ރާއްޖެއާއި ޗައިނާ އާ ދެމެދު ސޮއިކުރި އެފްޓީއޭ އާ ގުޅޭގޮތުން އިންޑިއާގެ ޕާލިމެންޓްގައި އަލުން މަޝްވަރާ ކޮށްފި

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާ އާ ދެމެދު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަނެއްކާވެސް މަޝްވަރާކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނޭޝަނަލް ކޮންގްރެސް އިން އިސްނަގައިގެން ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ އެއްބަސްވުމާއެކު އިންޑިއާ އަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން މީގެ ކުރިންވެސް މަޝްވަރާކޮށްފައެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން އިންޑިއާގެ މީޑިއާ ތަކުން ބުނެފައިވަނީ މިއީ ރާއްޖެ އާއި އިންޑިއާ އާ ދެގައުމުގެ ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މީގެކުރިން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިންޑިއާގެ މީޑިއާ ތަކަށް ދެއްވި އިންޓަވިއު ތަކުގައި ވިދާޅުވީ ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އިންޑިއާ އިން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އިސްކަން ދެނީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާނެ އެއްބަސްވުންތައް އެކުލަވާލުމަށް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ވާހަކަތަކުގެ އަޑު ގަދަވެފައިވަނިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ވަނީ އިންޑިއާ އަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފައެވެ.

comment ކޮމެންޓް