ނޭނގި ހިތާ ކުޅެލީ -18

ނަބީލާ އެކޮޓަރީގެ ދޮރު ހުޅުވައިލިއިރު ސަވާނާ އޮތީ ބިންމަތީގައި ހަށިގަނޑު ދަމާލައިގެންނެވެ. ދެފައި އެނދަށް ނަގައިގެން އޮތްއިރު އެ ދޮންފައިތިލައިގެ އިނގިލިތައް ހުރީ ކަޅުކުލައިން ޕެއިންޓްކޮށްލާފައެވެ. ނަބީލާ ފެނުމާއިއެކު ސަވާނާ ރުޅި މޫނުހެދިއެވެ. އެއްގޮތަކަށްވެސް މަންމައަށް މާފުދޭކަށް އޭނަ ބޭނުމެއްނޫނެވެ.

"ސަވާނާ......" ނަބީލާ ގޮވައިލީ މަޑުމައިތިރިކަމާއި އެކުގައެވެ.

"މަންމައަށް އެނގޭ ތިހިރީ މަންމަ އެވާހަކަ ދެއްކީމަ ހިތްހަމަނުޖެހިފައިކަން. އެކަމަކު ހަމަ ލުކުމާންއާއި މަންމަ ހިތްހަމަނުޖެހޭތީ އަނގައިން ބުނާހިތް ނުވީ. މަންމަ ނުރުހެންޏާ ކޮންމެހެން ރުހޭކަން ދެއްކުމުގެ މާނައެއްވެސް ނެތެއްނު. މަންމަގެ ޟަމީރު ބުނާގޮތުން ވިއްޔާ އޭނަ އެއުޅެނީ ސަވާނާދެކެ ލޯތްބަކުން ނޫން. ކޮންމެވެސް އެހެން އެދުމެއް އޮވެގެން އެހާ އަވަސް އަރުވާލައިގެން ދެވަނަފަހަރަށްވެސް އިންނަން އުޅެނީ. ލުކުމާންއަކީ ބައްޕަގެ ހޮވުން. މަންމައަށްވެސް އެފަދަ ފުރުސަތެއްދޭންވީނު. އެޓްލީސްޓް މަންމަ ދައްކާ މީހަކާއި އެންމެ ފަހަރަކު ވާހަކަ ދައްކަފާނަންތަ؟ " ނަބީލާ ހުރީ ސަވާނާ ބުނެފާނެ އެއްޗަކާއިމެދު ކަންތައް ބޮޑުވެފައެވެ.

" އެއީ ކާކުތަ؟ " ރުޅިގަދަވެގެންގޮސް އެތެރެހަށީގައި އޮއިވަރެއް އުފެދިފައި ވިނަމަވެސް އެހާ އާދޭހާއި ނިކަމެތިކަމާއިއެކު މަންމަ އެދުމުން ސަވާނާއަށް ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. އޭނަވަނީ މަންމަ އެހާ ލޯބިން ގެންގުޅުނު ޕެޓޫނިއާ ގަސް މުށިގަނޑެއްވެސް ތަޅާލާފައެވެ. މަންމަގެ ހިތަށްވެސް އަސަރުކުރާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އެފަދަ ނުބައިކަންތައް ކުރާކަހަލަ ކުއްޖަކަށް އޭނަ ވީތީ އަދިވެސް މިހިރީ ގަބޫލުނުކުރެވިފައެވެ. މަންމަގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން ސަވާނާގެ ހިތް މަޑުވެ ރުޅިގަނޑު މުޅިން ހިދިއްޖެއެވެ. ގަސް ހަލާކުކޮށްލެވުނީ ތީ މާފަށް އެދެންވެސް ބޭނުންވިއެވެ. މަންމަ އެބުނާ މީހަކާއި ބައްދަލުކޮށްލުމަކުން މައްސަލައެއް ނެތްތާއެވެ.

"މަންމަގެ އެންމެ ގާތް އެކުވެރިޔާ އަރުޖަމަންދުގެ ދަރިފުޅު....."

"އަރުޖަމަންދޭ. ވަޓް އެ ވިއާޑް ނޭމް....." ސަވާނާ ތެދުވެ އިސްތަށިގަނޑު އަތުން ރީތިކޮށްލައިފިއެވެ. އެމީހުންނާއި ބައްދަލުކުރަން ހަދަންވީގޮތެއް އެހިއެވެ. ސަވާނާގެ ހިތަކު އެހެން ފިރިހެނަކާއި ބައްދަލުކުރުމުގެ ކުޑަ ޝައުގެއް ނެތަސް މަންމައާއިމެދު ކަންތައް ކުރެވުނުގޮތުން އަމިއްލަ ނަފުސް ކުށްވެރިކުރެވި އެކަމުގެ ކައްފާރާއަކަށް މަންމަ ބުނި ކަމެއް ކޮށްލަދޭން ނިންމީއެވެ. އޭނަގެ ކައިވެނި ނިމިހަމަޖެހިފައިވާއިރުވެސް މަންމަ ކިހާ މޮޔަހެއްޔެވެ؟ އޭނަގެ ޚިޔާލު އެހާ ރީތިކޮށް ހާމަކޮށްދިނުމުންވެސް މަންމައަށް އޭނަގެ ހިތުގެ އަޑު އިވުނުކަމަކަށްނުވިއެވެ. އިންސާނުންނަކީ ފުރިހަމަ ބަޔެއްނޫނެވެ. ލުކުމާންގެ ކިތަންމެ ނުބައި ސިފަތަކެއް ހުއްޓަސް އޭނަގެ ހިތުގައި ރަސްކަން ކުރަނީ އެ ޒުވާނާއެވެ. އޭނަގެ ހިތުގެ ލޯތްބަކީ އެއީއެވެ. ނަމަވެސް މަންމަގެ ހިތް ހަމަޖައްސާދިނަސް އޭނަގެ އަތުން އެއްޗެއް ނުއެއް ގެއްލޭނެއެވެ.

އިމާދުއްދީން ލުކުމާންއާއިއެކު ޓެރެސްގައި ކޮފީ ބޯންއިންއިރު މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ލުކުމާންއަށް އިތުބާރުކުރެވުނު ވަރުން ކޮންމެ ކޮންމެ ވާހަކައެއް ހިއްސާކުރަންވެސް އޭނައަށް އުދަގުލެއްނުވެއެވެ. އެންމެ އިތުބާރުކުރެވޭ އެކަކުކަމުގައި ލުކުމާން ވެގެން ހިގައްޖެއެވެ. ޚާއްސަކޮށް އޭނަގެ ކުންފުންޏަށް ހޯދަދިން ބޮޑު އިންވެސްޓެއްގެ ސަބަބުން އެ އިތުބާރުވަނީ އެތައް ގުނަ އިތުރުވެފައެވެ.

"މިކަހަލަ ވާހަކައެއް ދެއްކުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން. އަހަރެން މިވަނީ އެތައް މިލިއަން ރުފިޔާއަކަށް ދަރާވިކިފައި. އެންމެ ކުޑަވެގެން ސަވާނާގެ އޮޕަރޭޝަންކޮށްދޭނެފަދަ މާލީ ތަނަވަސްކަމެއްވެސް މިވަގުތަކު ނެތް. ކޮންމެގޮތެއް ހަދާފައިވެސް ކޮންވިންސްކޮށްދީ ލަކުނު ހުއްޓަސް ލުކުމާންގެ މައްސަލައެއް ނެތްކަމަށް. އަހަރެން އަދިވެސް މިހިރީ ފައިސާގެ ދަތިކަން ހުރިވަރު ސަވާނާއަށްވެސް ސިއްރުކޮށްލައިގެން. އެހާ މުއްސަދި ދިރިއުޅުމެއް އުޅެފައި ހަމަ ކުއްލިއަކަށް ދަތިކޮށް އުޅޭކަށް އެކުއްޖާއަކަށްވެސް ފަސޭހައެއްނުވާނެ........." އިމާދުއްދީން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިރުކޮޅެއްވާންދެން އިނެވެ.

"އަހަންނާއި ނަބީލާވެސް ވަނީ ވަރިއާއި ހަމަޔަށް ގޮސްފަ...."

"އޯ މައި ގޯޑް..." ލުކުމާން ސިހޭގޮތްވިއެވެ. "ސަވާނާއަށް އެނގޭތަ؟"

"ނޫން އެކަމަކު އެނގުނަސް ސަވާނާއަށް އެކަމުން އެހާ އަސަރެއް ކުރާނެހެން ހިޔެއްނުވޭ. ނަބީލާގެ އެހެރަ ހައްދުފަހަނައަޅާފައިވާ ޚިޔާލުތަކުގެ ސަބަބުން އަހަރެމެން ދެމީހުންނާއިވެސް މައްސަލަޖެހިފައި އޮތީ. އޮނެސްޓްކޮށް ބުނަންޏާ މައްސަލަ އެންމެ ގޯސްވީ ނަބީލާ ލުކުމާން ދެކެ ނަފްރަތުކުރާކަން ސަވާނާއަށް އެނގުނު ހިސާބުން. ސަވާނާ ލުކުމާން ނޫނީ ނަބީލާ ކުރެން މީހަކު ޗޫޒްކުރަންޏާ ލުކުމާން ހޮވާނެކަމާއިމެދު ކުޑަވެސް ޝައްކެއްނެތް.........." އިމާދުއްދީން ކުރުގޮތަކަށް އެ ހާދިސާ ކިޔާދީފައި ނަބީލާދެކެ ފޫހިވާވަރު އަންގަން އިތުރު ވާހަކަތަކެއްވެސް ކިޔައިދޭންފެށުމުން ލުކުމާން މައުޟޫ ބަދަލުކުރުވީ އެވާހަކަތައް އަހަން އުދަގޫވެގެންނެވެ. ސަވާނާގެ މަންމައަށްވުމުން ހިތުގައި ގަދަރެއް ދެވިފައިވިއެވެ. ލުކުމާންއަށް ޔަގީންވާކަމަކީ އޭނަގެ މަންމަފަދައިން ހެދުން އަޅާމީހުންނާއިމެދު އޭނަގެ ހިތުގައި ޚާއްސަ މަގާމެއް އޮތްކަމެވެ.

އެރޭ ނަބީލާ ހުރީ ކޮޓަރިއަށް ވަންނަން ޖެހިލުންވެފައެވެ. އިމާދުއްދީންއާއި ދެމީހުން އެއްކޮޓަރިއެއްގައި ނިދިޔަސް ދެމީހުން ދެބީރައްޓެހިންފަދައެވެ. ކައިވެނިކުރީ ހަމައެކަނި ސަވާނާއަށްޓަކާކަން އިމާދުއްދީންވަނީ ފުރަތަމަ ދުވަހުންފެށިގެން ސާބިތުކޮށްދީފައެވެ. ނަބީލާއާއި ދޭތެރޭ އޭނަ ކަންތައްކުރަނީ ގޭގައި ގެންގުޅޭ ނޯކަރަކާއިމެދުވެސް އަމަލުކުރާނެ ގޮތަކަށެވެ. ރުހުމުގެ ލޮލުން އެންމެ ފަހަރަކު ނަމަވެސް ބަލައެއްނުލައެވެ. އޭނަގެ މޫނަށް ބަލަންވާއިރަށް ބުމަގޮށްޖެހިދެއެވެ. ވާހަކަދައްކާއިރު ހަރުކަށި އަމުރުވެރިގޮތެއް ހުރެއެވެ.

އެރޭ އިމާދުއްދީން ނަބީލާއަށް އަމުރުކުރީ އެކޮޓަރިން ސާމާނު ނެރެގެން އެހެން ތަނަކަށް ބަދަލުވާށެވެ.

"އަހަރެން ވަރަށް ބަލައިފިން އެއްކޮށް އުޅެން. ވަރަށް މަސައްކަތްކޮށްފިން އަންބެއްގެ ދަރަޖަދޭން. އެކަމަކު އެކަމަށް ގާބިލުމީހެއްނޫން ތީ. އަމިއްލަ ދަރިފުޅުގެ އުފަލަށް އިސްކަމެއް ދޭކަށް ނޭގުނު. އެކުއްޖާ އިންނަން އުޅުނު މީހާއާއިވެސް ޖައްސައިލީ. ރަގަޅު އަންބަކަށް ނުވެވުނުތާގައި ރަގަޅު މަންމައަކަށްވެސް ނުވި...." އިމާދުއްދީން ފޫހި ނަޒަރަކުން ބަލާލުމަށްފަހު ފާޚާނާއާއި ދިމާލަށް ހިނގައިގަތެވެ. ހިތުގައި އެވަގުތު އުފެދުނު ރުޅިވެރިކަމެއްގެ ސަބަބުން ހިތުގައި މިހުރިހާ ދުވަހު ފޮރުވައިގެންހުރި ހުރިހާ އެއްޗެއް ބޭރުކޮށްލާ ހިތްވިއެވެ. އިމާދުއްދީންއާއިހެދި އޭނައަށް އެއް ޒަމާނެއްގައި އުޅެވުނީ އޭނަގެ ހުރި މޮޔަކަމުންނެވެ. ތަންދޮރު ނޭގުނީއެވެ. ވިދާ ޖަވާހިރެއް ލިބެން އޮތްވާ ކުލަ ރީތި ހިލަކޮޅެއްގެ އަވައިގާ ޖެހުނީއެވެ.

"ލިވިއާގެ ސަބަބުންތަ؟ މީހެއްގެ ޅަ ދަރިއެކޭ އެއީ. ސަވާނާގެ އެންމެ ގާތް އެކުވެރިޔާ. ކޮންފަދަ ލަދުވެތިކަމެއް ކުރަން ތިއުޅެނީ......." ނަބީލާގެ ޖުމްލައާއިއެކު އިމާދުއްދީން އަނބުރާލާފައި އޭނައާއި ދިމާލަށް އައީ ވިދުވަރެއްހާ ހަލުވިކަމާއިއެކުގައެވެ.

"އަނގަ ނުތަޅާ މިތަނުން ބޭރަށް ދޭ. ނޫނީ އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެ. ލިވިއާގެ ނަން ކިޔޭ ފެންވަރުގެ މީހެއްވެސް ނޫން ނޫނީ ވަރިކުރާނީ. ކަލޭ ތިހެން ބައިންދާފައި އަހަރެން ބޭނުންވަރަކަށް އަންހެނުން ގެނެސް ވައްދާނަން......." އިމާދުއްދީން އައި ރުޅީގައި ނަބީލާގެ އަނގައިގާ ހިފާ ދަމައިގަތްގޮތަށް އަނގަ އިރާނުލީ ކިރިޔާއެވެ. އަނގައިން ދަވަ އަންނަންފެށިއިރު ދެލޮލުގައި ކަރުނަ ގިނަވެ ތިކިތައް އޮހެން ފެށިއެވެ.

"ނިކުމޭ. މިކޮޓަރިން ކަލޭގެ ސާމާނު ހިފައިގެން ނިކުމޭ. އަހަންނަށް ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ....." އިމާދުއްދީން ދެލޯ ވަށްކޮށްލަމުން އިންޒާރެއްދިނެވެ.

ނަބީލާ އަންނައުނާއި ގެންގުޅޭ ސާމާނު ގެންގޮސް ދަބަހަށްލާ ތައްޔާރުވާންފެށީ ދެވަނަފަހަރަށް އިމާދުއްދީންގެ ޖުމްލަ ތަކުރާރުކުރަން ފުރުސަތެއްނުދީއެވެ. ދަބަސް ނެރެގެން ހިނގައިގަތީ އިމާދުއްދީންއަށްޓަކާ ހިތުގައިވި ހާ ލޯތްބެއް ފައިދަށުލާ ވަޅުލާފައެވެ.

އިމާދުއްދީން އޭނަދެކެ އެހާ ގަދަޔަށް ރުޅިއަންނަންވީ ސަބަބަކީ ލިވިއާ ބާވައޭ ހިތަށް އެރިއެވެ. އޭނަގެ އުމުރުގެ އަންހެނުންވެސް ފިރިމީހާއަށްޓަކާ މޭކަޕްކޮށް ރީތިވާ އުސޫލުން އޭނަ އެގޮތަށް ކަންތައް ނުކުރާތީހެއްޔެވެ؟ ނަބީލާގެ ހިތަށް އެންމެ ބޮޑަށް ބިރުވެރިކަންވަނީ ވަރީގެ ވާހަކަ ދެއްކީތީއެވެ. އިމާދުއްދީން އޭނަ ދޫކޮށްލައިފިއްޔާ ސަވާނާ އޭނަގެ ދިރިއުޅުމާއި ވަކިވެގެން ހިގައިދާނެއެވެ. ސަވާނާ ފިޔަވާ މިދުނިޔޭގައި އޭނަގެ ހުރީ ކާކުހެއްޔެވެ؟ އެދަރިފުޅަށްޓަކާ އޭނަ ކެތްކުރާނެއެވެ. މިހުރިހާ ދުވަހު ކެތްކުރިފަދައިންނެވެ. ނަމަވެސް ލިވިއާއަށް އަދިވެސް ވިސްނައިދޭނެއެވެ.

މިހާރަކަށް އައިސް ދެ އަނބިން ގެންގުޅުން ޓްރެންޑަކަށްވަނީ އަންހެނުންނަށް އުޅެން ނޭގުނީމަ ހެއްޔެވެ؟

އިމާދުއްދީންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅަށްޓަކާ އެއްކޮށްފައިވާ ފައިސާތައް އޭނަ އެއަށްވުރެ ލޯބިވާ އަންހެނަކާއިހެދި ދީވާނާވެގެން ޚަރަދުކުރަންފެށީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ލިވިއާއަށްޓަކާ އޭނަ ޔުނިވާސިޓީ ފީގެ އިތުރުން މާވިއްކާ ފިހާރަ ހުޅުވަން އެތައް ލައްކަ ރުފިޔާ ވަގުފުކުރިއެވެ. ލިވިއާ ލުކުމާންއަށް ހެދީ ހުސް ދޮގެވެ. ލިވިއާ ބުނީ އެ މާފިހާރައަކީ އޭނަގެ ތިމާގެ ކުއްޖެއްގެ ތަނެއްކަމުގައެވެ. އޭނައަށްޓަކާ އިމާދުއްދީން ރެންޓްކޮށްދީގެން އޭނަގެ ނަމުގައި ހުޅުވި ފިހާރައެއްކަން ސިއްރުކުރިއެވެ. ލިވިއާ ހުރީ ނިކަން ފޯރި އައިސްފައެވެ. އެތަންކޮޅު ކުޑަޔަސް ރަގަޅު ފެންވަރަކަށް ހިންގާލެވޭނެ ތަނެކެވެ. ލޯބިވެރިން އެތަނަށް ވަދެ މާތައް ގަންނާނެކަމީ ޝައްކެއްނެތި އެނގޭކަމެކެވެ.

އިމާދުއްދީން ޗައިނާއަށް ވިޔަފާރި ދަތުރެއްގައި ފުރިއިރު ލިވިއާވެސް ގެންދިޔަ ނަމަވެސް އެދަތުރު ދެމީހުން އެކީ ދިޔަކަމަކަށް ނަހަދައެވެ. އިމާދުއްދީން ޗައިނާއަށް ފުރިއިރު ލިވިއާ ލުކުމާން ކައިރީ ބުނިގޮތުން އޭނަ މަންމަމެންނަށް ޒިޔާރަތްކޮށްލަން ލަންކާއަށް ދަނީއެވެ. ދެމީހުން ލަންކާގައި ޓްރާންސިޓްކޮށް ޗައިނާއަށް ފުރިގޮތަށް އުޅުނީ އެއް ހޮޓަލުގައެވެ. ލިވިއާ ހުރީ އެހާ ހިތްގައިމު ތަނަކަށް ދެވުމުން ނިކަން އުފާވެފައެވެ. އެދަތުރު އިމާދުއްދީންވަނީ ލިވިއާ އާއި ގާތްގުޅުމެއް އުފައްދަން މަސައްކަތްކޮށްފައެވެ. އެންމެފަހުން އެ ދީވާނާ ހިތަށް ކެތްނުކުރެވިގެން ލޯބި ހުށަހެޅީ ނޫކަށި ފުރައިގެ ޒުވާނެއްފަދައިންނެވެ. އިޝްގީ ރޭގަނޑު ކެއުމަކަށް ދެމީހުން އެކީ ގޮހެވެ.

"ލިވީ އެހާ ހިތް ނުތަޅުވާ ދެން އަހަރެންގެ މިހަކަށް ވެދީބަލަ. ކޮން ދުވަހެއް އިންތިޒާރުކުރާތާ. އަހަރެންގެ ޕްރިންސެސްއަކީ ތީ. ފެނުމާއިއެކު މިހިތް ތި ރީތި މަލިކާއަށް ދެވުނީ އެއްވެސް މަގޭ އިޚުތިޔާރުގައެއްނޫން. އަހަންނަށް އެނގޭ ލިވީވެސް ތިހުންނަނީ މިފަދަ ލޯތްބެއްގެ އިންތިޒާރުގައިކަން. ދުވަސްވީ މީހުންގެ ތަޖުރިބާ ހުންނާތީ ލައިކްވެއޭ ބުނިދުވަހުން ފެށިގެން ތި ރީތި މާ ބިދެލަން އަހަރެންގެ ހިތުގައި ނުގުޑާ އަޒުމެއް ކަނޑައެޅިން. އަހަރެންގެ ހަޔާތަށް ވެރިވެފައިވާ ހުސްކަން ފުރާލަދީ......" އިމާދުއްދީން ލިވިއާގެ އަތްތިލައިގާ ހިފެހެއްޓިއެވެ.

"އަހަރެން މިހިރީ ތިޔަ ކަންތައްކޮށްދޭން އެކަމަކު ޝަރުތެއްގެ މަތިން..." ލިވިއާ ފަރިގޮތަކަށް ހިނިތުންވެލިއެވެ.

"އެތައް ހާސް ޝަރުތެއް ގަބޫލުކުރަންވެސް މި ނިކަމެތި އާޝިގު މިހިރީ ތައްޔާރަށް.." އިމާދުއްދީން އެއަތަށް ފިތައިލިއިރު އެދެލޮލުން ފެންނަނީ ދީވާނާކަމެވެ.

"އަހަރެން ޑިގްރީ ހަދާނިމިގެން ކައިވެނި ކުރާނީ. ދެއަހަރުފަހުން. ކިޔަވާ ނިމިގެން ނޫނީ ކައިވެނި ނުކުރަން އަމިއްލަ ނަފުސަށް ވައުދު ވެފައިމިވަނީ. ސަބަބަކީ ފިރިހެނުންނަށް ބަރޯސާވެގެން ކައިވެނިކޮށް ދަރިން ލިބުނީމަ ފިރިހެނުން ފޫހިވެދާނެ. އާ ބައިވެރިޔަކަށް ބޭނުންވެގެން ދަރިންގެ މަންމަ އެއްލާލާނެ. އެހިސާބުން އަންހެންކުއްޖާ ނިކަމެތިވޭ. އެކަހަލަ ގޮތަކަށް ނުވާނީ އަންހެންކުދިން ކިޔަވާ އަމިއްލަ ފައިމައްޗަށް ތެދުވީމަކަމަށް އަހަރެން ގަބޫލުކުރަން. މި ޝަރުތު ގަބޫލުކޮށް ކިޔަވައިދޭން ހުރި ކޮންމެ މީހަކާ އިންނަގޮތަށް ކުރިއްސުރެ ނިންމައިގެން މިހިރީ..." ލިވިއާ ނިކަން ހަމަޖެހިލައިގެން އިނދެ އެސްފިޔަތަކަށް ލާނެތް ހަރަކާތެއްކޮށްލަމުން އެ ލޯ މަރައިލިތަން ބަލަން އިމާދުއްދީން އިންއިރު އެސްފިޔަ ޖަހައިލަންވެސް ހަދާނެއްނުވިއެވެ. އެފަރިކަމާއި އޮމާންކަން އޭނަގެ ހިތުގެ އެންމެ ހިމަ ނާރުތަކަށް އަސަރުކުރުވައިފިއެވެ.

"ހާދަ ދުވަހެކޭ. ދެއަހަރު. ތިހާ ދުވަހަށް ކެތްކުރާނެ ގޮތެއް ދޫނި ނިކަން ބުނެދީބަލަ......." އިމާދުއްދީން މާޔޫސްވެއްޖެއެވެ.

"ދެއަހަރުން ކައިވެނިކުރިޔަސް ލޯބިވެރިން ގޮތުގައި އެތަން މިތާ ދަތުރުކޮށްއުޅެވޭނެ. ނަމަވެސް ވަކި ހައްދެއްގެ ތެރޭގައި އުޅެންވާނީ. ކައިވެނީގެ ރެއާއި ހަމަޔަށް އަންޓަޗްޑް އަންހެންކުއްޖެއްގެ ގޮތުގައި ހުރީމަ ފިރިމީހާ ކިހާ އުފާވާނެ. އެމީހަކީ ކޮންފަދަ ނަސީބުރަގަޅު މީހަކަށްވާނެ. ސޯ ޕްލީޒް ގަބޫލުކުރޭ......." ލިވިއާގެ ކޮންމެ ޖުމްލައަކަށް އިމާދުއްދީން ބޯ ޖަހައިލީ ނިކަން ގަޔާވެއިނދެއެވެ. ނަމަވެސް ކައިވެނި ތަންކޮޅެއް އަވަސްކުރުވަން އޭނަ ލިވިއާއަށް ބާރު އަޅާނެއެވެ. އޭނަ ލިވިއާއަށް ބޭނުންވާވަރުން އެހެން އަންހެނަކާއި ދިމާލަށް ބަލައިލާހިތެއްވެސް ނުވެއެވެ. ހުރިހާ އަންހެނުން ދެކެ ފޫހިވެއްޖެއެވެ. އޭނަގެ ހިތުގެ ހުރިހާ އުފަލަކީ މި ރާނީ ކަމުގައި ވެ ނިމިގެން ހިގައްޖެއެވެ.

ނަބީލާގެ އެކުވެރިޔާ އަރުޖަމަންދު އާއި ފިރިހެންދަރިފުޅު އެގެއަށް ގެންނަން ދައުވަތުދީފައި އެރެއަށް ގަދަޔަށް ކައްކަން ނިންމިއެވެ. އިމާދުއްދީން ޗައިނާއަށް ފުރިއިރު ގެއަށް ޚަރަދުކުރަން މާ ބޮޑު އެއްޗެއް ނުދޭކަމުގައި ބުނުމުން ސަވާނާ އެކައުންޓުގައި ހުރި ރުފިޔާއިން ދެހާސް ރުފިޔާ ނަގައިދިނެވެ. އޭނަ ވެސް ކޮންމެވެސް ވަރަކަށް ކެއްކުމުގައި ބައިވެރިވިއެވެ. ލުކުމާންވެސް މިރޭ ގެންނަން އޭނަ އޮތީ ނިންމާފައެވެ. އޭނަގެ މަންމައަށް ސަޕްރައިޒެއް ދޭނީއެވެ. ލުކުމާން ފެނުމުން މަންމަ ރުޅިއައިކަމުގައި ވިޔަސް ގޭގައި އޮތް މިފަދަ ހަފްލާއެއްގައި ލުކުމާން ބައިވެރިވާންޖެހޭނެއެވެ.

"މަންމައަށް އެނގޭ މި ކުރެވެނީ އިސްރާފުކަން. އެކަމަކު މަންމަ ސިއްރެއް ބުނަންތަ؟ މަންމަގެ އެކުވެރިޔާއަކީވެސް މުއްސަންޖެއް. އެހެންވެ މިހާވަރުން ރަގަޅަށް ކައްކަން މަންމަ ބޭނުމީ...." ނަބީލާ ކުކުޅު ކޮށަންވެގެން އުޅުނުއިރު ސަވާނާ ހުރީ ފޮނި އެއްޗެއް ތައްޔާރުކުރަންވެގެން ރެސިޕީ ފޮތް ހުޅުވާލައިގެންނެވެ. ލުކުމާންއަށް މީރުއެއްޗަކަށް ލިވިއާ ބުނެފައިވަނީ މާރީ ބިސްކޯދު ޕުޑިންއާއި ޗީޒްކޭކެވެ. ދެމީހުން ވައިބާއިން ޗެޓްކޮށް ކޮންމެވެސް ވަރަކަށް ވާހަކަދައްކާ ހަދާއިރު އަދިވެސް އޭނައަށް ލުކުމާންގެ މާ ބޮޑުކަމެއް އެނގިފައެއްނެތެވެ. ލިވިއާއަށް ލުކުމާން މާ ރަގަޅަށް އެނގޭތީ އެކަމާއި ދެރަވިއެވެ. މަންމަ ބުނާހެން އޭނައަށް ލުކުމާންއާއި ބެހޭގޮތުން އެކައްޗެއްވެސް ނޭގެއެވެ. ކައިވެނިކުރަން އުޅޭއިރު ލުކުމާންގެ އާއިލާގެ ފޮޓޯއެއްހާ މިންވަރުވެސް ދައްކައިނުލިއެވެ. މަންމަގެ ފޮޓޯއެއް ދައްކަން އެދުމުންވެސް ބުނީ އޭނަގެ ފޯނުގައި ނެތްކަމަށާއި އަދި ފެންނާނެކަމުގައެވެ.

ސަވާނާ ކޮޓްން ހަރުވާޅަކާއި ކަޅުކުލައިގެ ޓޮޕެއްލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލާފައި އޮތްއިރު ކިތަންމެހާވެސް ސާދާކޮށް ދައްކައެވެ.

މަންމައާއިއެކު ކައްކާނިމުނުއިރު ދެމީހުންގެ ގުޅުން ކުރިއަށްވުރެ ރަގަޅުވެލިއެވެ. މަންމައާއިއެކު އެގޮތަށް އުޅެވުމުން ތަފާތު އިހުސާސެއްވެސް ކުރެވުނެވެ. އޭނަވެސް އަންހެންކުއްޖަކަށް ވާ ހިނދު އަދި ދުނިޔޭގައި ހުރިއްޔާ މަންމައަކަށްވާނެ ނޫންހެއްޔެވެ؟ އޭނަގެ އަންހެންދަރިފުޅާއި ވަރުގަދަ ގުޅުމެއް އޮންނަން ޚުދު އޭނަ އެދޭފަދައިން މަންމަވެސް ބޭނުންވާނެއޭ އެވަގުތު ހިތަށް އެރިއެވެ. ސަވާނާއާއި އެކު ނަބީލާ ގޮސް ހުރެފާ އެހެން ކޮޓަރިއަކަށް މަންމަ ވަންތަންފެނި ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އަހާލަން އަނގަ ހުޅުވާފައިވެސް ލައްޕާލައިފިއެވެ. އެއްގެއެއްގެ ތެރޭގައި އުޅޭއިރުވެސް މިފަދަ ކަމެއް އޭނައަށް ރޭކާ ނުލީތީ ހައިރާންވިއެވެ. ދެކޮޓަރީގައި ދިރިއުޅުމުން މަންމައާއި ބައްޕަގެ ގުޅުން ހީނަރުވެފައިވާ މިންވަރު ދައްކުވައިދިނެވެ.

ސަވާނާ ކްރީމްކުލައިގެ ހެދުމެއްލާފައި މޫނުގައި މޮއިސްޗަރައިޒާއެއް ލުމަށްފަހު ދެލޮލުގައި އަނދުން އަޅައިލުމުން ލޮލުގެ ކުލަ ވަކިން ރީތިކޮށް ފާހަގަވާން ހުއްޓެވެ. ތުންފަތުގެ ކުލަ ތަންކޮޅެއް ގަދަވެލީ ލިޕްބާމު ހާކާލުމުންނެވެ. އިސްތަށިގަނޑު ވައަތް ފަރާތުން މޫނުމައްޗަށް ވައްޓައިލީ ލަކުނު ފޮރުވަންވެގެންނެވެ. ހިތްހަމަޖެހޭ ވަރުވުމުން ނިކުމެގެން އައިއިރު ހިތްތެޅޭވަރުން އަޑު ބޭރަށް އިވޭނެހެން ހީވިއެވެ. ލުކުމާން ގެނައުމުން މަންމަ ރުޅިއަންނާނެބާވައެވެ. މަންމަ ކައިރީ ނުބުނެ މިކަހަލަ ގޮތަކަށް މަންމަގެ އެކުވެރިޔާގެ ކުރިމަތީގައި މަންމަ ލަދުގެންނެވުމަކީ ރަގަޅުކަމެއް ނޫނޭ ހިތަށް އަރާފައި ނުތަނަވަސްވިއެވެ. ފިކުރުތަކެއްގައި ހުއްޓާ މަންމަ ގޮވައިލުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން ސޫރަދެކެލާފައި ހިނިތުންވެލިއެވެ.

ސަވާނާ ސިޓިންރޫމަށް ނުކުތުމާއިއެކު ހަތަރެސްފައި ފިނިވެލީ މަންމަގެ އެކުވެރިޔާގެ ފިރިހެންދަރިފުޅު ފެނިފައެވެ. އެއީ ކާކުކަން އެނގުމުން ކުރުވީ އެހެން ކަހަލަ އިހުސާސްތަކެވެ.

"ޑޮކްޓަރ އިޒިކް..." ސަވާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ލަދުގަންނަގޮތްވުމާއިއެކު ކުޑަކޮށް ހީލެވިއްޖެއެވެ. ނަބީލާ ކުރިއަށް ޖެހިލާފައި އޭނަގެ ދަރިފުޅު ސަވާނާ އަރުޖަމަންދުއަށް ތައާރަފުކޮށްދިނެވެ. ސަވާނާގެ ޑޮކްޓަރަކަށް އަރުޖަމަންދުގެ ދަރިފުޅު ވުމީ ކިހާ އެހެން ކަހަލަ އިއްތިފާގެއްހެއްޔޭ ކިޔައިގެން ނަބީލާ ވާހަކަދެއްކިއެވެ. އިޒިކްއާއި އެތައް ފަހަރު ދިމާވެ ވާހަކަދެއްކިއިރުވެސް އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅުކަން ނޭގުނުކަމަށާއި އެނގުނުނަމަ ކިހާ އުފާވީސްކަމުގައި ބުނެލިއެވެ. އިޒިކްވެސް ސަވާނާއާއި ވާހަކަދެއްކުމުން ޖަވާބުދިނީ އަދަބުވެރިކޮށެވެ. ސަވާނާ އިހުތިރާމްކުރާފަދަ ޝަޚުސިއްޔަތެއްގެ ވެރި މާތް ޒުވާނެކެވެ. އިޒިކް އޭނަގެ މަންމައަށް އެހާ އިހުތިރާމްކޮށް ލޯބިވާކަން އޭނަގެ ހަރަކާތްތައް ހާމަކޮށްދިނެވެ. ސިޑިން އެރިއިރުވެސް އިޒިކް އޭނަގެ މަންމައަށް އެހީތެރިވެދިނެވެ. އަތުލަފިކޮށްގެން ގެންދިޔަގޮތުން އޯގާތެރިކަން ހާމަވިއެވެ. އިޒިކްގެ ރާނީއަކީ އޭނަގެ މަންމައެވެ. މަންމައާއި ދޭތެރޭ އެހާ ރަގަޅަށް ކަންތައް ކުރާ ޒުވާނަކު އަންހެނުންނާއި ދޭތެރޭ އޯގާތެރިވާނެއެވެ. އިހުތިރާމް ކުރާނެއެވެ. އަންހެނުންނަށްޓަކާ އެފަދަ ހިތްތަކުގައި ވާ އިހުސާސްތައް ކިތަންމެހާވެސް ތަފާތުވާނެއެވެ. ނަބީލާވެސް އެކަންތައް ފާހަގަކޮށް ސަވާނާއަށް ބަލާލާފައި ހީލިއެވެ. ލުކުމާންއާއި އަޅާ ކިޔަން ސަވާނާއަށް އެނގޭނެ ބާވައެވެ.

ކާން ހަދާފައި ހުރީ ތަރިތަކުގެ ދަރުބާރުގައި ޓެރެސްގައެވެ. އުއްބައްތިތައް ދިއްލާލާފައިވުމުން ދެލޯބިވެރިންނަށްޓަކާ ތައްޔާރުކޮށްފައިވާ ކެއުމެއްފަދައެވެ. ދެ އަންހެނުން މޭޒުގެ އެއްފަޅީގައި ހުރި ގޮނޑިތައް ފަޅުފިލުވާލިއިރު އަނެއްފަރާތުގައި އިށީންނަން ސަވާނާއާއި އިޒިކްއަށް ޖެހުނެވެ. ސަވާނާއިނީ ހާސްވެގެންގޮސް ކުރާނެކަމެއް ނޭގިފައެވެ. ލަދުވެތިވެފައެވެ. އޭނަގެ ޑޮކްޓަރުކަމުގައި ވިޔަސް އިޒިކްއާއި ދައްކާނެ މާ ގިނަ ވާހަކައެއް އޭނަގެ ނެތެވެ. އެދޭތެރޭގައި އޮތީ ޑޮކްޓަރަކާއި ބަލިމީހެއްގެ އޮންނާނެ ގުޅުމެވެ. މަންމަމެންގެ ވާހަކައިގާ ބައިވެރިވުމުގެ ގޮތުން ހީލަހީލާ އިނދެފައި އޭނަ ލުކުމާންގެ ފޯނަށް މެސެޖެއްކޮށްލިއެވެ. އަވަހަށް އައިސްދޭން އެދުނެވެ. ޚަބަރެއްނުވުމުން މާޔޫސްކަމާއިއެކު ބަލައިލެވުނެވެ.

ކައި ނިމުނުއިރު ސަވާނާ އިނީ ފޫހިވެގެންގޮސް ރޮވޭވަރުވެފައެވެ. އޭނަ އެހާވަރުން ލުކުމާންއަށްޓަކާ ފޮނި އެއްޗެހި ތައްޔާރުކޮށް މިތަން ޒީނަތްތެރިކުރުމުން ލިބުނީ ހިތަށް ނާރާވަރުގެ ކެއްސެކެވެ. މޫނު އޮއްސިފައި އިންއިރު ހީވަނީ އަގުބޮޑު އެއްޗެއް އަތަށް އަރާފައިގެއްލިގެން އުޅޭ ކުއްޖެއްހެންނެވެ. ބޭގަރާރުވެފައިވާ ދެލޮލުން ކިތަންމެ ފަހަރު ގަޑިއަށް ބަލައިލެވިއްޖެއެވެ. ނަބީލާ އަރުޖަމަންދުއަށް ގޭތެރެ ދައްކައިލަންވެގެންނޭ ކިޔާފައި ގެންދިޔައީ އެދެޒުވާނުންނަށް އެކަހެރި ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ކަންތައްވީ ނަބީލާ ހީކުރި ގޮތާއި ދެކޮޅަށެވެ.

"ވަޓް ހެޕެންޑް؟ ކަމަކާ ދެރަވެފަތަ؟ " އިޒިކް އަހާލައިފިއެވެ.

"ތިހީކުރީ ރަގަޅަށް. އަޅުގަނޑު އިންވައިޓްކުރީމަވެސް ބޯއިފްރެންޑް ނައީމަ. އަދި ނުވީތަކަށް ފޯނު ނިވާލާފައި އޮތީ....." ސަވާނާ ތެދުވެގެންގޮސް ރެއިލިން ކައިރި ހުއްޓުނެވެ. އިޒިކް ހުއްޓުނީ އެދޭތެރޭގައި މީހަކަށް ހުރެވޭނެ ޖާގަ ދޫކޮށްފައެވެ.

"މިރޭ އަހަރެން ވެސް މިއައީ މަންމަ ބުނެގެން މުހިއްމު މީޓިންއެއް ކެންސަލްކޮށްފައި. މަންމަގެ ބެސްޓްފްރެންޑް ކެއުމަކަށް ދައުވަތުދީފައި އޮތީމަ މަންމައަށްޓަކާ އައީ. ވަރަށް މަޖާވި މަންމަގެ ބެސްޓްފްރެންޑްގެ ދަރިއަކަށްވީމަ......." އިޒިކްގެ ފޯނަށް އެވަގުތު މުހިއްމު ކޯލެއް އައެވެ. ތަންކޮޅެއް ދުރަށް ޖެހިލާފައި ކިތަންމެ މަޑުން ވާހަކަދެއްކިނަމަވެސް ނިންމައިލިއިރު "ލަވް ޔޫ ޓޫ" އޭ ބުނެލުމުން އިޒިކްގެ ލޯބިވެރިޔާއަށް ގުޅީކަން އެނގުނެވެ. ފޯނު ނިންމާލުމަށްފަހު ސަވާނާ ބުނީ އޭނަ ސުއިސައިޑްކުރަން އެރީ މިތަނަށް ކަމަށާއި އެންމެ ފަހު ވަގުތު ޚިޔާލް ބަދަލުވެގެން ފައިބަން އުޅުނަސް ފުރުސަތެއް ނުލިބުނުކަމުގައެވެ. އެ އެކްސިޑެންޓް ހަދާންކުރުވާނެ ނިޝާނަކަށް މޫނުގައިވާ ލަކުނު އަބަދުވެސް ވާނެކަމުގައި އޭނަ ބުނެލިއެވެ. އެކްސިޑެންޓްވާން ޖެހުނީ ލުކުމާންގެ ސަބަބުންކަމުގައި ބުނާކަށް ނުކެރުނެވެ.

ނަބީލާއާއި އަރުޖަމަންދު އެކަކު އަނެކަކަށް ކުރިމަތިލައިގެން ތިބިއިރު ދެމީހުންގެ މޫނުގައިވަނީ ނިކަން ސީރިޔަސްގޮތެކެވެ. އަރުޖަމަންދު ބުނެލި ވާހަކައަކުން ނަބީލާގެ މެޔަށް ފިނިވިގޮތަށް ކުޝަން މެޔާއި ބޮނޑިކޮށްލެވިއްޖެއެވެ.

(ނުނިމޭ)

comment ކޮމެންޓް