ގަތަރުގެ ޝާހީ އާއިލާގެ މެމްބަރަކު ޔޫއޭއީގައި ހިފަހައްޓާފައިވާ ކަމަށް ބުނެފި

ގަތަރުގެ ޝޭހް އަބްދުﷲ ބިން އަލް ޘާނީ ވަނީ ޔޫއޭއީގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައި -- ފޮޓޯ: ޓުވިޓާ

ދޯހާ (ޖެނުއަރީ 15): ގަތަރުގެ ޝާހީ އާއިލާގެ މެމްބަރަކު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ހިފަހައްޓާފައިވާ ކަމަށް ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާ ކުރަމުންދާ ވީޑިއޯ އިން ފެނިގެންދަނީ ޝޭހް އަބްދުﷲ ބިން އަލް ޘާނީ އެވެ. އެވީޑިއޯގައި އޭނާ ވަނީ އޭނާ ޔޫއޭއީއަށް ވަޑައިގެންނެވީ "ޝޭހް މުހައްމަދު"ގެ މެހެމާނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު އެނާއަކީ ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވިދާޅުވެފަ އެވެ.

ޝޭހު މުހައްމަދަކީ ކޮން ބޭފުޅެއްކަން ޝޭހް އަބްދުﷲ ހާމަ ނުކުރެއްވި ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދެވެ.

"އަޅުގަނޑު މިހިރީ އަބޫ ދާބީގައި. އަޅުގަނޑު ކުރިން ހުރީ ޝޭހު މުހައްމަދުގެ މެހެމާނެއްގެ ގޮތުގައި. ނަމަވެސް މިހާރު އަޅުގަނޑަކީ މިތަނުގައި ހައްޔަރުކޮށްފައިވާ މީހެއް،" ޝޭހް އަބްދުﷲ ވިދާޅުވާ މަންޒަރު ވީޑިއޯ އިން ފެނިގެންދެ އެވެ.

މީގެ އިތުރުން ޝޭހު އަބްދުﷲ ވަނީ ޔޫއޭއީގައި އޭނާ ހުންނަވަނިކޮށް އޭނާ އަށް "އެއްވެސް ކަމެއް ވެއްޖެ ނަމަ އޭގައި ޒިންމާ ވާނީ ޝޭހު މުހައްމަދު" ކަމަށް ވިދާޅުވެފަ އެވެ.

އެވީޑިއޯ އާއްމުވުމާ ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޝޭހު އަބްދުﷲ ހިފަހައްޓާފައި ނުވާ ކަމަށާއި އޭނާ އެގައުމުގައި ހުންނެވީ މެހެމާނެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ. އަދި ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ޝޭހު އަބްދުﷲ އަކީ 1960ގެ އަހަރުތަކުގައި ގަތަރުގެ އަމީރުކަން ކުރެއްވި ޝޭހު އަލީ ބިން އަބްދުﷲ އަލް ޘާނީގެ ދަރިކަލެކެވެ. (އަލްޖަޒީރާ)

comment ކޮމެންޓް