ތެލުގެ އަގަށް ބޭރުން އައި ބަދަލާ އެކު އެސްޓީއޯ އިން ތެލުގެ އަގުބޮޑުކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭރުގައި ބާޒާރުގައި ތެލަށް އައި ބަދަލާ އެކު، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ތެލުގެ އަގުބޮޑުކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ތެލުގެ އަގު ބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ވެސް ފާއިތުވި ތިން އަހަރު ތެލުގެ އަގު ނޫފުލޭ މިންވަރަށް ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވަނީ، ތެޔޮ އުފައްދާ މިންވަރު މަދު ކުރަން އޯގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އާއި ރަޝިއާ އިން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުންނާއި ދުނިޔޭގެ އިގުތިސާދު ރަނގަޅުވުމުގެ ސަބަބުންވެ.

އެސްޓީއޯ އިން އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ ޕެޓްރޯލް ލީޑަރަކުން 35 ލާރި އަދި ޑީސަލް ލީޓަރަކުން 44 ލާރި އެވެ.

comment ކޮމެންޓް