މެޗުން އެއްވަރުވި ނަމަވެސް، ކުއާޓާއަށް ދިއުމުން ޒިދާން ހިތްހަމަޖެހިފައި

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން-- ފޮޓޯ: އޭޕީ

ސްޕެނިޝް ކޮޕާ ޑެލްރޭގައި ސްމެނިޝް ދެވަނަ ޑިވިޝަންގެ ނުމަންސިއާއާ ދެކޮޅަށް ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުން އެއްވަރުވިނަމަވެސް، ދެ ލެގުގެ ނަތީޖާއަށްބަލާ ރޭއާލް ކުއާޓާއަށް ދަތުރު ކުރުމުން ހިތްހަމަޖެހޭ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރޭގެ މެޗުން 2-2 ގެ ނަތީޖާއަކުން ރެއާލް އެއްވަރުވިނަމަވެސް، ރަށުން ބޭރުގައި ރެއާލްއިން ކުޅުނު ފުރަތަމަ މެޗު އެޓީމުވަނީ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ރެއާލް ކުއާޓާއަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްއަށް ދެ ގޯލްވެސް ޖަހައިދިނީ ލޫކަސް ވަޒްކުއޭޒްއެވެ.

އާލް މެޑްރިޑާއި ނުމަންސިއާ ވާދަކުރި މެޗުގައި ދެ ގޯލް ޖެހި ލޫކަސް ވަޒްކުއޭޒް --- ފޮޓޯ/ އޭޕީ

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ބުނީ ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، މެޗުގެ ނަތީޖާ އެންމެ ބޭނުން ވާގޮތަށް ނުނުކުތް ނަމަވެސް ކުއާޓާއަށް ޓީމު ދިއުމުން އުފާކުރާ ކަމަށެވެ.

ޒިދާން ބުނީ މެޗުގައި އިދިކޮޅު ޓީމުން ގޯލް ޖެހީ އެންމެ އެކަށީގެންވާ ވަގުތުގައި ނޫން ކަމަށާއި، ދެން އޮތީ މިމެޗު ހަނދާންނައްތާލާ ކުރިއަށް ދިއުން ކަމަށެވެ. ޒިދާން ބުނީ އޭނާއަކީ އަބަދުވެސް މެޗަކަށްފަހު މެޗެއް، އަހަރަކަށް ފަހު އަހަރެއް ކުރިއަށް ދިއުމަށް ވިސްނާ ކޯޗެއް ކަމަށެވެ. އަދި ކޮންޓްރެކްޓް އޮތްނަމަވެސް ރެއާލްގައި ނަތީޖާ ދަށްވާނަމަ ޕުރެޝަރާ ކުރިމަތިވާނެ ކަމަށްވެސް ޒިދާން ފާހަގަކުރިއެވެ.

ރެއާލް މެޑްރިޑާއި ނުމަންސިއާ ވާދަކުރި މެޗުގެ ތެރެއިން ރެއާލްގެ ކޮވަސިޗް ބޯޅައާއެކު ކުރިއަށްދަނީ --- ފޮޓޯ/ އޭޕީ

ވޭތުވެދިޔަ ދެ ސީޒަންގައިވެސް ރެއާލްއިން ޒިދާންއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު އުފުލާލި ނަމަވެސް މި ސީޒަންގައި އެޓީމުގެ ފަރާތުން ފެންނަނީ ދަށް ނަތީޖާ ތަކެކެވެ. އެގޮތުން ލީގުގައި ކުޅުނު 17 މެޗުން 32 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. މި ސީޒަންގެ ޗެމްޕިއަންސްލީގު ގުރޫޕް ސްޓޭޖުވެސް ރެއާލްއިން ނިންމާލީ ދެވަނަ ޓީމުގެ ގޮތުގައެވެ.

comment ކޮމެންޓް