އައިޖީއެމްއެޗު ފުރިހަމައެއް ނޫން، ކަންކަން ރަނގަޅު ކުރާނަން: ސީއީއޯ

ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭންފެށިތާ 70 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު ފަރުހަތު ޝަހީރު ވާހަކަފުޅުދައްކަވަނީ: އޭނާ ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުން އެތަނުގެ ތަރައްގީއަށް އެހީތެރިވުމަށް އެދިވަޑައިގަތްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އައިޖީއެމްއެޗަކީ ފުރިހަމަ ތަނެއް ނޫން ކަމަށާއި ނަމަވެސް މަރުކަޒު އިތުރަށް ރަނގަޅު ކުރުމުގެ ނިޔަތާއި އަޒުމް އެބައޮތް ކަމަށް ދައުލަތުގެ މައި ހޮސްޕިޓަލުގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭންފެށިތާ 70 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ހެނދުނު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަރުހަތު ވިދާޅުވީ، އެ މަރުކަޒުގެ ހިދުމަތްތެރިން ތިބީ އާ އަޒުމަކާއެކު، އާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.

އެގޮތުން ދިރާސާ ކުރުމާއި ތަމްރީނާއި ތަރުބިއްޔަތު ކުރުމުގެ ރޮނގުން ވެސް ކުރިއަށް ގެންދިއުމާ ހިދުމަތުގެ އާ ސޮފްހާއަކަށް ވަނުމުގެ އަޒުމް އައިޖީއެމްއެޗްގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި އެބަހުރިކަމަށް ފަރުހަތު ވިދާޅުވިއެވެ. އަދި ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަނީ އެކުރާ މަސައްކަތަކީ އުފަލެއް އަދި ވާޖިބެއް ކަމުގައި ދެކިގެން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތެރިން މި މާތް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިތިބީ އިންސާނީ ހިދުމަތުގެ ލޯތްބަށްޓަކައި. ވަރަށް ދަތި ހާލުގައި އުޅެމުންވެސް އަޅުގަނޑުމެންގެ ހުރިހާ ހިދުމަތްތެރިން 24 ގަޑިއިރު، އަދި ބޭނުންވެއްޖެ ހާލަތެއްގައި ހިދުމަތް ދިނުމުގައި ނިންޖާއި އަރާމު އަދި އާއިލާ ދޫކޮށް ހިދުމަތުގައި ދެމިތިބީ ލިބޭ އުޖޫރައަށް ބަލައިގެން ނޫންކަން ޔަގީންވެއްޖެ،" ފަރުހަތު ޝަހީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތަށް 70 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެގޮތުން ހިދުމަތް ފޯރުކޮށްދެމުންދާ ހާދިމުން ވަމުންދާ ގުރުބާނީތަކުގެ އަގާ ބައްދަލު އަގެއް ދައުލަތަށް ނުދެވޭނެކަން ފާހަގަކުރައްވައި، އައިޖީއެމްއެޗްގެ މުވައްޒަފުން މިދިޔަ އަހަރު ކުރެއްވި ހިދުމަތުގެ ތަފާސް ހިސާބުތަކެއް މިއަދުގެ ރަސްމިއްޔާތުގައި ޝަހީރު ވަނީ ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ތެރެއިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންނާއެކު ކެޝުއަލްޓީ އަދި އޯޕީޑީގެ ގޮތުގައި 380،769 މީހުން ޑޮކްޓަރުން ބައްލަވާފައިވާއިރު 14،000 މީހުން އެނދުމަތިކޮށް، ފަރުވާ ދީފައިވާ ކަމަށެވެ.

އަދި ދިވެނީންނާއި ބިދޭސީން ހިމެނޭ ގޮތަށް 291،815 މީހުން ލެބޯރަޓަރީގެ ހިދުމަތް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސިއްހީ ޚިދުމަތް ދޭންފެށިތާ 70 އަހަރު ފުރުން އެ ހޮސްޕިޓަލުން ފާހަގަކުރަމުންދާއިރު ޝަހީރު ވިދާޅުވީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ފަރާތުން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގައި އުނިކަންތައްތައް ކަމަށް ފާހަގަކުރެވޭ ކަންތައްތައް ހިއްސާ ކޮށްދެއްވައި، އެހީތެރިވެދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންނަށް އެހީތެރިވެ ދެއްވާށޭ. އަޅުގަނޑުމެންގެ ހިދުމަތުގައި ހުރި އުނިކަންތައްތައް ހިއްސާ ކޮށްދެއްވާށޭ. ގުޅިގެން ހިދުމަތް ރަނގަޅުކޮށް ފަސޭހަ ކޮށްދިނުމުގެ ރޫހެއްގައި މަސައްކަތް ކޮށްދެއްވާށޭ،" ފަރުހަތު ޝަހީރު ވިދާޅުވިއެވެ.

comment ކޮމެންޓް