ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުމެއް ހިނގައިފި

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ސެޝަންގައި ހަމަނުޖެހުން ހިނގާފައިވަނީ ޓްރެޝަރީ ބޮންޑުގެ މުއާމަލާތެއްގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވިގެން ކުރިއަށް ގެންދިޔަ ބަހުސެއްގައި ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުން ބޮންޑު ވިއްކީ އެތަނުގެ ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަރުޖުނާ މަހެންދްރަންގެ ދަނބިދަރި، އަރުޖުނާ އަލޯއިސިއަސްއަށެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުން މައްސަލަ ބަލައި ނިންމައި، ނެރުނު ރިޕޯޓާ ހަވާލައިދީ، ރައީސް ސިރިސޭނާ ވިދާޅުވީ އެ ކޮމިޝަނުން ކުރި ތަހުގީގުން ހާމަވާގޮތުގައި ސެންޓްރަލް ބޭންކުން ބޮންޑު ވިއްކި ކުންފުނިން ވަނީ ގާނޫނާ ޚިލާފަށް ފައިދާ ހޯދާފައި ކަމަށެވެ. އެކަމުގައި އޭރުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ އިހުމާލު އެބަ އޮތް ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

އޭރުގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ މައްޗަށް ރިޝްވަތު ދިނުމާއި، ދޮގު ހެކި ދިންކަމުގެ ދައުވާ އުފުލުމަށް ކޮމިޝަނުން ލަފާ އަރުވާފައިވާ ކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ. ބޮންޑުގެ މައްސަލާގައި 11145 މިލިއަން ރުޕީސްގެ ގެއްލުން ސަރުކާރަށް ލިބިފައިވާކަމަށް ތަހުގީގުން ހާމަވެއެވެ.

މިއަދު ހިނގި ހަމަނުޖެހުމުގައި ދެފަރާތުން ޖުމްލަ 50 މެންބަރުން ބައިވެރިވިކަމަށްް ހަބަރުތައް ބުނެއެވެ. ހަމަނުޖެހުމުގައި ބައެއް މެންބަރުންގެ ގަމީސް އިރައިގެން ދިޔަކަމަށާއި އެއްވެސް މެންބަރަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމުގެރިޕޯޓެއް ނުލިބޭ ކަމަށްވެސް ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

comment ކޮމެންޓް