ސިފައިންގެ ވަޒީފާއަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް އެބަ ކުރަން: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ފަސްދޮޅަސް ތިން ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ސިފައިންގެ ދަސްވެނިވުމަށް މިއަދު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށެވެ. އެގޮތުން ސިފައިންނަކީ ގައުމީ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގައި، އަމިއްލަ ފުރާނައަށްވުރެ ގައުމު އިސްކޮށްގެން މި ގައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަންތިބި މި ގައުމުގެ އެންމެ ފަޚުރުވެރި ލަޝްކަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ ހިތްތަށް ޖަރީވެފައިވަނީ ނިޔަނެތިކަމާއި، ކިޔަމަންތެރިކަމުގެ މަތިވެރި ގަހަނާއިންކަމަށާއި، އަދި ސިފައިންނަކީ މީހުންނާއި މެދު ހިތް ހެޔޮކޮށްހިތާ ހިތް މަޑުމޮޅިކަމާއެކު އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތިބޭ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަސްދޮޅަސް ތިން ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ނިޔާޒްއެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަބްދުﷲ އަބާންއެވެ.

ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ތޯޙާ މާދް އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ޢަލީ ނަޖާޝީ ނިޒާރު ހާސިލްކޮށްފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ނިޢުމާ ޢަބްދުއްރަޙްމާނެވެ.

comment ކޮމެންޓް