އައިޖީއެމްއެޗުން ކ. ގުރައިދުއަށް ބޮޑެތި އެހީތަކެއް

ގުރައިދޫގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ދުންޔާ މައުމޫން (ޓްވިޓަރ)

ސިއްހީ ދާއިރާއަށް 70 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކ. ގުރައިދުއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ކ. ގުރައިދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އައިޖީއެމްއެޗުން ވަނީ ކ. ގުރައިދޫގެ ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް މެޑިކަލް އިކުއިޕްމެންޓް ހަދިޔާ ކޮށްފައެވެ.

މީގެއިތުރުން އައިޖީއެމްއެޗުން މިއަދު ވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށްވެސް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ. އެތަކެއްޗަކީ، އައިޖީއެމްއެޗުން ބުނި ގޮތުގައި، އެ މަރުކަޒުން ޚިދުމަތް ހޯދާ މީހުންގެ ރިހެބިލިޓޭޝަނަށާއި، އެހެން މީހުންނާ އެކު މުއާމަލާތް ކުރުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ.

އައިޖީއެމްއެޗުން ވަނީ މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފެއްވެސް ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު، ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތީގައި، އެއް ގަޑިއިރު ހިލޭ ޚިދުމަތް ކޮށްދިނުމަށް ނިންމާފައެވެ.

އަދި އައިޖީއެމްއެޗުގެ ކޮންމެ މުވައްޒަފެއްގެ މުސާރައިން ކޮންމެ މަހަކު އެއް ރުފިޔާ، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށްވެސް ނިންމާފައި ވެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއަށް 70 އަހަރުފުރުން ފާހަގަކުރުމަށް އައިޖީއެމްއެޗުން ބޭއްވި ހަރަކާތްތައް ރޭވުމަށް އެކުލަވާލި ސްޓިއަރިންގް ކޮމިޓީގެ ފަރާތުން ކ. ގުރައިދޫ ކައުންސިލަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަނީ ދެ ބަގީ ވެސް ހަދިޔާ ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކ. ގުރައިދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ އައިޖީއެމްއެޗުން އެރަށަށް ފޯރުކޮށްދޭ އެހީއާ އެކު، ގުރައިދޫއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާ، ނަމޫނާ މުޖުތަމައަކަށް ވެގެން ދާނެ ކަމަށެވެ.

"އައިޖީއެމްއެޗުގެ މި ނިންމުމަކީ މިރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ނިންމުމެއް. އަޅުގަނޑުމެން ބޭނުންވަނީ އިތުރު ތަމްރީނުތަކަކާ އެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭ ކަންކަން ދަސްކުރަން،" ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް