ތޫފާން "އޯޗީ" ގައި ގެއްލުނު ބޯޓުތައް ހޯދުމުގައި ކަނޑުދަތުރުކުރާ މީހުންގެ އެހީއަށް އެދިއްޖެ

ތޫފާން "އޯޗީ" ގައި ގެއްލުނު އިންޑިއާ އާއި ސްރީލަންކާގެ މަސް ބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މީހުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ސަރަހައްދުގައި އުފެދުނު ތޫފާނު ''އޮޗީ''ގެ ސަބަބުން ސްރީލަންކާ އާއި އިންޑިއާގެ ވަރަށް ގިނަ މަސްވެރިންތަކެއް ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ. އަދި ގެއްލުނު އުޅަނދުތަކާއި މީހުން ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ އަދި ދިވެހި ސަރުކާރު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާ އާއި އިންޑިއާގެ މަސްވެރިންނަށް މި ދިމާވި ހިތާމަވެރި ހާދިސާގައި އެ އުޅަނދުތަކާއި މީހުން ހޯދުމަށްޓަކައި ރާއްޖޭގެ އުތުރާއި، އިރުމަތި އަދި އިރުއުތުރާއި، ހުޅަނގުއުތުރަށް ދަތުރުކުރާ އުޅަނދުތަކާއި މަސްވެރި އުޅަނދުތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

އެގޮތުން މަސްވެރި އުޅަނދުތައް ކުރާ ދަތުރުތަކުގައި ޚާއްސަ ސަމާލުކަމެއްދީ، އެއްވެސް އުޅަނދެއް އަޑިއަށް ގޮސްގެންނާއި އަދި މިފަދަ އުޅަނދެއްގެ އެއްވެސް ބައެއް އޮޔާ ދަތުރުކުރާތަން ފެނިއްޖެނަމަ އެފެނުނު ސަރަހައްދާއި ފެނުނު އެއްޗެއްގެ މައުލޫމާތު ލަސްނުކޮށް ކޯސްޓްގާޑް ހިލޭގުޅޭ ނަމްބަރު 191 އަށް ގުޅައި މައުލޫމާތުދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

"އަދި އިންސާނިއްޔަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި މިހާތަނައްވެސް ދިވެހި ރައްޔިތުންނާއި ޚާއްސަކޮށް ދިވެހި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް