މިދިޔަ އަހަރު މީރާއިން ދައުލަތަށް 15 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދައިދީފި

މީރާ -- ސަން ފޮޓޯ/ އަލީ ނަސީރު

މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުލަތަށް 15.18 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދައިދީފިއެވެ.

މިދިޔަ އަހަރު މީރާއިން ބަަލައިގެންފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 15،184،697،252 އެވެ. އޭގެ ކުރީ އަހަރު މީރާއަށް ލިބިފައިވަނީ 14,522,985,589 ގެ އާމްދަނީއެވެ. ނިމިދިޔަ އަހަރު ގެ އާމްދަނީއަކީ އެއާ އަޅާ ބަލާއިރު 4.5 ޕަސަންޓު އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ގިނަ ފައިސާ ބަލައިގެންފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 6.85 ބިލިއަން ރުފިޔާއެވެ. އެއަށްފަހު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓު ޓެކްސް (ބީޕީޓީ)ގެ ގޮތުގައެވެ. އެއީ 2.67 ބިލިއަން ރުފިޔާއެވެ.

ފީއާއި އެހެނިހެން ޗާޖުތަކުގެ ގޮތުގައި މީރާއިން ބަލައިގަތް ފައިސާއަށް ބަލާއިރު، އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ. އެއަށްފަހު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 542 މިލިއަން ރުފިޔާ ވަނީ މީރާއިން ހޯދައިފައެވެ.

މީގެއިތުރުން ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު 194.9 މިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެއެވެ. އަދި ޓޫރިޒަމް ނޫން ތަންތަނުގެ ބިމު ކުލީގެ ގޮތުގައި މީރާއިން ވަނީ 145.7 މިލިއަން ރުފިޔާވެސް ހޯދައިފައެވެ.

މީރާއިން ބުނާ ގޮތުގައި، މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ކަމުގައިވާ 15.18 ބިލިއަން ރުފިޔާއަކީ، މިދިޔަ އަހަރަށް ލަފާކުރި އާމްދަނީއަށް ވުރެ 4.2 ޕަސަންޓު އިތުރު އަދަދެކެވެ.

comment ކޮމެންޓް