އެއާޕޯޓް އަޅާ ބިިން ހިއްކުމަށް މަހާޖައްރާފު ފުނަދޫގައި ބަނދަރު ކޮށްފި

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި ބަނދަރު ކުރުން: ކޮންނަބޯޓުގެ ފަޅުވެރިންނަށް ފުނަދޫ ރައްޔިތުން މަރުހަބާ ކިއީ ސައިފޮދަކުން --- ފޮޓޯ/ ފުނަދޫ ކައުންސިލް

ށ. ފުނަދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން މުޅިން އަލަށް ގެނައި ކޮންނަބޯޓު މަހާޖައްރާފު އެރަށުގައި މިއަދު ބަނދަރު ކޮށްފިއެވެ.

މަހާޖައްރާފު ފުނަދޫއަށް ގޮސްފައި މިވަނީ، ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމުމަށްފަހު އެވެ. އަދި ފުނަދޫގައި ސަރުކާރުގެ ހަރަދުގައި ހަދާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން އެ ކުންފުނިން ހިއްކާނެ އެވެ.

ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިރޭ 'ސަން' އަށް ވިދާޅުވީ، މަހާޖައްރާފު އެރަށުގައި ބަނދަރު ކުރީ މިއަދު ހަވީރު ކަމަށެވެ. އަދި ރަށު ރައްޔިތުން ނުކުމެ ކޮންނަބޯޓުގެ ފަޅުވެރިންނަށް ސައިފޮދަކުން މަރުހަބާ ކިޔާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި ބަނދަރު ކުރުމުން ފަޅުވެރިންނަށް ރައްޔިތުން މަރުހަބާ ކިއީ ސައިފޮދަކުން --- ފޮޓޯ/ ފުނަދޫ ކައުންސިލް

އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ހެނދުނު ފަށާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށާއި އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ބިން ހިއްކުމުގެ ކުރިން ޖަހާ ބަންޑު ވޯލުގެ މަސައްކަތުގެ 75 ނިމިފައިވާ ކަމަށާއި މާދަމާ ބިން ހިއްކުން ފަށާނީ ބަންޑު ވޯލުގެ ނިމިފައި އޮތް ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓު އަޅަން ނިންމާފައިވަނީ އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެކަމަށް ބޭނުންވާ ތިމާވެށީގެ ރިޕޯޓްވެސް ލިބި، މަސައްކަތް ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެއާޕޯޓް އަޅާ ބިން ހިއްކުމަށް އެމްޓީސީސީން ރާއްޖެ ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު" ފުނަދޫގައި ބަނދަރު ކުރުން: ފުނަދޫ އެއާޕޯޓް އެޅުމަށް އެރަށު އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައި --- ފޮޓޯ/ ފުނަދޫ ކައުންސިލް

ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފެށިނަމަވެސް އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާ ގޮތަށް ހަމަޖެހިފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެރަށަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ނަމަވެސް ރައީސް އެރަށަށް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

ފުނަދޫ އަދި ކުޅުދުއްފުށި އެއާޕޯޓަކީ މީގެ ކުރިން މެލޭޝިއާގެ ގްރިފަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތެކެވެ.

ނަމަވެސް އެ ކުންފުންޏަށް ފައިސާ ހަމަޖެއްސިފައި ނުވާތީ އެ ދެ އެއާޕޯޓާއި އިތުރު އެއާޕޯޓްތަކެއް އެޅުމުގެ މަޝްރޫއު އެ ކުންފުނި އަތުން ނަގައި ފަހުން ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ އެއާޕޯޓެއްގެ ގޮތުގައި ނިންމަައިފައެވެ.

comment ކޮމެންޓް