އަނގައިގެ ކެންސަރު ޖެހެން މެދުވެރި ވަނީ ކީއްވެ؟

އަނގައިގެ ކެންސަރުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ----

އަނގައިގެ ކެންސަރަކީ ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ އޭޝިއާގައި އެންމެ އާންމު އެއް ބައްޔެވެ. އޭގެ ތެރެއިން ވެސް ރާއްޖޭގައި އަނގައިގެ ކެންސަރަކީ ގިނަ މީހުން ތަހައްމަލު ކުރާ ވޭނީ ބައްޔެކެވެ.

އަނގައިގެ ކެންސަރު ޖެހެން މެދުވެރިވަނީ ކީއްވެ؟
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަނގައިގެ ކެންސަރު ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ. މާ ގިނައިން ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދުފުމަކީ ޒަމާނުންސުރެ ވެސް ދިވެހިންގެ ކިބައިގައި އަށަގަނެފައިވާ އާދައެކެވެ. ދުފުމު ސަބަބުން ވެސް އަނގައިގެ ކެންސަރަށް މަގުފަހިވެ އެވެ. ހަމައެއާ އެކީ ދުފާއިރު ދުންފަތް މާ ގިނަ އަދަދަކަށް ބޭނުންކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

ކޯ ހެފި ނުވަތަ ދޫ ހެފި މާ ގިނަ ދުވަހު ފާރުގަނޑު ރަނގަޅު ނުވެ ހުރުމަކީ އަނގައިގެ ކެންސަރުގެ އަލާމާތެކެވެ. ބޭސް ބޭނުންކޮށްގެން ވެސް ފާރުގަނޑު ރަނގަޅުނުވާ ކަމަށްވާ ނަމަ ހާއްސަ އިސްކަމެއްދީގެން ޑޮކްޓަރަށް ދައްކާށެވެ.

އަނގައިގެ ކެންސަރު ޖެހުމުގެ އަނެއް އަލާމާތަކީ ކުޅު ދިރުވާއިރު ކަރުތެރޭގައި ރިއްސުމެވެ. ނަމަވެސް ކަރު ތެރެ ދުޅަވެފައި ހުރުމުގެ ސަބަބުން އެކަން ގިނަ މީހުންނަށް ދިމާވެދާނެ އެވެ. ނަމަވެސް އެކަހަލަ އެއްވެސް ސަބަބަކާ ނުލާ ކުޅު ދިރުވާއިރު މާ ބޮޑަށް ކަރުގައި ރިއްސާ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުން މުހިއްމެވެ.

އެއްޗެހި ހަފަން އުނދަގޫ ވުމާ އެކު ދިރުވަން އުނދަގޫ ވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދާށެވެ.

ހައްލަކީ ކޮބާ؟

ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ނަމަ އެކަން އަވަހަށް ހުއްޓާލާށެވެ. އެކަމަށް އާދަވެފައި ހުންނަ މީހަކަށް އެކަމަކީ މާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވިޔަސް މަޑު މަޑުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދާށެވެ.

މަސްތުވާތަކެތި ބޭނުން ނުކުރުމަކީ ވެސް އެކަމަށް އޮތް ހައްލެކެވެ. މަސްތުވާތަކެއްޗަކީ އިންސާނާގެ ހަށިގަނޑަށް އެއިން އެތައް ގެއްލުންތަކެއް ލިބިދޭ އެއްޗަކަށް ވާއިރު އެ ބޭނުން ކުރުން އެއްކޮށް ހުއްޓަން ޖެހެ އެވެ.

ކާ ކޮންމެ ގަޑި އެއްގައި ވެސް ތަރުކާރީ އާއި މޭވާ ބޭނުން ކުރަން އާދަކުރާށެވެ. ދުވާލަކު މަދުވެގެން މޭވާ އެއް ނުވަތަ ތަރުކާރީ ކާނަމަ ދަތްތައް ވަރުގަދަ ވުމުގެ އިތުރުން އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.

އަވިން ތުންފަތް ރައްކާތެރިކުރުމަކީ މުހިއްމު ކަމެކެވެ. ތުންފަތުގައި 'ލިޕް ބާމް' ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެ އެވެ.

(މަޔޯ ކްލިނިކް)

comment ކޮމެންޓް