކަށް ދިން ހަމަލާއާ އެކު ބިރުވެރިކަމެއްގެ ތެރޭގައި!

ޖެނުއަރީ 1، 2017: ދަރިވަރުންތަކެއް ސްކޫލަށް ދާއިރު ފަހަތުގައި ފުލުހުންތަކެއް: ދެ ދަރިވަރަކަށް ދިން ހަމަލާއާ އެކު ދަރިވަރުންނާއި ބެލެނިވެރިން ބިރުވެރިކަމެއްގެ ތެރޭގައި ---ސަން ފޮޓޯ/ އަފްރާހް

ދިރާސީ އައު އަހަރުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފެށުނު އިރު މި އަހަރާ މެދު ދަރިވަރުންނާއި ބެލެނިވެރިންގެ އުންމީދު ވެސް ފޮންޏެވެ. ބަދަލުވެފައިވާ ގައުމީ މަންހަޖާ އެކު އައު ފޮތްތަކެއް ހިފައިގެން ދަރިވަރުން ސްކޫލަށް ނުކުތީ އަންނަ މެއި މަހު "ޓެބްލެޓް"ތަކާ އެކު ތައުލީމީ މުޅިން އައު ހަރުފަތަކަށް ވާސިލް ވުމަށެވެ.

އެހެން ނަމަވެސް މިއަދު ދިރާސީ އައު އަހަރުގެ ފުރަތަމަ ހަފްތާ ނިންމާލަން މިޖެހެނީ މާޔޫސް ކަމާއި ކަންބޮޑުވުންތަކަކާ އެކު އެވެ. ބިރުވެރިކަމާއި ނުތަނަވަސް ކަމާ ވެސް އެކުއެވެ. ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ދިން ހަމަލާއާ އެކު ތައުލީމީ ނިޒާމާ މެދު އިތުރު ސުވާލުތަކެއް އުފައްދަން ޖާގަ ލިބުނު އިރު ބެލެނިވެރިންގެ ކަންބޮޑުވުން އެކި ފަންތި އާއި ގިންތީގައި ބަންޑުން ކޮށްލީ އިންތިހާއަށެވެ.

"ކިހިނެއް ދަރިފުޅު ދެން ސްކޫލަށް ފޮނުވާނީ. ރޯމާދުވާލު އައިސް އެހެރަ ވަޅި ޖަހަނީ. މީގެ ކުރިން ވެސް މި މާލެ ބިރުވެރި. އެކަމަކު މިއަދު ސްކޫލުތަކަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭން ފެށީމަ އެއީ ބޮޑުވަރު،" މަޖީދިއްޔާ ސްކޫލު ދޮށަށް ގޮސް ހުރި ބެލެނިވެރިއަކު އޭނާގެ އިހުސާސްތައް "ސަން"އަށް ބަންޑުން ކޮށްލީ މިހެންނެވެ.

ޖެނުއަރީ 14، 2018: ސްކޫލެއްގައި ދަރިވަރުން ތަކެއް ސަފުހަދައިގެން:ދެ ދަރިވަރަކަށް ދިން ހަމަލާއާއެކު ދަރިވަރުންނާއި ބެލެނިވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ ސަލާމަތްތެރިކަމަށް ކުރެވިފައި ހުރީ ކޮންކަމެއް؟

ތާޖުއްދީން ސްކޫލު ތެރެއަށް ވަދެ ގުރޫޕަކުން ދަރިވަރަކާ މާރާމާރީ ހިންގި އިރު ސުވާލަކީ އެ ސްކޫލުގެ ސެކިއުރިޓީ ކަންކަން އިންތިޒާމް ކުރެވިފައި ހުރީ ކިހިނެއްތޯއޭއެވެ. މިދިޔަ އަހަރުން ފެށިގެން ދަރިވަރުންގެ ބެލެނިވެރިޔާކަން އަންގައިދޭ ކާޑެއް ކޮންމެ ބެލެނިވެރިކަށް ވެސް ދީފައި އޮންނައިރު އެ ކާޑު ބޭނުން ކޮށްގެން ނޫނިއްޔާ ސްކޫލު ތެރެއަށް ނުވަދެވޭ ނަމަ އެ ގްރޫޕްގެ މީހުން ސްކޫލަށް ވަނީ ކިހިނެއްހެއްޔެވެ؟

ދެ ސްކޫލެއްގެ ދަރިވަރުންނަށް ވަޅިން ހަމަލާދިން ހާދިސާއާ ގުޅިގެން، "ސަން"ގެ ނޫސްވެރިން މާލޭގެ ސްކޫލުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލި އިރު ސެޝަނެއްގައި 300 ކުދިން ކިޔަވާ ސްކޫލަށް ވެސް ހުންނަނީ ދެ ސެކިއުރިޓީ ގާޑުންނެވެ. އަދި އެމީހުންގެ ޒިންމާ އަކީ ހަމައެކަނި ސްކޫލުގެ ގޭޓް ހުޅުވައި ލެއްޕުންކަން ފާހަގަކުރެވުނެވެ. އެނޫން އެއްވެސް ކަމެއް އެމީހުންނަކަށް ނޯވެއެވެ. އަދި ބަޔަކު ސްކޫލަށް ވަންނަން ދިމާކޮށްފި ނަމަ އެމީހުން ހިފެހެއްޓޭނެ ވަރުގެ ޖިސްމާނީ ގާބިލްކަން ވެސް އަދި ތަމްރީންވެސް އޭގެ ތެރެއިން ގިނަ މީހުންނަށް ލިބިފައި ނުވާކަން އެމީހުންގެ ވާހަކަތަކުން ފާހަގަވެއެވެ.

ސްކޫލުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެން ތަނުގެ ސެކިޔުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރާއިރު މިފަދަ ކަންކަމަކީ ވިސްނަންޖެހޭ ކަމެކެވެ.

ޖެނުއަރީ 14، 2018:ސްކޫލެއްގައި ދަރިވަރުންތަކެއް ދުއާ ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަސްލު ސްކޫލުތަކުގައި ސެކިޔުރިޓީއަށް ތިބޭ މީހުންނަކީ އެއްވެސް ވަރަކަށް ކަމުގެ ތަޖުރިބާ ލިބިގެން ތިބޭ ބައެއް ނޫން. އެމީހުންގެ ޒިންމާ ވަރަށް ހަނިކޮށް އޮންނަނީ. އެކަމަކު އެބަޖެހޭ ސްކޫލުތަކުގައި ފޯރިމަރަން ތިބޭ ބަޔަކީ ގާބިލު ބަޔަކަށް ވާން،" ބޮޑީ ގާޑެއްގެ ގޮތުގައި މީގެ ކުރިން ސިފައިންގޭގައި ގިނަ ދުވަހު ހިދުމަތް ކުރި ރިޓަޔަޑް އޮފިސަރަކު ވިދާޅުވިއެވެ.

މަދަރުސާތަކުގައި ގޭންގްތައް؟

އެންމެ ފަހުން ހިނގައިދިޔަ ދެ ހާދިސާއިން ވެސް އެނގެނީ މަދަރުސާތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ގޭންގުތަކުގެ ކުލަ ޖެހިފައިވާ ކަމެވެ. މި ދެ ހާދިސާގައި ވެސް ގޭންގްތަކަށް ނިސްބަތްވާ ބައެއްގެ އަތެއް އޮތްކަމަށް ވާހަކަ ދެކެވޭ އިރު ދަރުމަވަންތަ ސްކޫލުގެ ދަރިވަރު މުހައްމަދު އަބާނަށް ހަމަލާދީފައި ވަނީ މާލޭގެ ގުރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރެއެވެ.

މި ފަހަކަށް އައިސް ސްކޫލުތަކަށް ކިޔަވަންދާ ހަގު އުމުރުގެ ކުދިން މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުވެފައި ވެސް އެބަހުއްޓެވެ. ދަރިވަރުންގެ ތެރޭގައި ކުށުގެ ވެށީގައި އުޅޭ ކުދިންގެ ސައްހަ އަދަދެއް، ކަމާބެހޭ އިދާރާއަކުން ހާމަކޮށްފައި ނެތް ނަމަވެސް ދެ ދަރިވަރަކު ދޭތެރޭ އުފެދޭ ދެބަސްވުމުގެ ހައްލަކަށް "ތޫނު އެއްޗެހި" އިހުތިޔާރު ކުރާ ހިސާބުން މަދަރުސާތަކަށް ކުށްކުރުމުގެ ހިޔަނި ވަދެފައިވާ މިންވަރު އަންދާޒާ ކުރެވެއެވެ.

ފަރުދީ ޒިންމާ އަދާކުރަންޖެހޭ

ތާޖުއްދީނުގެ ހާދިސާއަށް ފަހު އިއްޔެ ދަރުމަވަންތަ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ މުހައްމަދު އަބާންގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން އެތައް ބަޔަކު ވަނީ މީސްމީޑީޔާގައި ސްކޫލުތަކަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ގޯސްކޮށް ކަމެއް ހިނގާ ހިނދު އެކަމެއް އެކަކު އަނެކެއްގެ ބޮލުގައި އެޅުވުމަށް ވުރެ އެންމެ މުހިންމީ ފަރުދީ ޒިންމާ އަދާކުރުމެވެ. ބެލެނިވެރިން އެމީހުންގެ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމާއި ޓީޗަރުން އެމީހުންގެ ވާޖިބުތައް ރަނގަޅަށް އަދާ ކުރުމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަންނަންޓް ސެކެރެޓަރީ މުހައްމަދު ސައީދުވެސް ވަނީ އެކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ޓީޗަރުން ވެސް އަދި ބެލެނިވެރިން ވެސް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާ އަދާ ކުރަންޖެހޭ ކަމަށެވެ.

ޓުރެފިކް ޕޮލިސް އިން ޗާންދަނީ މަގު ސުކޫލްތައް ކައިރީ ހަރަކާތްތެރިވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެބަޖެހޭ މިހާރަށް ވުރެ ބޮޑަށް މުދައްރިސުންވެސް އަދި ބެލެނިވެރިންވެސް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ޒިންމާ ނަންގަވަން. ބެލެނިވެރިޔާ ދަރިވަރު ސްކޫލަށް ފޮނުވުމަކުން ނުފުދޭ އަދި މުދައްރިސުންވެސް ދަރިވަރަށް ހަމައެކަނި މުގައްރަރުގައި އޮތް ފިލާވަޅު ކިޔާދިނުމަކުން ނުފުދޭ،" ސައީދު ވިދާޅުވިއެވެ.

ނޫނެކޭ ބުނަން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ

ގާތްގާތުގައި ހިނގާދިޔަ ދެ ހާދިސާ ރަމްޒު ކޮށްދެނީ ސްކޫލުގެ މާހައުލު ތެރެއަށް ތަފާތު ކުށްކުރުމުގެ ރޫހު އިތުރުވެފައިވާ މިންވަރެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި މިހާރު ވެސް ހިދުމަތް ކުރައްވަމުން ގެންދަވާ، އިސްލާމިކް ޔުނިވަސިޓީގެ އެސޯސިއޭޓް ލެކްޗަރަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ކުށުގެ ވެށިން ދަރިވަރުން ސަލާމަތް ކުރަން ބޭނުން ނަމަ ދަރިވަރުންނަށް ނޫނެކޭ ބުނަން ދަސްކޮށްދިނުމެވެ.

