ހިތަދޫގައި ރޭ ރޯވި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

އައްޑޫ ސިޓީގެ ހިތަދޫ އެލްމެނިއަމް ގޭގައި ރޯވެފައި--ފޮޓޯ/އައްޑު ލައިވް

ރޭ ދަންވަރު ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މެޔަރު މުޙައްމަދު ޔަސްރިފް މިއަދު "ސަން"އަށް ވިދާޅުވީ ރޭ އަލިފާން ރޯވި ގެއަކީ މިހާރު މީހުން ދިރިއުޅޭ ގެއެއް ނޫން ކަމަށާއި އެ ގެ ހުންނަނީ ފަޅަށް ކަމަށެވެ. ނަމަވެސް ވިދާޅުވީ އެ ހާދިސާ ހިނގި އިރު އެގޭގައި ގިނަ އަދަދެއްގެ މުދާ ރައްކާކޮށްފައި ހުރި ކަމަށާއި ކުއްޔަށް ދިނުމަށް ޓަކައި ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ދެ ކޮޓަރި ވެސް އޭގޭގައި ހުރި ކަމަށެވެ.

"ފުރަތަމަ ރޯވީ މުދާތަކެއް ރައްކާ ކޮށްފައި ހުރި ކޮޓަރިއެއްގައި. އެ އަލިފާން ގަނޑު ފެތުރިގެން ގޮސް މުޅި ގޭގައި ރޯވި. ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ދެ ކޮޓަރިއާ އެކު މުޅި ގެ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި." ޔަސްރިފް ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނީ ހިތަދޫ އެލްމިނިއަމް ގޭގައި ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުންނަށް ލިބިފައި ވަނީ ރޭ 00:59ގައި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 2:20 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް