ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ޑރ. ކަމަލް އިސްތިއުފާދެއްވައިފި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ ކަމުން އިސްތިއުފާދެއްވި ޑރ. ކަމާލް ޖޯޖު --- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އިން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ކަމަލް ޖޯޖު އިސްތިއުފާދެއްވައިފިއެވެ.

އޭނާ އިސްތިއުފާދެއްވީ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހުއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ކަމަލް ވަނީ އިސްތިއުފާގެ ނޯޓިސްދީފައެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ.

ޑރ. ކަމަލް މިރޭ "ސަން" އަށް ވިދާޅުވިގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ދައްކަންޖެހޭ ބިލްތައް ނުދައްކައި ވަނީ ފުނިޖެހިފައެވެ. އޭނާ ތުހުމަތުކުރާގޮތުގައި އެގޮތަށް އެކަން މެދުވެރިވަނީ ފައިޒަލް ޚާން ފައިސާ ނުފޮނުވާތީއެވެ.

އެ ހޮސްޕިޓަލްގެ ތަރައްގީއަށް ހިންގަންޖެހޭ ޕްރޮޖެކެޓްތައް ހުއްޓިފައި ވަނީ ފައިޒަލް ޚާންގެ ސަބަބުން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

"ފައިސާ ފޮނުވަންޖެހޭ ޕްރޮޓޮކޯލެއް އޮވޭ. އެ ޕްރޮޓޮކޯލްގައިވާގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވަންޖެހޭ ހުރިހާ ފައިސާއެއް ވެސް ފޮނުވަންޖެހޭނީ ސީއީއޯ މެދުވެރިކޮށް. ނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވޭ،" ޑރ. ކަމަލް ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރާގޮތުގައި ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަމުން ދަނީ ކްލިނިކެއްގެ ގޮތުގައެވެ.

"ކްލިނިކެއްގެ ގޮތުގައި ހިންގަނީއޭ އަޅުގަނޑު މިބުނާ ސަބަބަކީ ހޮސްޕިޓަލަަށް ފޮނުވަނީ ވިޒިޓިން ޑޮކްޓަރުން. ދާއިމީ ޑޮކްޓަރުން ފޮނުވަން އަޅުގަނޑު އާދޭސް ދެންނެވިން. އެކަމަކު ނުފޮނުވާ،" ޑރ. ކަމަލް ވިދާޅުވިއެވެ.

ޑރ. ކަމަލް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާގެ މުސާރަ ޖަމާވެފައިނުވާތީ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު އުސައިދު އަލީއާ ހަމައަށް އެ ޝަކުވާގެންގޮސްފައިވާނެ ކަމަށެވެ. އަދި އުސައިދު ވަނީ ފައިޒަލް ޚާންއާ ހަމައަށް އެކަން ގެންގޮސްފައި ކަމަށް ވެސް ޑރ. ކަމަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފައިޒަލް ޚާންގެ އަރިހު އާދޭސްކޮށްގެން އޯގަސްޓު މަހާއި ސެޕްޓެމްބަރު މަހުގެ މުސާރަ ވަނީ ލިބިފައި ކަމަށާއި ނަމަވެސް ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ މުސާރަ ލިބިފައިނުވާ ކަމަށެވެ.

އެ ދެ މަހުގެ މުސާރަ ނުލިބިގެން ޝަކުވާކުރުމުން ފައިޒަލް ޚާންގެ އެދިވަޑައިގަތުމަކަށް އިންޑިއާއަށް ވަޑައިގެން ޑިސެމްބަރު 29 ވަނަ ދުވަހު އޭނައާ ބައްދަލުކުރި ކަމަށް ޑރ. ކަމަލް ވިދާޅުވިއެވެ.

"ބައްދަލުކުރީމަ ފައިޒަލް ޚާން ވިދާޅުވީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މުސާރަ ޖަމާކޮށްދޭނަމޭ. ނަމަވެސް އަދިވެސް މުސާރަ ޖަމައެއް ނުވޭ،" ޑރ. ކަމަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުސާރަ ނުދޭ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ދިވެހި ހިއްސާދާރުންނާއި އިންޑިއާގެ ހިއްސާދާރުންނާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ހުއްޓުމެއް ނެތި ދޭނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށްދޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިނިސްޓްރީން މިހާރު ވެސް ވާނީ މިވަގުތަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްފައި ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް 50 އަހަރަށް ނިމްސްއާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވަނީ ގޮވާލައްވައިފައެވެ.

ނިމްސް ގެ ވެރިންނަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާ ހަވާލުކުރިއިރު އެރަށު ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރިފަހުން އެ ހޮސްޕިޓަލްގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ދައްވަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް