ރައީސް ސިރިސޭނާ އަށް އިތުރު އަހަރެއް ދޭން ފެނޭތޯ ބެންޗުގައި މަޝްވަރާކުރަން ފަށައިފި

ސްރީލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ: އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމަށް ސިރިސޭނާ ވަނީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގެންފައި --- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޖެނުއަރީ 11): ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުރު 2020ގައި ނިމުމުން އިތުރު އެއް އަހަރަށް ވެރިކަމުގައި ހުންނެވުމާ ބެހޭ ގޮތުން އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަސް މެމްބަރުންގެ ބެންޗަކުން މަޝްވަރާ ކުރަން ފަށައިފި އެވެ.

ލަންކާގެ ސުޕްރީމް ކޯޓުން އެ މަޝްވަރާތައް ފަށާފައި ވަނީ ސިރިސޭނާގެ ދައުރު އިތުރު ކުރުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އޭނާ ލަފާއަށް އެދިވަޑައިގަތުމުންނެވެ. ސިރިސޭނާ ވަނީ އަންނަ އާދިއްތަ ދުވަހު ނުވަތަ އޭގެ ކުރިން ގޮތެއް ނިންމައި ދިނުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ބެންޗުގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު ޕްރިޔަސަތު ޑެޕް އާއި ފަނޑިޔާރު އީވާ ވަނަސުންދެރާ، ބުވަނެކާ އަލުވިހަރޭ، ކޭ.ޓީ ޗިތުރަސިރީ އަދި ސިސިރާ ޑި އަބްރޫ އެވެ.

ސިރިސޭނާ އެފަދަ ލަފައަކަށް އެދިވަޑައިގެންފައި ވަނީ އެގައުމުގައި އެކަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ވިދިވިދިގެން ދެ ދައުރު ކަމަށް ކަނޑައަޅައި ރިޔާސީ ދައުރެއްގެ މުއްދަތު ހަ އަހަރުން، ފަސް އަހަރަށް ކުރު ކުރުމަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން 2015 ވަނަ އަހަރު ގާނޫނަށް އިސްލާހެއް ގެނައި ފަހުންނެވެ.

comment ކޮމެންޓް