ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމަށް ބަނގުލަދޭޝްއާ މިޔަންމާއާ ދެމެދު މަޝްވަރާކޮށްފި

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ މުސްލިމުންތަކެއް. ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމަށް ބަނގުލަދޭޝްއާ މިޔަންމާއާ ދެމެދު ވަނީ މަޝްވަރާކޮށްފައި --- ފޮޓޯ:އޭޕީ

ޑާކާ (15 ޖެނުއަރީ): މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަނގުލަދޭޝްއަށް އެތެރެވެފައިވާ ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމަށް ބަނގުލަދޭޝްއާ މިޔަންމާއާ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ.

ބަނގުލަދޭޝްގެ އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވީ ދެގައުމުގެ އޮފިޝަލުން މިއަދު މިޔަންމާގެ ވަރިރަށް ނޭޕީދޯ ގައި މަޝްވަރާތައް ގެންގޮސްފައިވާ ކަމަށެވެ. މިޔަންމާއިން ރޮހިންގާ މުސްލިމުން އަނބުރާ ގެންދަން އެއްބަސްވީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ނޮވެމްބަރު މަހު ހެދި އެއްބަސްވުމުގެ ދަށުން މިޔަންމާއިން ވަނީ 2016 ފަހުން ބަނގުލަދޭޝްއަށް އެތެރެވި ރޮހިންގާ މުސްލިމުން އަނބުރާ ގެންދިޔުމަށް އެއްބަސްވެފައެވެ. ނަމަވެސް އޭގެ ކުރިން ބަނގުލަދޭޝްއަށް އެތެރެވި ރޮހިންގާ މުސްލިމުން އަނބުރާ ގެންދިޔުމަށް އެއްބަސްވެފައެއް ނުވެއެވެ.

އެއްބަސްވުމުގެ ދަށުން މިޔަންމާއިން ވަނީ ރޮހިންގާ މުސްލިމުން އެގައުމުގައި ދިރިއުޅުނު ރާކިން ސްޓޭޓްގެ ހާލަތު ހަމަޔަކަށް އަޅުވައި ރެފިއުޖީން އަނބުރާ ގެނައުމަށް ބާރުއަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރޮހިންގާގެ ގިނަ މީހުން ބުނީ އަނބުރާ ގައުމަށް ދާން ބޭނުންނުވާ ކަމަށެވެ.

މިޔަންމާގެ ސިފައިން މިދިޔަ އަހަރު ފަހުކޮޅު ފެށި ވަރުގަދަ އޮޕަރޭޝަނާ ގުޅިގެން 655،000 ރޮހިންގާ މުސްލިމުންވަނީ އެ ގައުމު ދޫކޮށް ބަނގުލަދޭޝްއަށް އެތެރެވެފައެވެ. މިޔަންމާގެ ސިފައިން ވަނީ ރޮހިންގާ މުސްލިމުން ރޭޕްކުރުމާއި، މެރުމާއި އަދި ގެދޮރުގައި އަލިފާންޖެހުން ފަދަ އަމަލުތައް ހިންގައިފައެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް