ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ކުޑަކުދިންނާއި އަށް މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި އަތުލާގަނެފައިވާ މަސްތުވާތަކެތި --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާލޭގެ ދެ ގެ އެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ކުޑަކުއްޖަކާއި އަށް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 10 އަދި 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ދެ އޮަޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ފުރަތަމަ ހިންގި އޮޕަރޭޝަނުގައި ހެންވޭރުގައި ހުރި ގެއެއް ބަލައިފާސްކޮށް އެގެއިން 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ދެ ފިރިހެނުންނާއި ދެ ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިމްލު ހުސްކުރި 20 ދަޅާއި 66 ސެލޯފިންކޮޅާއި ބޮޑު ރަބަރު ގަނޑަކާއި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޓިޝޫ ގަނޑަކާއި ފޮތިކޮތަޅަކާއި ކެނެބިސް އޮށްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައި ވަނީ ގަލޮޅުގައި ހުރި ގެއެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ގެއިން 33 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި ހަތަރު ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ވަޅިއަކާއި ކަތުރެއްގެ އިތުރުން ކައްޓާއަކާއި 10،600 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަޙުގީގު ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް