އާއްކޮވެސް މާޒިޔާގައި މަޑުކުރަން ނިންމައިފި

2016 ވަނަ އަހަރު ދިވެހި ލީގުގައި އާއްކޮ މާޒިޔާގެ ޖާޒީގައި --- ސަން ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ އަހުމަދު އިމާޒް (އާއްކޮ) އަންނަ ސީޒަންގައިވެސް އެކްލަބުގައި މަޑުކުރުމަށް ކޮންޓްރެކް އައުކޮށްފިއެވެ.

އާއްކޮގެ ކޮންޓްރެކްޓް އައުކުރިކަން އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައިވަނީ ޔަގީންކޮށްދީފައެވެ.

ހދ. ނޭކުރެންދުއަށް އުފަން އުމުރުން 25 އަހަރުގެ އާއްކޮ ފުރަތަމަ ޑިވިޝަންގެ ތެރެއަށް ތައާރަފުވެގެން އައީ 2011 ވަނަ އަހަރު ކްލަބު އީގަލްސްއިންނެވެ. 2014 ވަނަ އަހަރާ ހަމައަށް އީގަލްސްގެ ޖާޒީގައި ފެނެގިންދިޔަ އާއްކޮ މާޒިޔާއާ ގުޅުނީ 2015 ވަނަ އަހަރުގައެވެ.

މާޒިޔާއާއެކު މިހާތަނަށް ހޭދަކުރި ތިން ސީޒަންގައި އާއްކޮވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 23 އަހަރުންް ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ އާއްކޮއަކީ މިހާރު ރާއްޖޭގެ ސީނިއާ ޓީމުގެ ސްކޮޑުންވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ވަރުގަދައަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއިން ފެނިގެންދިޔަ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން ޓީސީގެ ތަރި ނާއިޒް ހަސަން (ދާދު) ވެސް އަންނަ ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ. މީގެ އިތުރުންވެސް އީގަލްސްގެ ފަހަތުން މިދިޔަ ސީޒަންގައި ފެނިގެންދިޔަ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ވެސް ފެނިގެންދާނީ އެންމެ ފަހުގެ މާލޭ ލީގު ޗެމްޕިއަން މާޒިޔާއިންނެވެ.

މާޒިޔާގެ މެދުތެރެއަށް ވޭތުވެދިޔަ ދެ ސީޒަންގައިވެސް މުހިއްމު ކުޅުމެއް ދެއްކި މުހައްމަދު އުމެއިރު އަންނަ ސީޒަންގައި ފެންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. އެހެން ނަމަވެސް މާޒިޔާއިންވަނީ އެޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށް އިސްމާއީލް އީސަ (މެސީ)ގެ އިތުރުން ޔަސްފާދު ހަބީބު (މުލަކޭ) އަދި މޫސާ ޔާމީން (ޔާންބެ) ގެ ކޮންޓްރެކްޓްވެސްވަނީ އަންނަ ސީޒަނަށް އައުކޮށްފައެވެ.

comment ކޮމެންޓް