ލ. އަތޮޅުގައި ގައުމީ އަންހެން ވޮލީ ޓީމުގެ ހާއްސަ ޗެލެންޖެއް

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެއާއި ނޭޕާލް ކުޅުނު މެޗު ފެށުމުގެ ކުރިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ "ސްޕޯޓްސް ފޯ އޯލް"ގެ ހަރަކާތްތައް އަންނަ މަހު 16 އިން 17 އަށް ލ. ގަމާއި އެ އަތޮޅު ފޮނަދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިރު، އެ ހަރަކާތްތަކުގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ހާއްސަ ވޮލީ މެޗެއް ކުރިއަށްގެންދަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ގިނަ އަދަދެއްގެ ލ. އަތޮޅު ކުޅުންތެރިން ހިމެނޭ އިރު، ޔޫތު މިނިސްޓްރީން ނިންމާފައިވަނީ ލ. އަތޮޅުން ހޮވާލެވޭ ކުޅުންތެރިންނާއި ގައުމީ އަންހެން ޓީމާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅުމަށެވެ. މި މެޗުގައި އަންހެން ގައުމީ ޓީމުގައި ހިމެނޭ ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ކުޅޭނީ އަތޮޅުގެ ޓީމަށެވެ.

އެ މެޗާ ގުޅޭގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް އަދި އޭވީސީގެ މެމްބަރު މުހައްމަދު ލަތީފް (ލަތީބެ) ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މެޗު ކުޅެން ނިންމީ ގައުމީ އަންހެން ވޮލީ ޓީމުގައި ލ. އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭތީ ކަމަށެވެ. އަދި މި މެޗަކީ "ސްޕޯޓްސް ފޯ އޯލް" ގެ ތެރެއިން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތެއް ކަމަށް ވެސް ލަތީބެ ވިދާޅުވިއެވެ.

މިއަހަރު ކުރިއަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ފުޓްސަލް، ބަށި، ވޮލީ، ވާދެމުން އަދި ހޭންޑްބޯޅައެވެ. މީގެ އިތުރުން ވެސް އަންނަ މަހުގެ 12 ވަނަ ދުވަހު ގަމާއި ފޮނަދޫގެ ހޮސްޕިޓަލްތަކުގައި ހެލްތު ޗެކަޕުގެ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ގަމާއި ފޮނަދޫގެ ސްކޫލުތަކާއި އާންމުންނަށް ވެސް އެންމެ މަތީ ފަންތީގެ ފިޓްނަސް ކޯޗިން ސެސަންތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިން 'ސްޕޯޓްސް ފޯ އޯލް' ޕްރޮގްރާމް ވެގެންގޮސްފައިވަނީ ވަރަށް މަގްބޫލު ޕްރޮގްރާމަކަށެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި 12 އަހަރު މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. 2012 ވަނަ އަހަރު 'ސްޕޯޓްސް ފޯ އޯލް' މެދުކެނޑުމަށްފަހު އަލުން ފެށީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ ސްޕޯޓްސް ފޯ އޯލް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ.

comment ކޮމެންޓް