ތާޖުއްދީނުގައި ހިނގާދިޔަ މާރާމާރީއާ މިއަދު ހިނގި މާރާމާރީއާ ގުޅުމެއްވޭ!

މިއަދު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ދަރިވަރެއް ކައިރީގައި ފުލުހެއް ހަރަކާތްތެރިވަނީ ----

ސޯޅަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ދަަރުމަވަންތަ ސްކޫލުގެ ގުރޭޑް 9 ގެ ދަރިވަރު މުހައްމަދު އަބާނަށް މިއަދު ވަނީ ފަސް މީހުންގެ ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާއަށް ހަމަލާދިނީ ސްކޫލް ނިންމާލުމަށްފަހު ގެއަށްދަނިކޮށް ލިލީމަގުންނެވެ. އެކަމަކީ އޭނާގެ އާއިލާއަށް ކުއްލި ސިހުމެއް ގެނުވި ކަމެމެވެ.

"އެންމެ ފުރަތަމަ ގުޅީ ސްކޫލުން. ގުޅާފައި މި ބުނަނީ އަބާން ގެއަށް ދިޔަހޭ. އަޅުގަނޑު ބުނެފިން ނޫނެކޭ. ދެން އިރުކޮޅަކުން ގުޅައިފި އޭޑިކޭއިން. ގުޅާފަ އެދުނީ ހޮސްޕިޓަލަށް އައިސް ދިނުމަށް،" އަބާންއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކު "ސަން"އަށް ކިޔައިދިނެވެ.

އޭޑިކޭ ހޮސްޕިޓލަށް ދިޔުމަށް ތައްޔާރުވަމުން ދަނިކޮށް އަނެއްކާވެސް ސްކޫލުން ކްލާސް ޓީޗަރު ގުޅި ކަމަށް އެމީހާ ކިޔައިދިނެވެ.

"ސްކޫލުން ގުޅާފައި އެހީ އަބާންއަށް ކީއްވެގެންހޭ މިއުޅޭނީ. އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނޭނގެއޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވަޅިން ހަމަލާ ދީފައިވާ ދަރުމަވަންތަ ސްކޫލްގެ ދަރިވަރު މުހައްމަދު އަބާން --- ފޮޓޯ/ މީސް މީޑިއާ

"އަބާންއަށް ހަމަލާއެއް ދީގެން އުޅޭކަން މިއެނގުނީ އޭޑިކޭއަށް ދިޔައިމަ. ކުއްލި ހައިރާން ކަމެއް ލިބުނީ. އޭނާއަކީ ނުލާހިކު މަޑުން ހުންނަ ކުއްޖެއް،" އާއިލާ މެމްބަރު ކިޔައިދިނެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމުގެ ކުރިން އަބާންއާ އެހެން ކުއްޖަކާ ދެމެދު ދެބަސްވުމެއް އުފެދުނު ކަމަށް ކްލާސް ޓީޗަރާ ހަވާލާދީ އައިލާ އިން ބުންޏެވެ.

އާއިލާ އިން ބުނިގޮތުގައި މިއަދު މެންދުރު ސްކޫލް ނިމުނު ގަޑީގައި ބަޔަކު އަބާން ހޯދުމަށްގޮސް ސްކޫލްދޮށުގައި ބަޔަކު ތިއްބެވެ. އެ ވާހަކަ އަބާން ވަނީ ކުރިން ކްލާސް ޓީޗަރަށް ކިޔައިދީފައި ކަމަށް އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

"އެމީހުން ފުރަތަމަ ދުރުގައި ތިބީ. ތިބެފައި ބެލްޖެހީމަ. ގޭޓް ކައިރިއަށް އައީ. އައިސް އަބާން ގެންދަން އުޅުނީމާ ކްލާސް ޓީޗަރު މި ބުނީ އަބާން ކައިރި އެތެރެއަށް ވަންނާށޭ. ދެން އޭނާ ވަނީ. އިރުކޮޅެއް ފަހުން އެހެން ގޭޓަކުން ނުކުމެގެން އޭނާ ދިޔައީ،" އަބާންގެ އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

ވަޅިން ހަމަލާ ދީފައިވާ ދަރުމަވަންތަ ސްކޫލްގެ ދަރިވަރު މުހައްމަދު އަބާން، 16 އަހަރުން ދަށުގެ ގައުމީ ޓީމާއެކު (ޖާޒީ ނަންބަރު 23) --- ފޮޓޯ/ މީސް މީޑިއާ

މިވަގުތު އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުންދާ އަބާންއާ ހަވާލާދީ އައިލާ އިން ބުނިގޮތުގައި ފުރަތަމަ އޭނައަށް ހަމަލާދިނީ ޕޭމަންޓު ގަލަކުންނެވެ.

" ފުރަތަމަ ހުއްޓުވާފައި މި ބުނަނީ ތިއީ *** ގޭންގް މީހެއް ދޯއޭ. ދެން އަބާން ބުނީ ނުނެކޭ. އަނެއްކާވެސް މި ބުނަނީ ސަންސެޓް ޕަކަށް ދަންދޯއޭ،" އޭނާ ބުނީ ނުދަމޭ. އެހެން ބުނި ތަނާ އެންމެ ފުރަތަމަ ހަމަލާދިނީ ޕޭމަންޓު ގަލަކުން ބޮލަށް،" އާއިލާ މީހަކު ބުންޏެވެ.

އިއްޔެ ތާޖުއްދީން ސްކޫލް ކުއްޖަކަށް ދަގަނޑުބުރިއަކުން ހަމަލާދިނީ މިއަދު އަބާނަށް ހަމަލާދިން މީހުންނާ ދެކޮޅު ބައެކެވެ. ހަމަލާދިނުމުގެ ކުރިން އަބާންއާ އެމީހުން ދެއްކި ވާހަކައިން އެކަން އެނގޭ ކަމަށް އާއިލާ އިން ބުންޏެވެ.

އެމީހުން ޝައްކު ކުރަނީ އިއްޔެ ތާޖުއްދީން ސްކޫލް ކުއްޖާއަށް ހަމަލާދީފައިވަނީ އަބާން ނިސްބަތްވާ ގޭންގެގެ ބަޔަކު ކަމަށެވެ. ނަމަވެސް އަބާނަކީ އެއްވެސް ގޭންގަކާ ގުޅުމެއް އޮންނަ ކުއްޖެއް ނޫން ކަމަށް އާއިލާ އިން ބުންޏެވެ.

"އެއްވެސް ގުޅުމެއް ނޯންނާނެ. މިދިޔަ އަހަރު މާލެ އައީ ކިޔަވަން ވެގެން. އޭނާއަކީ ވަރަށް މަޑު މަޑުން ހުންނަ ބަސް އަހާ ކުއްޖެއް،" އަބާންގެ އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

އަބާންގެ އުނަގަނޑު މަތިން ދެ ތަނަކަށް ތޫނު އެއްޗެއް ވަނީ ހަރާލާފައެވެ. އަދި އޭނާގެ ދެ އިނގިއްޔެއް ވެސް ވަނީ ޒަޚަމްކޮށްލާފައެވެ. އެ ޒަހަމްތައް ލިބިފައިވީނަމަވެސް އަބާންގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުން ބުނީ އިއްޔެ ތާޖުއްދީން ސްކޫލްގެ ކުއްޖަކަށް ދަގަނޑުބުރިއަކުން ހަމަލާދިން މައްސަލައާ އާއި މިއަދު އަބާނަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ދެ މާރާމާރީއަށްފަހު ފުލުހުނާއި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް