އެކްސިޑެންޓެއް ހިނގުމުން އާއިލާއަށް އެކަން އަންގައިދޭ ހެލްމެޓެއް ނެރެނީ

'ހެލީ' ހެލްމެޓް: އެކްސިޑެންޓް ވުމުން އެމްބިއުލެންސަށް އަމިއްލައަށް ގުޅި އާއިލާއަށް ވެސް މެސެޖު ހެލްމެޓުން އަމިއްލައަށް ފޮނުވޭ---

ދުއްވާފައި ދާއިރު އެކްސިޑެންޓެއް ހިނގުމުން، އެމްބިއުލެންސަށް އަމިއްލައަށް ގުޅި، އަދި ތިމާ އެކްސިޑެންޓެއް ވެއްޖެކަން އާއިލާއަށް ވެސް އަންގައި މެސެޖު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ހެލްމެޓެއް ޕާކިސްތާނުގެ ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

"ހެލީ" ނަމަކަށް ކިޔާ އެ ހެލްމެޓަކީ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައި ނެރޭ ހެލްމެޓެކެވެ.

ހެލްމެޓް އުފެއްދި ކުންފުނި "ލެޓްސް އިނޮވޭޓް" އިން ބުނީ 'ހެލީ' ހެލްމެޓަކީ ކުރިމަތިން ހިނގާ މަންޒަރުތައް ރިކޯޑް ކުރެވޭ އަދި އެ އަޅައިގެން ހުންނަ މީހާގެ ހިތުގެ ހިނގުން ވެސް ބަލައިދޭ ހެލްމެޓެެއް ކަމަށެވެ. އަދި ހާއްސަ އެޕްލިކޭޝަނެއްގެ އެހީގައި ޖީޕީއެސް ވެސް 'ހެލީ' ހެލްމެޓަށް ފެނިގެންދާނެއެވެ. އެކްސިޑެންޓްވި ހިސާބާއި އެ މީހާ އެކްސިޑެންޓް ވެ ވެއްޓޭ ހިސާބުވެސް އެ ހެލްމެޓްގެ އެހީގައި އެނގިގެންދެއެވެ.

އެ ހެލްމްޓަކީ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ހެލްމެޓެއްކަމުން އެ ހެލްމެޓުގައި ހުންނަ ބްލޫޓުތު ޑިވައިސް އަމިއްލަ ފޯނަށް ގުޅާލެވި މީހުންނާ ވާހަކަ ދައްކަން ފަސޭހަވެއެވެ.

"ލެޓްސް އިނޮވޭޓް" އިން ބުނީ އެ ކުންފުނިން ނެރޭ އާ އީޖާދަކީ، ހެލްމެޓް ނާޅައި ސައިކަލު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުން އެ މީހާއަށް އަވަސް ފަރުވާއެއް ހޯދުމުގެ ނިޒާމު ހަމަޖެއްސުމަށް އުފައްދާ ޒަމާނީ ހެލްމެޓެއްކަމަށެވެ. ބައެއް ފަހަރު މީހާއަށް ފަރުވާ ނުދެވި ލަސްވުމުން، މީހާގެ ފުރާނައަށް ނުރައްކާވާ ކަމަށާއި ނަމަވެސް އެ ހެލްމެޓު އަޅައިގެން ހުއްޓާ އެކްސިޑެންޓް ވެއްޖެނަމަ ވަގުތުން ވަގުތަށް އެމްބިއުލެންސަށް ގުޅުމުގެ ނިޒާމު ހަމަޖެހި ފަރުވާ އަވަސް ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ލެޓްސް އިނޮވޭޓް" އިން ބުނީ ހެލްމެޓް ވިއްކާނެ އަގެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް މި ވަގުތަށް ހެލްމެޓް ވިއްކަން ހަމަޖެހިފައިވަނީ 50 ޑޮލަރާ 99 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށެވެ.

އަހަރުގެ މެދު ތެރޭގައި 'ހެލީ' ހެލްމެޓް ބަޒާރަށް ނެރެން ހަމަޖެހިފައިވާއިރު އެ ކުންފުނިން ބުނީ ހެލްމެޓްގެ އަގު ހެޔޮ އަގަކަށް ވިއްކަނީ ގިނަ ބަޔަކަށް އެ ހެލްމެޓުން ފައިދާ ތަކެއް ލިއްބައިދިނުމަށް ކަމަށެވެ. 'ހެލީ' ހެލްމެޓް ކަމުދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން އެ ހެލްމެޓް ތައްޔާރު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެއްޗެއް ބާޒާރަށް ނެރޭ އިރު އެންމެ ފުރިހަމައަށް އަދި އާންމުންނަށް ފައިދާ ވާގޮތަށް ނެރުމަށް އަބަދުވެސް ވިސްނާކަމަށް އެ ކުންފުނިން ބުންޏެވެ.

މައުލޫމާތު: ޑީކެން ކްރޯނިކަލް، ޕާކިސްތާން ޑިފެންސް

comment ކޮމެންޓް