އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ޓަވަރުތަަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ޓަވަރުތަަކުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި އެކުންފުނީގެ ބައެއް މުވައްޒަފުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ޓަވަރުތަަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މި މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ 15 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްޕީއެލް އިން އަޅާ ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ ކުރެހުމެއް --- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ މި ޓަވަރުތަކާއެކު ކުންފުނީގެ މުވައްޒަފުންނަށް ލުއި އަގެއްގައި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 36 ޓަވަރު އަޅާނެއެވެ. ޓަވަރުތައް އަޅާނީ ސަރުކާރު ކުންފުނިތައްވެސް ބައިވެރިކޮށްގެންނެވެ. ކުންފުނިތަކުން އަޅާ ފްލެޓްތައް އިމާރާތްކޮށްދޭނެ ފަރާތްތައް ހޯދުމަށް މިހާރު ދަނީ އިއުލާނު ކުރަމުންނެވެ. އެމްޕީއެލްގެ އިތުރުން އެމްޓީސީސީ އިންވެސް ވަނީ އެކުންފުނިން އަޅާ ޓަވަރު އެޅުމަށް ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާާ ހަވާލުކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ ކުރެހުމެއް --- ފޮޓޯ/ އެމްޕީއެލް

މި ދެކުންފުނީގެ އިތުރުން ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް މިހާތަނަށްއިއުލާނުކޮށްފައިވާ ކުންފުނިތަކަކީ:

  • ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު
  • ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު
  • އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު
  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއް
  • އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް
  • އެމްޑަބްލިއުއެސްސީ އިން 15 ބުރީގެ ދެ ޓަވަރު
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން 15 ބުރީގެ ދެ ޓަވަރު
  • އިސްލާމިކް ޔުނިވާސިޓީ އިން 14 ބުރީގެ އެއް ޓަވަރު
  • އެސްޓީއޯ އިން 15 ބުރީގެ ދެ ޓަވަރު
comment ކޮމެންޓް