ޓްރަމްޕްގެ ބަރުދަނުން 4-6 ކިލޯ ލުއިކުރަން ލަފާދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޓްރަމްޕް ވިދާޅުވީ އެމނިކުފާނުގެ ޑެސްކުގައި ވެސް ނިއުކުލިއާ ބަޓަނެއް އެބަހުރި ކަމަށާއި ، އޭގެ ބާރުވެސް އުތުރުކޮރެއާއަށް ވުރެ މާ ވަރުގަދަވާނެކަމަށް-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަރުދަނުން 4-6 ކިލޯ ލުއިކުރަން ވައިޓްހައުސްގެ ޑޮކްޓަރު ލަފާދީފި އެވެ.

ޓްރަމްޕްގެ މެޑިކަލް ޗެކްއަޕެއް ހެދުމަށް ފަހު އޭގެ ނަތީޖާ އާންމުކޮށްފައިވާ އިރު އެ ނަތީޖާ ދައްކާގޮތުން ޓްރަމްޕްގެ އެއްވެސް ސީރިއަސް ސިއްހީ މައްސަލައެއް ނެތެވެ.

ޓްރަމްޕްގެ ބަރުދަނުގައި މިހާރު ހުރީ 108 ކިލޯ އެވެ. އިސްކޮޅަކީ ހަ ފޫޓު ތިން އިންޗި އެވެ. ބީއެމްއައި ހުރީ 29.9 ގަ އެވެ.

އުމުރުން 71 އަހަރުގެ ޓްރަމްޕްގެ ދުވަސް ފަށަނީ ހެނދުނު 5:30ގައި ކަމަށާއި އާންމުކޮށް އަވަހާރަފުޅުލައްޕަވަނީ ފަސް ގަޑިއިރު ކަމަށް ވައިޓްހައުސް އިން ބުނެ އެވެ.

ވައިޓް ހައުސްގެ ޑިކްޓަރު ޑރ. ރޯނީ ޖެކްސަން ޓްރަމްޕް އަށް ލަފާދެއްވާފައި ވަނީ ހަށިގަނޑު ފިޓްކޮށް ބެހެއްތުމަށް ފިޓްނެސް ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށެވެ. ޑައިޓަކާއި ފިޓްނެސް ޕްރޮގްރާމެއް ކުރިއަށް ގެންދަން ލަފާ ދިން ކަމަށާއި ނަމަވެސް ޓްރަމްޕް ބޭނުންފުޅުވީ ހަމައެކަނި ޑައިޓް ޕްލޭނެއް ކުރިއަށް ގެންދަވަން ނަމަވެސް ދެބައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޑރ. ޖެކްސަން ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް އަށް އެންމެ ކަމުދާ ފާސްޓް ފުޑް އަދި ޕްރޮސެސްޑް މީޓް ކެއުން މަދުކުރަން ވެސް ޑޮކްޓަރު ވަނީ ލަފާ ދެއްވައިފަ އެވެ.

ޓްރަމްޕް އަކީ ކޮފީ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި ޑައިޓް ކޯކުގެ ބޮޑު ފޭނެއް ކަމަށް ވައިޓްހައުސް އިން ބުނެ އެވެ. ޓްރަމްޕްގެ ސިކުނޑީގެ މައްސަލައެއް ހުންނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެފަދަ މައްސަލައެއް ވެސް ނެތް ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އެމަނިކުފާނުގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވުމުގެ ގާބިލުކަން އެބަ ހުރި،" ޖެކްސަން ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ މެޑިކަލް ހެއްދެވުމަށް ހަތަރު ގަޑިއިރު ހޭދަކުރެއްވި އެވެ. ނަތީޖާ އިވެލުއޭޓްކުރުމަށް 12 ޑޮކްޓަރުން ހަރަކާތްތެރިވެ ލެއްވި އެވެ.

(ސީއެންއެން އަދި އޭބީސީ)

comment ކޮމެންޓް