"ދަރިވަރުންނަށް އެބަ ދަސްކޮށްދެން ޖެހޭ ނޫނެކޭ ބުނަން. ކޮންމެ ކޮންމެ ކަމަކަށް އާއެކޭ ބުނެވިގެން ނުވާނެ ކަން ވިސްނައިދެން ޖެހޭ. ދަރިވަރުންނަށް އެބަޖެހޭ ގޮތް ކަނޑައަޅަން ދަސްކޮށްދޭން. ހެޔޮކަމަކީ ކޮބައިކަން އަދި ގޯސް ކަމަކީ ކޮބައިކަން ތަފްސީލްކޮށް ކިޔައިދޭން އެބަޖެހޭ. އަދި ދަރިވަރަށް އެނގެންވާނެ ގޯސް ކަމަކަށް ދައުވަތު ލިބޭ ހިނދު ނޫނެކޭ ބުނަން،" އާދަމް ނަސީރު ވިދާޅުވިއެވެ.

ޖެނުއަރީ 14، 2018: ކްލާހެއްގައި ދަރިވަރުން ތަކެއް ކިޔަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، ގޮތް ކަނޑައަޅަން ދަރިވަރުންނަށް ދަސްކޮށްދިނުމުން ގޯސް ކަމެއް ކުރުމަށް ނުވަތަ އެހެން ބަޔަކަށް ގެއްލުމެއް ލިބޭ ކަމެއް ކުރުމަށް ދަރިވަރުންނަށް ދައުވަތު ދެވޭ ހިނދު އެކަމަށް ނޫނެކޭ ބުނަން ދަސްވާނެ ކަމަށެވެ. އަދި އެންމެ ކުޑަ އިރުންސުރެ ވެސް އެކަން ދަރިވަރުގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުށުގެ ވެށިން ދަރިވަރު ސަލާމަތް ކުރެވޭނީ ވެސް އޭރުންނެވެ.

ސަލާމަތީ ކަންކަން އެކަނި ވަރުގަދަކޮށްގެން ނުފުދޭ

ދެ ދަރިވަރަކަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި އެޑިއުކޭޝަނުން ވެސް ބުނެފައި ވަނީ ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. ނަމަވެސް އެއީ ހައްލެއް ކަމަށް ގަބޫލު ނުކުރާ ބެލެނިވެރިންވެސް އެބަތިއްބެވެ.

"ކޮންމެ ސްކޫލެއް ކައިރީ އެތައް ބައިވަރު ފުލުހުން ބައިތިއްބައިގެން ކުޑަ ދުވަސްކޮޅަކަށް އެކަން ހައްލު ކުރެވިދާނެ. އެކަމަކު ސުވާލަކީ އެއީ ދާއިމީ ހައްލެއްތޯ. ކަމާބެހޭ އިދާރާތަކުން އެބަޖެހޭ މިއަށް ވުރެ ފުންކޮށް މިކަމަށް ފިޔވަޅު އަޅަން،" ބެލެނިވެރިއަކު ބުންޏެވެ.

މަދަރުސާއަކީ ދަރިވަރަށް އެންމެ އަމާން މާހައުލަށް ވާންޖެހޭ އިރު އެތަންތަނުގެ ތެރޭގަޔާއި ޔުނީފޯމްގައި ހުންނަ ދަރިވަރުގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީ ހިންގާ މައްސަލަ ފެންމަތިވަމުންދާއިރު ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުން އިންތިހާއަށް ދާނެއެވެ. ނަމަވެސް އެ ބެލެނިވެރިންގެ އުންމީދަކީ މިފަދަ މައްސަލަތައް ގުޅިގެން ހައްލުކޮށް ކޮންމެ މަދަރުސާއަކީ ވެސް ދަރިވަރަށް އަމާން މާހައުލަކަށް ވުމެވެ.

އެކަމަށްޓަކައި އެޑިޔުކޭޝަނުން ވެސް އަދި ކަމާބެހޭ އިދާރާތަކުން ވެސް ގުޅިގެން މަސައްކަތްކޮށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ. އުނގެނެންދާ މަދަރުސާއަކީ ކުށުގެ ހާއްޔަކަށް ވާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. އަދި މާދަމާގެ މުސްތަގުބަލް ކަމުގައިވާ މިއަދުގެ ކިޔަވާ ކުދިން ބިރުވެރިކަމެއްގެ ތެރޭގައި ތިބޭކަށް ވެސް ނޭދޭނެއެވެ.

comment ކޮމެންޓް