ކަލަންޑަރުގައި ހިމެނޭ ހުރިހާ މުބާރާތެއްގެ އަމާޒަކީވެސް ގައުމީ ޓީމު ތައްޔާރުކުރުން: ލަތީފް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ވޮލީ ކަލަންޑަރުގައި ހިމެނޭ ހުރިހާ މުބާރާތެއްގެވެސް އަމާޒަކީ އެކި ލެވެލްތަކުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުތައް ތައްޔާރުކުރުން ކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް އަދި އޭވީސީގެ ބޯޑު މެމްބަރު މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ މިއަހަރުގެ ކަލަންޑަރު ނޫސްވެރިންނާ ހިއްސާކުރުމަށް ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، މިދިޔަ އަހަރަކީ ވޮލީގެ އާއިލާއަށް ކާމިޔާބުކަމާއެކު ހިދުމަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ އެންމެ ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވުނު އަހަރުގެ އިތުރުން ރާއްޖޭގައި އޭޝިއާ ލެވެލްގެ ދެ މުބާރާތް ކާމިޔާބުކަމާއެކު ހޯސްޓް ނިންމާލެވުނު އަހަރެއް ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ގައުމީ ޓީމުތައް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްކުރުން. ހުރިހާ މުބާރާތެއްވެސް ބޭއްވުމުގެ މަގުސަދަކީ ގައުމީ ޓީމުތައް ތައްޔާރުކުރުން. ގައުމީ ޓީމުތައް ތައްޔާރުކުރެވޭނީ ހަރަކާތްތަކެއް ހިންގިގެން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، މިހާރު ހިނގަމުންދަނީ ކުރިން އިއުލާން ކުރި ރިފޯމް އެޖެންޑާގެ މަސައްކަތްކަމަށެވެ. އޭގެ ދަށުން ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށާއި ރިފޯމް އެޖެންޑާގެ ދަށުން ގައުމީ ޓީމުތައް ރިފޯމް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގައުމީ ޓީމަށް ކުޅޭނީ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ޒުވާނުން. އެހެންވީމަ މިހާރު ގައުމީޓީމަށް ކުޅެވޭނެ 35 އަހަރުން ދަށުގެ ކޮންމެ ދިވެއްސަކަށްވެސް. ހުރިހާ އެންމެނަށްވެސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮންނާނެ. އެސޯސިއޭޝަން ހިންގަން ތިބޭ ބައެއްނޫން ގައުމީ ޓީމަށް ކުޅޭނީ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިއަހަރުގެ ވޮލީ ކަލަންޑަރުގައި ޖުމްލަ 15 ލޯކަލް މުބާރާތާއި ބައިނަލްއަގުވާމީ ނުވަ މުބާރާތް ހިމެނިފައިވާނެ ކަމަށާއި، މި ހުރިހާ މުބާރާތެއްގެވެސް މަގުސަދަކީ ރާއްޖޭގެ ގައުމީ ޓީމުތައް ބައިނަލްއަގުވާމީ ލެވެލްގެ މުބާރާތްތަކަށް ތައްޔާރުވުން ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ ވޭތުވެދިޔަ އަހަރު އެ އިދާރާއިން ހިންގި އިވެންޓުތަކުގައި ޖުމްލަ 2500 އެތުލީޓުން ބައިވެރިވެފައިވާ ކަމަށާއި 400 އޮފިޝަލުންވެސް އެސޯސިއޭޝަންގެ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތަތެރިވެފައިވާ ކަމަށެވެ. އަދި މިއަހަރު އެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރާކަމަށްވެސް ވޮލީބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.

comment ކޮމެންޓް