ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުމަށް އަލި މަގެއް

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުމަށް އަޒުމެއް ކަނޑައަޅައި މަސައްކަތްކުރޭ --

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެތައް ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ދުނިޔޭގެ ނިސްބަތުން އަށް މިލިއަން އެއްހާ މީހުން ކެންސަރު ބަލީގައި މަރުވެ އެވެ.

އާންމުކޮށް ފުއްޕާމޭގެ ކެންސަރުގެ ސަބަބުން ގިނަ ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަމުން ދާއިރު ފުއްޕާމޭ ކެންސަރުގެ 90 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރިމަތިވާ ކަމެކެވެ. ދުންފަތުގެ ސަބަބުން ހަށިގަނޑު އެއްކޮށް ނިކަމެތިކޮށްލައި އެކި ކަހަލަ ބަލިތައް ކުރިމަތިވެ އެވެ.

އެ ކަމުގެ ސަބަބުން ފުއްޕާމޭ އެއްކޮށް ހަލާކުވެ ތިމާގެ ބުންވަރު އެއްކޮށް ނެތިކޮށްލާ އިރު އެކަމުން ސަލާމަތްވާން ޖެހެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާނީ ކިހިނެއް؟

ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް އަޒުމެއް ކަނޑައެޅުން މުހިއްމެވެ. އެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އަޒުމެއް ކަނޑައަޅާށެވެ. އެ ކުރާ އަޒުމުގައި ދެމިހުރުމަކީ އެންމެ މުހިއްމު ކަމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކަށީގައި ހިފާފައި ހުންނަ ކަމަކަށްވާ އިރު އެކަން ކުއްލިއަކަށް ހުއްޓާލަން އެކަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ. ދުންފަތުގައި މީހުން "އެޑިކްޓް" ކުރުވާ އެތައް މާއްދާތަކެއް ހިމެނެ އެވެ. އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ތިމާ އަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. ނަމަވެސް ހިިތްވަރުއެލުވާ ނުލާށެވެ. އުންމީދެއް އޮތިއްޔާ ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރާށެވެ. "ނެގެޓިވް" ހިޔާލުތަކުން މީހާ ދުރުވާށެވެ. "އެކަމެއް ނުވާނޭ" ހިތަށް ނާރުވާށެވެ. ކުރެވޭނެ ކަމަށް ގަބޫލުކޮށް "ޕޮސިޓިވް" ވިސްނުމެއް ގެންގުޅޭށެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ދުއާ ކުރާށެވެ.

މަދުވެގެން ދުވާލަކު 30 މިނެޓަށް ނަމަވެސް ކަސްރަތުކޮށްލާށެވެ. ސަބަބަކީ ކަސްރަތު ކުރުމުގެ ސަބަބުން މީހާގެ ސްޓްރެސް ލެވެލް ދަށް ކޮށްދޭތީ އެވެ. ކުއްލިއަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވުރެ މަދު ކުރަމުން ގޮސް ހުއްޓާލުން ބުއްދިވެރި އެވެ. ސަބަބަކީ ދުންފަތަކީ "އެޑިކްޓް" ވާ ކަމަކަށް ވުމުން އެކަން ކުއްލިއަކަށް ހުއްޓުމުން ތިމާ އަށް އެއިން ނޭދެވޭ އަސަރެއް ކޮށްފާނެތީ އެވެ.

ކެފެއިން ގިނަ ބާވަތްތައް މަދުން ބޭނުން ކުރުމަކީ އެކަމުން ސަލާމަތްވުމަށް އޮތް މަގެކެވެ. ސިގިނރޭޓް ބޯހިތްވެއްޖެ ނަމަ އެންމެ ފުރަތަމަ ތިމާ ހަމަ އަކަށް އަޅުވާލާށެވެ. އެއަށް ފަހު އަނގަޔަށް ޗުވިންގަމްއެއް ނޫނީ ސުޕާރިއެއް ކާލާށެވެ. ބޭކާރު ފިކުރުތަކުން އެއްކިބާވެ ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވާށެވެ. ސިކުނޑިއަށް އަރާމު ދޭން ވެސް ވާނެ އެވެ. އެ ވަގުތުކޮޅުގައި ވެސް ފޮތެއް ކިޔާލާ އަޅުކަމެއް ކޮށްލާށެވެ.

އެކަން ހުއްޓާލުމަށް މަސައްކަތް ކުރާއިރު ތިމާ އަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް އަޒުމެއް ކަނޑައަޅައި އެކަމަށް ގަދަ އަޅާ މަސައްކަތްކޮށްފި ނަމަ ދުންފަތުގެ އިސްތިއުމާލު ކުރުންވެސް ހުއްޓިގެންދާނެ އެވެ. ބޭނުންވާނީ ތިމާގެ ކެތްތެރިކަމާއި ހިއްވަރެވެ. އޭރުން ކާމިޔާބު ވާނެ އެވެ.

(ރީޑާސް ޑައިޖެސްޓް)

comment ކޮމެންޓް