މަގޫދޫ ދޯންޏަކުން މާވަހަރެއް ހޮވައިފި!

މަގޫދޫ ކަނޑުރޯދި ދޯނިން ހޮވި މާވަހަރު ކަމަށް ބެލެވޭ އެތި --- ސަން ފޮޓޯ: އަބްދުﷲ

ނ. މަގޫދޫ ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

މާވަހަރެއް ކަމަށް ބެލެވޭ އެތި ހޮވާފައިވަނީ މިދިޔަ ހަފްތާގައި މަގޫދޫ 'ކަނޑުރޯދި' ދޯނިންނެވެ. އެ ދޯނީގެ ފަޅުވެރިއަކު 'ސަން'އަށް ބުނީ ކަންނެލީގެ މަޝްވެރިކަމަށް ނިކުމެ އުޅެނިކޮށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނީ ހއ. ކެލާގެ 60 ހަކަށް މޭލު ބޭރުން ކަމަށެވެ.

ދިހަ މީހުންނާއި އެކު ކަންނެލީގެ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯނީގެ ފަޅުވެރިޔާ ބުނީ މާވަހަރު ކަމަށް ބެލެވޭ އެތީގެ ބަރުމިނުގައި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުންނާނެ ކަމަށެވެ. މާލޭ ފަޅުގައި މިވަގުތު އެ ދޯނި އޮތް އިރު މާވަހަރު ކަމަށް ބެލެވޭ އެތި ވެސް ދޯނީގައި ރައްކާތެރިކަމާއެކު ބަލަހައްޓަމުންދާ ކަމަށް ފަޅުވެރިޔާ ބުންޏެވެ.

"އަދި ޔަގީނެއް ނުވޭ މާވަހަރެއް ކަމެއް. ނަމަވެސް އޭތި ބެލި ގިނަ މީހުން ބުނަނީ އެއީ މާވަހަރެއް ކަމަށް. މިހާރު ވާނީ އޭގެ ސާމްޕަލް ޓެސްޓް ކުރުމަށް ބޭރަށް ފޮނުވާފައި. ނަތީޖާ ލިބުމުން ކަށަވަރުވާނީ މާވަހަރެއްކަން،" ކަނޑުރޯދި ދޯނީގެ ފަޅުވެރިޔަކު ކިޔައިދިނެވެ.

އޭނާ ބުނީ ދޯނި ދެން މަސްވެރިކަމަށް ނިކުންނާނީ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން އެއީ ކޯއްޗެއްކަން ޔަގީންވުމުން ކަމަށާއި އަދި މާވަހަރެއް ނަމަ އޭތި ވިއްކާލުމަށްފަހުގައި ކަމަށެވެ.

މާވަހަރު ނުވަތަ އަންބަރަކީ ގޮންމާމަސް (ނުވަތަ ސްޕާމް ވޭލް)ގެ ހަޖަމުކުރާ ނިޒާމުން އުފައްދައި ބޭރުކުރާ، އަދި އުށާ ވައްތަރު ގޮތެއް ހުންނަ، ހުޅުހިފަނިވި ގަނޑު މާއްދާއެކެވެ.

ދޭތެރެއަކުން ރާއްޖެއިން މާވަހަރު ފެންނަމުންދާއިރު މާވަހަރު އެންމެ ގިނައިން ފެންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އެޓްލާންޓިކް މާކަނޑާއި، ބްރެޒީލާއި، މަޑަގަސްކަރައާއި، ސީނުކަރައާއި ޖަޕާނުގެ އިތުރުން އިންޑިއާއާއި، އޮސްޓްރޭލިއާއާއި، ނިއުޒިލޭންޑާއި މެލޭޝިއާގެ މަލަކާ ޖަޒީރާގެ އައްސޭރި ފަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް