ރޮހިންގާ މުސްލިމުން މެރި ކަމަށް މިޔަންމާ އަސްކަރިއްޔާއިން އެއްބަސްވެއްޖެ

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންގާ މުސްލިމުންގެ އަވަށްތަކުގައި ރޯކޮށްފައި -- ފޮޓޯ: އޭއެފްޕީ

ނޭޕީޑޯ (ޖެނުއަރީ 11): މިޔަންމާގެ ރަޚީން ސްޓޭޓުގައި ހިނގި ހަމަނުޖެހުންތަކުގައި އެގައުމުގެ ސިފައިން، ރޮހިންގާ މުސްލިމުން މަރާފައިވާނެ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެގައުމުގެ ހަތަރު ސިފައިން ވަނީ ރަޚީން ސްޓޭޓުގެ މައުންގުޑޯގައި ދިހަ "ބަންގާޅީ ޓެެރަރިސްޓުން" މަރާލައިފަ އެވެ. އަދި އެ "ޓެރަރިސްޓުން" މަރާފައި ވަނީ އަވަށުގެ ރައްޔިތުންގެ އެހީއާއެކު ކަމަށާއި އެމީހުން މަރާލީ ބުޑިސްޓުންނަށް އިންޒާރު ދިނުމުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުން މަރައި، އެމީހުންގެ ގެތަކުގައި ރޯކޮށް، އަންހެނުން ރޭޕްކުރި ކަމަށް ބުނާ ތުހުމަތުތައް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ.

ނަމަވެސް މިހާރު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންގާ މުސްލިމުން މަރާލި ސިފައިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރަޚީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ ރޮހިންގާ މުސްލިމުންގެ ހަތިޔާރު އެޅި ޖަމާއަތަކުން އެގައުމުގެ ފުލުހުންގެ 30 ޕޯސްޓަކަށް ހަމަލާދިން ފަހުންނެވެ. އޭގެ ސަބަބުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ 650،000 އަށް ވުރެ އިތުރުވެފަ އެވެ.

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް