ފުރަތަމަ ދިވެހި އޮންކޯސާޖަން އައިޖީއެމްއެޗުގައި ހިދުމަތް ފައްޓަވައިފި

ދިވެހި ފުރަތަމަ އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން --- ފޮޓޯ/ ފޭސްބުކް

ކެންސަރު އޮޕަރޭޝަން ކުރުމަށް ހާއްސަ ފުރަތަމަ ދިވެހި ޑރ. މުހައްމަދު ޝިފާން އައިޖީއެމްއެޗްގައި ހިދުމަތް ދެއްވަން ފައްޓަވައިފި އެވެ.

މީގެ ކުރިން ވެސް އައިޖީއެމްއެޗާއި އޭޑީކޭގައި ވެސް ހިދުމަތް ކުރައްވާފައިވާ ޑރ. ޝިފާން މިހާރު ރާއްޖެ ވަޑައިގެން ހުންނެވީ ކެންސަރުގެ އޮޕަރޭޝަން ކުރުމުގެ ދާއިރާއިން ކިޔަވާ ވިދާޅުވެގެންނެވެ.

ޑރ. ޝިފާން އައިޖީއެމްއެޗުގައި ހިދުމަތް ދެއްވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން ޔަގީން ކޮށްދެ އެވެ. ޑރ. ޝިފާން ވަނީ މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ސާޖަރީ ޑިޕާޓްމެންޓްގެ ހެޑްއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވީ ޑރ. ޝިފާންގެ އުންމީދަކީ އައިޖީއެމްއެޗްގައި މިހާރު ގާއިމްކޮށްފައި ހުރި ކެންސަރަށް ހާއްސަ ކްލިނިކްގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

"ޑރ. ޝިފާން ބޭނުންފުޅުވެ ލައްވަނީ ޑރ.ގެ ބެއްލުވުމުގެ ދަށުން އައިޖީއެމްއެޗްގެ ކެންސަރުގެ ސާޖަރީތަކާއި ފަރުވާ ދިނުމުގެ ކަން ކަން ފުޅާ ކުރުމަށް. އަދި ކުރިއަށް އޮތްތަނުގައި ދިވެހިން ކެންސަރު ބައްޔަށް ރާއްޖޭން ބޭރުން މިހޯދާ ފަރުވާ ރާއްޖޭން ލިބޭން ގޮތް ހެދުމަށް." މައުސޫމު ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ މިހާރުން ފެށިގެން ވެސް ކެންސަރުގެ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވެން ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކެންސަރުގެ ބޮޑެތި ސާޖަރީތައް ކުރެވި ދިވެހިންނަށް ހިދުމަތް މާލޭން ލިބިގެންދާނެ ކަމަށެވެ.

ޑރ. ޝިފާން ވެގެން މިދަނީ ރާއްޖޭގައި ހިދުމަތް ދޭ ފުތަމަ އޮންކޯސާޖަން އަށެވެ. އޭޑީކޭގައި ރާއްޖޭން ބޭރުގެ އޮންކޮލިޖިސްޓެއް މިހާރު ހިދުމަތް ދެއްވަމުން ގެންދަވަ އެވެ.

ޑރ. ޝިފާން ރާއްޖޭގައި ހިދުމަތް ކުރައްވަން ނިންމެވުމުން ސިއްހީ ދާއިރާގެ ޑޮކްޓަރުންނާއި ދާއިރާގެ ގިނަ ފަރާތްތަކެއް ވަނީ މަރުހަބާ ކިޔައި ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ކެންސަރަަށް ސްކޭން ކުރުމާއި ކީމޯތެރަޕީ ފަދަ ހިދުމަތްތައް ލިބެން ހުރެ އެވެ. އެހެން ނަމަވެސް އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ނަމަ ދާންޖެހެނީ ބޭރުގެ ގައުމަކަށެވެ.

އެހެންކަމުން ޑރ. ޝިފާން އައިޖީއެމްއެޗްގައި ހިދުމަތް ދެއްވަން ފެއްޓެވުމަކީ ދިވެހިންނަށް އެކަމުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަކެވެ.

ހާއްސަކޮށް ދިވެހި ޑޮކްޓަރުންނަށް ދިވެހިން އިތުބާރު ކުރާ ވަރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން ދިވެހިންގެ ތެރޭގައި ހިމެނޭ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ދިވެހިން ކިއުގައި އެތައް ދުވަހަކު ތިބެ އެވެ.

comment ކޮމެންޓް